ބާރަށު އަންހެން ދަރިވަރުން ބުރުގާ އަޅަން ފާސްކުރީ ބެލެނިވެރިން އިސްނައިގެން: ސްކޫލް ބޯޑް

އަންނަ އަހަރުން ފެށިގެން ހއ. ބާރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ކުދިން ބުރުގާ އަޅަން މަޖުބޫރުކޮށް އެފަދަ ގަވާއިދެއް ސްކޫލް ބޯޑުން ފާސްކުރި ނަމަވެސް އެ ގަވައިދު ތަންފީޒު ކުރާނީ އެޑިއުކޭޝަނުން އެ ހުއްދަ ދިނުމުން ކަމަށް ބާރު ސްކޫލް ބޯޑުން ބުނެފި އެވެ.
ބޯޑުގެ ޗެއާޕާސަން އަހުމަދު ޔޫސުފް ވީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސްކޫލް ޔުނީފޯމަށް އިސްލާހު ގެނެސް ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ބުރުގާ އަޅަން ނިމްމައި އެކަން އެކަން ބެލެނިވެރިންގެ ސަމާލު ކަމަށް ގެންދިޔަ ނަމަވެސް އެ ގަވައިދު ތަންފީޒު ކުރާނީ މިނިސްޓްރީ އެކަމަށް ހުއްދައެއް ލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން [ސްކޫލް ބޯޑުން] އަދި ސްކޫލް މެނޭޖްމެންޓުން ވަނީ އެގޮތަށް [ގްރޭޑް ހަތަރަކުން މަތީގެ އަންހެން ކުދިން ބުރުގާ އަޅަން] ނިންމާފައި. އެހެން ނަމަވެސް އެގޮތަށް މުޅިން އެއްކޮށް ކަނޑަ އެޅޭނީ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅާ މިނިސްޓްރީން އެކަން ފާސް ވީމަ،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މިއީ ބެލެނިވެރިން އިސްނަގައިގެން ނިންމި ނިންމުމެއް ކަމަށާއި އަދި މި ނިންމުމުގެ މަގުސަދަކީ އިސްލާމް ދީނަށް ދަރިވަރުން ހޭލުންތެރި ކުރުވާ ދީނީ ލޯބި ކުދިންގެ ކިބާގައި އަށަގެންނެވުން ކަމަށެވެ.
އަންނަ އަހަރު ބާރަށު ސްކޫލްގެ ދަރިވަރުންގެ ޔުނީފޯމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެސްކޫލް ބޯޑުން ނިންމާފައިވާއިރުވީ އަހުމަދު ވިދާޅުވީ ބަލި ހާލަތު ހުންނަ ގޮތުން ބައެއް ކުދިން އިސްތިސްނާ ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ދަރިވަރުން ސިއްހީ ސެޓްފިކެޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ގަވައިދުގެ ދަށުން އަންހެން ކުދިންގެ ޔުނީފޯމުގެ ގޮތުގައި ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ސްކާޓަކާއި ހުދު ހަރުވާޅެއް ކަނޑައަޅާފަ ވާއިރު ފިރިހެން ކުދިންގެ ތެރެއިން ޔުނީފޯމް ބަދަލުވާނީ ހަމައެކަނި ޕްރިފެކްޓު ކުދިންގެ އެވެ. އެގޮތުން އެކުދިންގެ ޔުނީފޯމުގެ އަތް ދިގުކޮށް، ޓައީ އަޅަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ