ދަރިވަރުން ހޯދާ ނަތީޖާތައް މުޅިން ރަނގަޅަށް ބެލޭނެ ނިޒާމެއް ގާއިމުކޮށްފި

ދަރިވަރުން ހޯދާ ނަތީޖާތައް މުޅިން ރަނގަޅަށް ބެލޭނެ ނިޒާމެއް ގާއިމުކޮށް، ކިޔެވުމުގެ ނަތީޖާ ރަނގަޅު ކުރުމުގެ ޕްރޮގްރާމެއް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިފްތިތާހްކޮށްފި އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުން އެޑިއުކެޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންގެ އުނގެނުމާއި ބެހޭ ހުރިހާ މައުލޫމާތު އެއްކުރެވި، އެ މައުލޫމާތު ރަނގަޅު ގޮތުގައި ބެލެހެއްޓި، ދަރިވަރުންނަށް އިތުރު އެހީ ބޭނުންވާ ދާއިރާތައް ފާހަގަކުރެވި، އެދަރިވަރުންނަށް އިތުރުއެހީ ފޯރުކޮށްދެވޭނެ ގޮތްތައް ރޭވުމަށް މަގުފަހި ވެގެންދާނެ ކަމަށްެވެ.
މިހުރިހާ ކަމަކަށްވެސް އެންމެ މުހިންމު ކަމަކީ ޓީޗަރުންނަށް އެކަށީގެންވާ ރަނގަޅު ތަމްރީނުތަކެއް ލިބުން ކަމަށް ވިދާޅުވިއެވެ
އެގޮތުން އަންނަ ހަފްތާ ތެރޭގައި ދެހާސް ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ސޮއިކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ރަނގަޅަށް ބެލޭނެ ނިޒާމެއް ގާއިމް ކުރެވިގެން ދިޔުމުން، އެ ޕްރޮގްރާމްގެ އެހީގައި ވަކިވަކި ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންވީ ކަންތައްތައް ދެނެގަނެވޭނެ ކަމަށެވެ.
މި ޕްރޮގްރަމުގައި އެއްކުރެވޭ މައުލޫމާތުތަކަށް ބަލައި ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން ކޮންމެ ގްރޭޑްއަކުން ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ މާއްދާތައް ދެނެގަނެވޭނެ ކަމަށާއި ޓީޗަރުންނަށް ތަމްރީން އެންމެ ބޭނުންވާ ދާއިރާ ފާހަގަކުރެވި އެދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތު ފަހިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ