ޑރ. ޑީޑީ އާއި ޑރ. ޝަމްހީދަކަށް ޑިމޮކްރަސީ އެއް ނޭނގޭ: ގާސިމް

އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންނެވި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) އާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމް އިބްރާހީމްގެ ކެންޕޭން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. އަހުމަދު ޝަމްހީދަށް ޑިމޮކުރެސީ އެނގިވަޑައިނުގަންންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ޑރ ޑީޑީ އާއި ޑރ. ޝަމްހީދާއި މޫސާ ރަމީޒަކީ ޖުމްހޫރީ ޕާޓީގައި މަސައްކަތް ކުރި އެމްޑީޕީގެ "އެޖެންޓުން" ނުވަތަ "ޖާސޫސޫން"ތަކެއް ކަމަށެވެ. އަދި ކައުންސިލަށް ހުށަހެޅުނު މައްސަލައެއްގައި ކައުންސިލްގައި ބަހުސް ކުރުމަށް ފަހު ވޯޓް ނިންމި ކަމެއް ގަބޫލުނުކުރުމުން ދޭހަވެގެން ދަނީ އެ ބޭފުޅުންނަށް ޑިމޮކްރަސީ އެނގިވަޑައިނުގަންނަވަނީ ކަން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ޑރ. ޑީޑީ އާއި ޑރ. ޝަމްހީދާއި މޫސާ ރަމީޒަކީ "ޖަސޫސުން" "އެމްޑީޕީގެ އޭޖެންޓުން". އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ދެ ޕާޓީގެ ޕްރޮޕޯސަލަށް ވެސް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވުނު. ޕާޓީގެ ކައުންސިލްގެ 15 މެމްބަރުންގެ އަޣުލަބިއްޔަތުން ޕީޕީއެމް އަށް ތާއީދުކުރަން ނިންމުމުން އެކަން ގަބޫލު ނުކުރެވުމަކީ އެ ބޭފުޅުންނަށް ޑިމޮކްރަސީ ނޭނގުން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެ ބޭފުޅުން ދިއުމުން އެއްވެސް ގެއްލުމެއް ވެސް އެކަމާއި ދެރައެއް ވެސް ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް ދައްކަން ޖެހުނީ ޕާޓީން ވަކިވުމަށްފަހު ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުންދާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޑރ. ޑީޑީ އާއި ޖޭޕީގެ ކައުންސިލް މެމްބަރު ޝަމްހީދާއި ކައުންސިލް މެމްބަރު ރަމީޒުގެ އިތުރުން މާލޭ ސިޓީ ކައުންސިލަރު އަހުމަދު ހަމީދު (ފްލައި) މިއަދު އެމްޑީޕީ އަށް ސޮއިކުރެއްވާފައި ވަނީ ކިހިނެތް ވެގެން ކޯޗެއް ދީގެންކަން އެނިގިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޑރ ޑީޑީ އާއި ޑރ ޝަމްހީދަކީ އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ އަށް ތެދުވެރި ބައެއް ނޫން ކަމަށެވެ. އަދި އެ ބޭފުޅުން ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނަށް ތާއިދު ހޯއްދަވައި ދެއްވަން މަސައްކަތް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އަށް ތާއިދު ކުރެއްވީ މަޖުބޫރުވެގެން ކަމަށް މިއަދު އެމްޑީޕީ އަށް ސޮއި ކުރެއްވި ބޭފުޅުން ވިދާޅުވުމަކީ ތެދު ހަގީގަތެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ޕީޕީއެމް އަށް ތާއީދު ކުރެއްވީ ދިވެހި ގައުމާއި އިސްލާމް ދީނާއި ރައީސް ނަޝީދުގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުން ދެން ނަޝީދަކަށް ވޯޓެއް ނުދޭނެ ކަމަށެވެ.
"އަޅުގަނޑުގެ އާދޭހަކީ، އަޅުގަނޑު ދުވަހަކު ވެސް މީހަކަށް އެހީއެއް ވެދީފައި ވާނަމަ، ﷲ އާއި ރަސޫލާ ގަންދީ މި ދަންނަވަނީ، އާދޭހާ އެކު ޔާމީނަށް ވޯޓު ދެއްވާށޭ. ނަޝީދު ވެރިކަމަށް ގެނައުމަށް ވުރެ ނިކަމެތި ކަމެއް ނޯންނާނެ. ބޭރު ގައުމުތަކުން ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ އަށް ލާރި އަޅަން ވީނޫންތޯ؟ އެކަމަކު ހުރިހާ ލާރިއެއް މި އަޅަނީ އެމްޑީޕީ އަށް. ކުދިންނޭ، ދަރިންނޭ، ހެޔޮ ނުވާނެ އިނގޭތޯ، މިކަން ކުރާކަށް." ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީއަށް ހަރަދު ކުރަނީ ބޭރުގެ ފަރާތްތަކުން ކަމަށް އިޝާރާތްކޮށް ގާސިމް ވަނީ އެމްޑީޕީއާ ގުޅުނު ޖޭޕީގެ ބޭފުޅުނަކީ ރިޝްވަތު ހިފި މީހުން ކަމަށް ސިފަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. ގާސިމް ވިދާޅުވީ އެ ބޭފުޅުން އެމްޑީޕީއަށް ވަޑައިގެންނެވީ "ލާރިއަށް" ކަމަށާއި "އެ މީހުން ވަނީ ގަނެފައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ