އޭދަފުށީގެ ކޮވިޑް ހާލަތު : އަދަދުތައް ދަށަކަށް ނުދޭ، މިއަދުވެސް އަލަށް 12

އޭދަފުށީގައި ކޮވިޑްގެ އަދަދުތައް ދަށަށްނުގޮސް މިއަދުވެސް އަލަށް 12މީހުން ޕޮޒިޓިވް ވެއްޖެ އެވެ.
އޭދަފުށިން އިތުރު 12މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 24 އަށް އަރާފައެވެ.
ޕޮޒިޓިވްވި މީހުންގެތެރޭގައި ރޯގާގެ އަލާމާތްތަކެއް ހުރެގެން މިއަދު ބ.އަތޮޅު ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކުވެސް ހިމެނެއެވެ.
އޭދަފުށިން މި ބައްޔަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
މިހާތަނަށް އެރަށުން 452 ސާމްޕަލްއެއް ވަނީ ނަގާފައެވެ. އިތުރު ސާމްޕަލްތަކެއް ޓެސްޓްހެދުމަށް މާފަރުގައި ހުންނަ ލެބޯޓަރީއަށް ފޮނުވާފައިވާކަމަށާ، އެ ސާމްޕަލްތުގެ ނަތީޖާވެސް މިރޭ ލިބޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ކައުންސިލުން ވަނީ ބަލިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފަ އެވެ.
އެގޮތުން ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ދިޔަނަމަވެސް އެކަކަށްވުރެ ގިނަ މީހުން ނުނިކުތުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. މި ގޮތަށް ނުކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.
އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ބ. އަތޮޅު ހޮސްޕިޓަލުގެ ހޮޓްލައިން 6608309 އާ ގުޅައި އެތަނުގެ ފްލޫ ކްލިނިކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށާ ކުއްލި ހާލަތުގައި 7740374 ނުވަތަ 9998110 ނަންބަރު ފޯނާ ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ކައުންސިލުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ