މަޑުއްވަރީ ކަރަންޓް މައްސަލައަށް މާދަމާ ހައްލުކުރެވޭނެ: ނިމާލް

ރ. އަތޮޅު މަޑުއްވަރީގައި ކަރަންޓްނެތި 24 ގަޑިއިރު ވެފައިވާއިރު އެރަށުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް މާދަމާ ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިހެން ވިދާޅުވީ މަޑުއްވަރީ ކަރަންޓް މައްސަލައިގައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޑުއްވަރީގެ ކަރަންޓުގެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ވިޝާމް އަލީއެވެ. މަޑުއްވަރީގެ ކަރަންޓުގެ މައްސަލައިގައި ނިމާލްގެ އިތުރުން އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވެސް މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކުރައްވާފަ އެވެ.
ކޮމިޓީގައި ނިމާލް ވިދާޅުވީ އިއްޔެ ހެނދުނު 10 އިން ފެށިގެން މަޑުއްވަރީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާތީ އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ރަށުގެ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ގުޅިފަޅުގައި ހުރި ދެ އިންޖީނު ގަތުމަށް ވިސްނާފައިވާ ކަމަށާއި އެ ދެ އިންޖީނު ގަތުމާމެދު އޭސީސީގެ ބަހެއް ހޯދުމަށް އެކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
ނިމާލް ވިދާޅުވީ އޭސީސީން އެ ސިޓިގެ ޖަވާބު ލިބުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ގުޅިފަޅުގައި ހުރި މުޅިން އާ ދެ އިންޖީނު މާދަމާ ހަވިރު މަޑުއްވަރީއަށް ފޮނުވި މާދަމާރޭ ދަންވަރު އެރަށުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނިމާލް އިތުރަށް ވިދާޅުވީ ފެނަކައިން ހަވާލުވެފައިވާ ރަށްތަކުގެ ތެރެއިން 50 ޕަސެންޓް ރަށްތަކުގައި ކަރަންޓް ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ރާއްޖޭގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް މަދުވެގެން 80 މިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ކޮމިޓީގެ މުގައްރިރު، ތޮއްޑު ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރެއާ ހަމައަށް މަޑުއްވަރީ ކަރަންޓް މައްސަލަ ހައްލުވޭތޯ ކޮމިޓީން ބެލުމަށްފަހު އަނެއްކާވެސް ފެނަކަ ކޯޕަރޭޝަން ކޮމިޓީއަށް ހާޒިރު ކުރަން ޖެހިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ