އިސްލާމީ އެތައް ޤައުމެއްގެ ނިންމުމަށް ނަޝީދު ގޮން ޖައްސަވައިފި
ކަޝްމީރުގެ މައްސަލައިގައި އިސްލާމީ 57 ޤައުމެއްގެ ނިންމުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮންޖައްސަވައިފިއެވެ.ކަޝްމީރުގެ މައްސަލައިގައި އ.ދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި، ކަޝްމީރަށް އިންޑިއާއިން އަޅާފައިވާ ދަތިކުރުންތަކާއި ދެކޮޅަށް އިސްލާމީ 57 ޤައުމު ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުއްވެރިކޮށްފައި ވަނިކޮށް ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖެއަށް މި މައްސަލައިގައި އޯއައިސީ އާއި އެއްކޮޅަށް އެރެން ނެތްކަމަށެވެ.އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އަށްގެނައި އިސްލާހަށް ތާޢީދުކުރައްވައި، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އޯއައިސީގެ ގިނަ ޤައުމުތަކަކީ ޑިމޮކްރެސީގެ ނިޒާމެއް އޮންނަ ޤައުމުތަކެއް ނޫން ކަމުގައެވެ.އިންޑިއާ އިކޮނޮމިކް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އެޤައުމަށް މިހާރު ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު ދިއްލީއަށް ކުރެއްވި ޒިޔާރަތެއްގައި ނޫހަކަށް ދެއްވި މި އިންޓަވިއުގައި ވިދާޅުވީ، ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއް ކަމަށެވެ.ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނު ހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ.އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ. ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ދެމުންދާ އަނިޔާތައް ދިފާއުކޮށް ތެދުވި ގައުމު ތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ނިންމުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުގެ ބާރު އިންޑިއާއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ޚާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ.ނަމަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި، ހުރިހާ އިންތަކެއް ހުރަސްކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނާއި އިންޑިއާގެ ކޯޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، މި ހަމަނުޖެހުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މި ސަރަޙައްދުގެ މައްސަލައިގައި މީގެ ކުރިން އިންޑިއާ އާއި ޕާކިސްތާނުން ދެ ހަނގުރާމައެއްވެސް ކޮށްފައި ވެއެވެ.މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ ސުލްޙަވެރި ޙައްލެއް ހޯދުމަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެން، އިމްރާން ޚާން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން މައްސަލައަށް ޙައްލެއް ހޯދައި އާފެށުމަކުން ފެށުމަށް، އިމްރާން ޚާން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މަޝްވަރާ ކުރެއްވުމުން އެކަމާއި އޭނާ ދެކޮޅު ހަދާފައިވާ ކަމަށް އިމްރާން ވަނީ ދާދިފަހުން އދ.ގައި ދެއްވި ތަޤުރީރުގައި ހާމަކުރައްވާފައެވެ.އިމްރާން ޚާން ވިދާޅުވީ، އޭގެ ފަހުން ޕާކިސްތާނަށް ހަމަލާ ދިނުމަށް އިންޑިއާގެ އަސްކަރީ ޖެޓުތައް އެޤައުމަށް ފޮނުވުމުންވެސް އެ ޖެޓު ވައްޓާލުމަށްފަހު ހައްޔަރު ކުރި ޕައިލެޓް މިނިވަންކޮށް އަނބުރާ ޤައުމަށް ފޮނުވާލީ، ޕާކިސްތާނުން ބޭނުންވަނީ ސުލްޙައިގެ މަގެއް ހޯދުން ކަމަށްވާތީ ކަމަށެވެ.ނަމަވެސް އިންޑިއާއިން ބޭނުންވަނީ އެޤައުމުގެ އަނިޔާވެރި އަމަލުތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށް ކަމަށާއި، މިކަމުގެ ސަބަބުން ގެއްލުންތަކާއި ކުރިމަތިވަނީ ކުށެއްނެތް އެތައް ހާސް ރައްޔިތުންނަށް ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ، މޯދީގެ ކެމްޕޭން ވައުދެކެވެ. މި ވައުދު ފުއްދުމަށް އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ، ފަލަސްތީނުގައި މުސްލިމުންނާއި ދެކޮޅަށް ލޭއޮހޮރުވުންތައް ހިންގަމުންދާ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ