މެންބަރު އަބްދުﷲ އާއި އަމީތު މިއަދުވެސް ޕޮލިހަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު މިއަދު ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
މި ދެ ބޭފުޅުން މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ފުލުހުން އަންގައިގެން ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެ، މި ދެ ބޭފުޅުންނާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލާގައި ކުރިއަށްދާ ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވުމުން އެކަމަށް ފުރުސަތު ދިނުމަށްފަހު އެވެ.
މެންބަރު އަބްދުﷲ އަހްމަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު އެވެ. މެންބަރު އަމީތު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:00 ޖަހާއިރު އެވެ.
މި ދެ ބޭފުޅުން ފުލުހަށް ހާޒިރުކޮށް ސުވާލުކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަައިވަނިކޮށް މިމަހުގެ 26 ވަނަ ދުވަހު ބަޔަކު އިސްނަގައިގެން މާލެތެރޭގެ އަމަންއަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމާއެކު މާލެ ތެރޭގެ އެކި ސަރަހައްދުތަކަށް އެއްވެ އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މުޒާހަރާކޮށް ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.
މި ދެ ބޭފުޅުން ވެސް ވަނީ މިއީ ސިޔާސީ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ ފުލުހުންގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
މިމައްސަލާގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ މި ދެ ބޭފުޅުންވެސް ހައްޔަރުކުރި ނަމަވެސް ޖެހިގެން އައި ދުވަހުގެ ރޭ މި ދެ ބޭފުޅުން ވެސް ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުންގެ އިދާރާއިން ރޭ ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ މެންބަރު އަމީތާއި މެންބަރު އަބްދުﷲ ވިދާޅުވީ އެބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށްވާތީ ވަކީލަކު ހޯދަން ވަަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި އެހެންކަމުން ވަކީލަކު ހޯދުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފުލުހުންނަށް ދެންނެވި ނަމަވެސް އެފަަދަ ފުރުސަތެއް ނުދެއްވި ކަމަށެެވެ.
މެންބަރު އަބްދުﷲ އާއި އަމީތު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެބޭފުޅުންނަށް ބިރު ދައްކާ ޖެއްސުން ކުރުމަށް ކަމަށާއި ނަމަވެސް ގާނޫނީ އިމުގެ ތެރެއަށް މިސަރުކާރު ވެއްދުމަށް ކުރާ މަސައްކަތުގައި އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ