ރައީސް ޔާމީން އެއްވެސް ގޭންގަކާއި ގުޅުމެއް ނެތް: އުމަރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަކީ އެއްވެސް ގޭންގަކާއި ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަޒީރާ ކުރެއްވި ސުވާލަށްފަހު އިތުރު ސުވާލުކުރެއްވުމަށް މެންބަރުންނަށް ހުޅުވާލުމުން އެމްޑީޕީގެ ގަމް ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޔާމީން އަކީ އެއްވެސް ގޭންގަކާއި ގުޅުމެއް ނެތް ބޭފުޅެއް ކަމަށް ހޯމް އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެން އިތުރު މެންބަރަކު އެކަމާއި ގުޅިގެން އިތުރު ސުވާލެއް ކުރައްވާފައެއް ނުވެ އެވެ. އަދި މިމައްސަލައިގައި އުމަރު ވެސް މިއަދުގެ ޖަލްސާގައި އިތުރު ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ.
ރައީސް ޔާމީން އަކީ އެއްވެސް ގޭންގަކާއި ގުޅުމެއް ނެތް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު މިއަދު ވިދާޅުވި ނަމަވެސް ރައީސް ޔާމީންއަކީ ގޭންގްތަކާއި ގުޅުން އޮންނަ ބޭފުޅެއް ކަަމަށް އުމަރު މީގެ ކުރިން ތަފާތު އެތައް ފަހަރެއްގެ މަތިން ތުހުމަތުކުރައްވާފަ އެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރިއަށްގެންދިޔަ ޕްރައިމަރީގައި އުމަރު ވަނީ މިތުހުމަތު ރައީސް ޔާމީންގެ މައްޗަށް ކުރައްވާފަ އެވެ. އަދި ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހަކާ ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް ވެސް އުމަރު އޭރު ވަނީ ތުހުމަތުކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ޔާމީން އަކީ ކޮރަޕްޝަނާ ފަސާދައާއި ގާތް ބޭފުޅެއް ކަމަށް ވެސް ތަކުރާރުކޮށް އުމަރު ވިދާޅުވެފައިވެ އެވެ.
އުމަރު ނަސީރު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ދެއްކެވި މި ވާހަކަތަކާއި ގުޅިގެން ޕީޕީއެމުން އޭރު ވަނީ އުމަރު އެ ޕާޓީގެ މެންބަރު ކަމުންވެސް ވަކިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ