ރާއްޖޭގައި ޑިމޮކްރެސީއާއި ހަމަޖެހުން ގާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އދ.އަށް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ އިސް ބޭފުޅުން ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ހައިޖެކްކޮށް އަސްކަރިއްޔާގެ ދަށަށް މުޅި ގައުމު ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރެސީ އިއާދަކޮށް، ގައުމުގައި ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އދ.އަށް ގާސިމް އިބްރާހީމް ވަނީ ގޮވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ ހާލަތު މިގޮތުގައި ދެމިގެން ދިއުމަކީ ހަމައެކަނި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ގައުމުގެ އިގުތިސާދަށް ވެސް ލިބެމުންދާ ކަމަށެވެ.
ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ އިސްވެސްޓަރުންގެ މަސްލަހަތުތައް ހިމާޔަތްކޮށް، ގާނޫނުގެ ވެރިކަން ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ވަނީ ގައުމުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި މިމޭރުމުން މީގެ ކުރިންވެސް ޓުވީޓު ކުރައްވާފައެވެ. އެގޮތުން ގައުމުގައި ޚިޔާނާތާއި ފަސާދަ އާންމުވެ ރައްޔިތުންގެ ހައްގުތައް ޗިސްޗިސްކޮށްލާފައިވާ ކަމަށާއި ގައުމުގައި ގާނޫނުގެ ބާރު އަލުން ހިންގައި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ބުރުލެއް ނާރާނޭ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމަތު އަލުން ގާއިމުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެމަނިކުފާނު ގޮވާލައްވާފައި ވެއެވެ.
އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ގާސިމް އދ.އަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ