ކަނުހުރާ އިން ވަގަށް ނެގި ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާ އޭގެ ވެރިފަރާތާ ހަވާލުކޮށްފި

ޅ. އަތޮޅު ކަނުހުރާ ރިސޯޓްގެ ރޫމަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ވަގަށް ނަގާފައިވަނިކޮށް އެ ޑޮލަރުތައް ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ކަނުހުރާ ރިސޯޓުގެ ރޫމަކުން 10،000 ޑޮލަރު (154،000 ރ) ވަގަށް ނަގާފައިވާ ކަމަށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލަކާއި ގުޅިގެން އެ ޑޮލަރުތަކުގެ ތެރެއިން 8500 ޑޮލަރު އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުން ހޯދާފައިވާ ކަމަށާއި ބާކީހުރި 1500 ޑޮލަރު ހޯދާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ ޑޮލަރުތަކުގެ ތެރެއިން 8500 ޑޮލަރު ފެނިފައިވަނީ އެރިސޯޓްގައި ދުއްވަ ބަގީ އެއްގެ ތެރެއިން ކަމަށާއި އަދި 1500 ޑޮލަރު ފެނިފައިވަނީ ފަތުވެރިން ބޭނުންކުރާ ރޫމެއްގެ ކުރިމަތީގައި އޮތް ގަލެއްގެ ދަށަށް ލައި ފޮރުވާފައިވަނިކޮށް ކަމަށްވެސް ބުނެ އެވެ.
މިމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނައިފަރު ޕޮލިސް ސްޓޭޝަނުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކަނުހުރާ އިން ވަގަށް ނެގި ގިނަ އަދަދެއްގެ ޑޮލަރު ތަކެއް ހޯދައި ޑޮލަރުތައް އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޑޮލަރު ތަކުގެ ވެރިފަރާތަކީ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓެއް ކަމެއް ނުވަތަ ރިސޯޓުގެ ފައިސާތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ