އެމްޑީއޭގެ ވަގުތީ ލީޑަރަށް ކުރީގެ ރައީސް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސް (އެމްޑީއޭ) އުފެދުމުގެ މުނާސަބަތުގައި އެ ޕާޓީގެ އިންތިގާލީ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު މައުމޫން އެމްޑީއޭގެ އޮފީހަށް ފޮނުއްވި ތަހުނިޔާ މެސެޖްގައި ވިދާޅުވެފައިވަނީ އެމްޑީއޭ އުފެދުމުގެ އުފާވެރި މުނާސަބަތުގައި ޕީޕީއެމްގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވާ ކަމަށެވެ.
އަދި ޕާޓީގެ އިންތިގާލީ ލީޑަރަކަށް ސިޔާމް ހޮވިވަޑައިގަތުމަކީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށާއި ސިޔާމަކީ ސިޔާސީ ތަޖުރިބާ މުއްސަނދި ބޭފުޅެއް ކަމަށް މައުމޫނު ވިދާޅުވި އެވެ.
އަލަށް އުފެއްދި ޕާޓީގެ ސަބަބުން ގައުމަށް ހަމަޖެހުމާއި ކުރިއެރުން ލިބުމުގެ ފުރުސަތު އިތުރަށް ހުޅުވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގައުމަށް ލާބަޔާއި މަންފާ ހުރި ކޮންމެ ކަމެއްގައި ޕީޕީއެމް އިން އެމްޑީއޭ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ