އިމްރާން ޖަލުގައި ހުންނެވުމަކީ ގައުމަށް ލިބޭ ހުތުރެއް: މައުމޫން

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބޭ ބޮޑު ހުތުރެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރު މޭ ޑޭ ގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޓެރަރިޒަމް ކުށް ސާބިތުވެ ޖަލަށް ލާފައިވާތާ 1000 ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ އިމްރާން އަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި އެމަނިކުފާން 1000 ދުވަސް ވަންދެން ޖަލުގައި ހުންނެވުމަކީ ދިވެހި ތާރީހުގައި ޖެހިގެންދާނެ ހުތުރު ލައްގަޑެއް ކަމަށެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން އިމްރާން ސިފަ ކުރައްވާފައިވަނީ ގައުމީ ޒައީމެއްގެ ގޮތުގައެވެ.
"މިއަދު ވެސް އެމަނިކުފާނު އެ ހުންނެވީ ކުޑަގޮޅީގައި، ވަރަށް އަނިޔާވެރި ގޮތެއްގައި. މިއީކީ އިސްލާމީ ނިޒާމެއްގައި ކަންތައް އޮންނަންވީ ގޮތެއް ނޫން،"
މައުމޫން ވިދާޅުވީ ހުރިހާ ނުބައެއްގެ ފެށުން އަންނަނީ އަނިޔާވެރިކަމުންކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް އިސްލާމް ދީނުގައި އަންގަވާފައިވާކަމަށް މައުމޫން ވިދާޅުވިއެވެ.
އިމްރާންއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަދާލަތުޕާޓީ ސަރުކާރު ކޯލީޝަންގައި އޮވެ ގައުމުގައި އޭރު ހިގަމުން ދިޔަ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރިކަމަށެވެ. އެކަމުގައި ޝެއިހް އިމްރާން އިސް ދައުރެއް އަދާ ކުރެއްވިކަން މައުމޫން ފާހަގަ ކުރެއްްވިއެވެ.
މޭއި ޑޭގެ މުޒާހަރާއި ގުޅިގެން އިމްރާން ހައްޔަރުކޮށް 12 އަހަރަށް ޖަލަށްލާފައިވާ އިރު އެދުވަހު ހިންގި ޖަރީމާތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ރޭވުމެއްކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ