ވަކިމުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައި ހުންނެވި ފެމިލި ކޯޓުގެ ކުރީގެ އިސް ގާޒީ ހަސަން ސައީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ހަސަން ސައީދު މި މައްސަލަ ގެންދިއުމާއި ގުޅިގެން މިމަހުގެ ހަވަނަ ދުވަހު ސިވިލް ކޯޓުން ވަނީ މިމައްސަލަ ބާތިލްކޮށްފަ އެވެ.
ސިވިލް ކޯޓަށް ގާޒީ ހަސަން މައްސަަލައެއް ހުށަހެޅުއްވީ ޖޭއެސްސީން އޭނާގެ މައްސަލައެއް ބަލަން ފެށުމުންނެވެ.
ހަސަން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އޭނާ ސަސްޕެންޑު ކުރި މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ އެމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ޖޭއެސްސީ އިން ބަލަމުންދާ އޭނާގެ މައްސަލަ މަޑުޖައްސާލުމަށާއި އަދި ކޯޓުން ގޮތެއް ނިންމަންދެން އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
ޖޭއެސްސީ އިން ހަސަންގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ފެމިލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓްގެ ބައްދަލުވުމެއްގައި ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިއްބެވި އެންމެ ކޮރަޕްޓް ފަނޑިޔާރުން ކަމަށާ އެބޭފުޅުން ހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ހަސަން ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެންނެވެ.
ހަސަން މިގޮތަށް ވާހަކަދައްކެވި ކަމަށް ބުނާ ދުވަސްވަރަކީ ކްރިމިނަލް ކޯޓުގެ ކުރީގެ ދެ ގާޒީން ކަމުގައިވާ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު ޝުޖާއު އުސްމާން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެވުނު ދުވަސްވަރެވެ.
ހަސަން ހުށަހެޅުއްވި މި މައްސަލަ މީގެކުރިން ސިވިލް ކޯޓަށް ބަލައިގަތުމާއި ގުޅިގެން ކޯޓުން ވަކި ގޮތެއް ނިންމަންދެން ޖޭއެސްސީ އިން ބަލަމުންދާ އޭނާގެ ސުލޫކީ މައްސަލަ މަޑުޖައްސާލުމަށް ހަސަންގެ ފަރާތްޕުޅުން ކޮމިޝަންގައި ވެސް މީގެ ކުރިން އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް ކޮމިޝަނުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަރީފްގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށް އޭނާ ވެސް ވަނީ އެމައްސަލަ ކޯޓަށް ހުށަހެޅުއްވި އެވެ. އެހެންކަމުން މިއީ ފަނޑިޔާރަކު ސަސްޕެންޑް ކުރި މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހެޅުނު ދެވަނަ ފަހަރެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަން ފެށީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރި ފަހުންނެވެ.
ހަސަން ސައީދުގެ ބަދަލުގައި ފެމިލީ ކޯޓަށް އަދި އިސް ގާޒީއަކު ހަމަޖައްސާފައެއް ނުވެ އެވެ.
ގާޒީ ހަސަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ