"ހަވީރު"ގެ މިލްކުވެރިކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ހަވީރު ނޫހުގެ މިލްކްވެރިކަމާ ގުޅޭގޮތުން ހައިކޯޓުން ނިންމި މައްސަލަ އިސްތިއުނާފް ކުރެއްވުމަށް ހަވީރު ނޫހުގެ ޗެއާމަން އަދި މިދިޔަ ދުވަސްތަކުގައި ހަވީރު ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓެވި ޑރ. މުހައްމަދު ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ޑރ. ޒާހިރަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ލިޔުމުގައި ބުނެފައިވަނީ ހަވީރުގެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅި ސަބަބުތަކަށް ބަލާއިރު ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ ހައިކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށް ވާތީ އާއި ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހަވީރު ނޫސް އެޖެންސީގެ މިލްކްވެރިކަމާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅުނު މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އެކަނި ހިއްސާވާ އެޖެންސީއެއް ނޫން ކަމަށެވެ. މީގެ އިތުރުން އެ އެޖެންސީގެ ހިއްސާދާރުންގެ ތެރޭގައި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ އިތުރުން ހ. ޓައިމްލެސް މުހައްމަދު ނައީމް ހިމެނޭ ކަމަށްވެސް ހުކުމްގައިވެ އެވެ.
ހަވީރު ނޫހުގެ މިލްކްވެރިކަމާ ގުޅޭ ގޮތުން ހައިކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ޑރ. ޒާހިރު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިމައްސަލަ ނިންމާފައި މިވަނީ އޭގެ ހަމަސް ދުވަސް ފަހުންނެވެ.
ހަވީރު ނޫސް އެޖެންސީގެ ހިއްސާދާރުންގެ ބައިވެރިވުމެއް ނެތި ހަވީރު ނޫހާއި ހަވީރު އޮންލައިން ހިންގުން މަނާކޮށް ސިވިލް ކޯޓުން ވެސް މިހާރު ވަނީ އަމުރެއް ނެރެފަ އެވެ. ސިވިލް ކޯޓުގެ އަމުރާ ގުޅިގެން ހަވީރު ނޫހާއި ހަވީރު އޮންލައިން ނެރުނު މިހާރު ވަނީ ހުއްޓާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ