ކްރިސްޓަލްސޭންޑްސް ހަމައެކަނި ސޯލާ އިން ކަރަންޓު އުފައްދާ ގެސްޓްހައުސް އަކަށް

އާއްމު ކަރަންޓުގެ ބަދަލުގައި އިރުގެ ހަކައިން ހަކަތަ އިން އުފައްދާ ކަރަންޓު ބޭނުންކުރާ ގެސްޓްހައުސް އަކަށް ކްރިސްޓަލްސޭންޑްސް ވެއްޖެ އެވެ.
ކްރިސްޓަލް ސޭންޑްސް އިން "އަވަސް" އަށް ފޮނުވި މެއިލްއެއްގައި ބުނީ ކ. މާފުށީގައި އެ ކުންފުނިން ހިންގާ ކްރިސްޓަލް ސޭންޑްސް ގެސްޓްހައުސްގައި ކުރިން ބޭނުންކުރަމުން ދިޔަ ކަރަންޓުގެ ބަދަލުގައި މިހާރު ބޭނުން ކުރަމުން ގެންދާނީ އިރުގެ ހަކަތަ އިން ކަރަންޓު އުފައްދާ ސޯލާ ޕެނަލްތައް ކަމަށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ގެސްޓްހައުސްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ސަބަބުން އާއްމުކޮށް މިހާރު ބޭނުންކުރާ ކަރަންޓުގެ ބަދަލުގައި ގެސްޓްހައުސްގެ ހުރިހާ ކޮޓަރި އަކަށް ސޯލާ ޕެނަލަގެ ހަކަތަ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
މާފުށީގައި ހިންގާ ކްރިސްޓަލް ސޭންޑްސް- ފޮޓޯ: ކްރިސްޓަލް ސޭންޑްސް
"އަޅުގަނޑުމެންގެ 18 ކޮޓަރި އާއި މުޅި ގެސްޓްހައުސް އަށް ބޭނުންވާނެ ހުރިހާ ކަރަންޓެއް ނަގަނީ ސޯލާ ޕެނަލް ތަކުން،" ކްރިސްޓަލް ސޭންޑްސް އިން ބުނެފައިވެ އެވެ.
މާފުށީގައި ހިންގާ ކްރިސްޓަލް ސޭންޑްސްގެ މަތީގައި ސޯލާ ޕެނަލް ހަރުކޮށްފައި- ފޮޓޯ: ކްރިސްޓަލް ސޭންޑްސް
ރާއްޖޭގައި ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި އާއްމު ގޭގޭގައި ވެސް ކަރަންޓު އުފެއްދުމަށް ސޯލާ ބޭނުން ކުރެ އެވެ. ނަމަވެސް އާއްމު ކަރަންޓު ދޫކޮށް، ހަމައެކަނި ސޯލާ ޕެނަލުން އުފައްދާ ކަރަންޓަށް ބަރޯސާވެފައިވަނީ މަދު ތަނެކެވެ.
ކްރިސްޓަލް ސޭންޑްސްއަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްތަކުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ. އެ ގެސްޓްހައުސް އަށް ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ. އަދި އެންމެ ފަހުން މަޓާޓޯ އިން ބޭއްވި ޓްރެވަލް އެވޯޑު އިވެންޓުގައި ލީޑިން އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް އެވޯޑާއި ބެސްޓް ސަޕޯޓިވް ގެސްޓްހައުސްގެ އެވޯޑުވެސް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ