އިނގުރައިދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލި މީހެއްގެ ނަން އިލެކްޝްންސް އިން ބާތިލްކޮށްފި

ރ. އިނގުރައިދޫ އަތޮޅު ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބާތިލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހ. ތިލަފުށި، އަބްދުލްހަމީދު ހަސަންގެ ނަން ބާތިލް ކުރީ ލޯކަލް ކައުންސިލް އިންތިހާބުގެ 12 ވަނަ މާއްދާގައި ބުނާ ޝަރުތެއް ފުރިހަމަ ނުވެގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތެއް ކަމެއް އެ ކޮމިޝަނުންނެއް ނުބުނެ އެވެ.
"ލޯކަލް ކައުންސިލް ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ޝަރުތެއް ފުރިހަމަ ނުވެގެން ކެންޑިޑެސީ ބާތިލް ކުރީ. އެކަމަކު އެއީ ކޮން ޝަރުތެއް ކަމެއް އަޅުގަނޑުމެންނަކަށް މީޑިޔާއަކަށް ހާމައެއް ނުކުރެވޭނެ،" އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިހާތަނަށް އައިއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ގިނަ ބައެއްގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ. އަދި ކެންޑިޑެސީ ބާތިލް ކުރި އެމްޑީޕީ ކެންޑިޑޭޓަކު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިރޭ ބޭއްވުމަށް އެ ކޯޓުން ވަނީ ޝެޑިއުލް ވެސް ކޮށްފަ އެވެ. މީގެ އިތުރުން އިންތިހާބަށް ކުރިމަތިލުމަށް އެޕްލިކޭޝަނެއް ބަލައިނުގަތުމުން ކެންޑިޑޭޓަކު ވަނީ ހައި ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. ހައި ކޯޓުން ހުކުމް ކުރީ އޭނާގެ ކެންޑިޑެސީ ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
ކެންޑިޑެސީ ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރީ، މ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި މ. މާކޯނި އަލީ ނިޝާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ