ރައްޔިތުން ކުރިމަތީ ތިބީ ނަތީޖާ ނެރެދިން ބަޔަކާއި ފެއިލްވެފައި ތިބި ބައެއް: ޑރ މުއިއްޒު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރުމަށް ރައްޔިތުންގެ ކުރިމަތީގައި ތިބީ ފަސް އަހަރުގެ ކާމިޔާބު ވެރިކަމެއް ކޮށް، ތަރައްގީގެ ކަންކަމުގައި ނަތީޖާ ނެރެދީފައިވާ ބަޔަކާއި، ފަސް އަހަރުދުވަހުން ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ދުވެލީގައި ނުގެންދެވި ފެއިލްވެފައި ތިބި ބައެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ޑރ މުއިއްޒުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީގެ މާލޭ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މި ވެރިކަމުގައި ރަށްރަށުގައި އެކި ނަންނަމުގައި މަޝްރޫއުތައް ހިންގަމުންދަނީ ވަރަށް ފަރުވާކުޑަކޮށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައް ވެސް ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ. 
އެގޮތުން ރަށްރަށުގައި ހިންގާ ކުދި ކުދި މަޝްރޫއުތައް ވެސް ނުނިންމި 4 އަހަރުވެގެންދާއިރު، އެއީ ރައްޔިތުން އުންމީދުކުރާ ތަރައްގީގެ ސްޕޯޑު ނޫންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރަށްރަށުގައި މި ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތައް ހުރި ހާލަތަށް އަލިއަޅުވާލާ ބައެއް މިސާލުތައް ވެސް ހިއްސާކުރައްވާފަ އެވެ. 
Advertisement
"އިއްޔަނޫން ކުރ ދުވަހު ދިޔަ ރަށެއްގައި. ނަރުދަމާގެ މަސައްކަތް ހިނގާތާ 4 އަހަރު، ހޮޅިތައް ހުރީ މަގުމަތީގައި، އަރިމަތީގައި، އަދި ވަޅެއް ނުލާ. 4 އަހަރުވީ. މިހެން ހުރިހާ ރަށެއްގައި މިހުރީ"
ޑރ މުހައްމަދު މުއިއްޒު
އެއާއެކު ޑރ މުއިއްޒު ވަނީ ރައީސް ޔާމިނުގެ ޒައާމަތުގައި މަޝްރޫއުތައް ހިންގާފައިވާ ގޮތް ފާހަގަކުރައްވާ ދެ ސަރުކާރުގެ ތަރައްގީ އަޅާކިޔުއްވާލުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ގޮތް ނިންމަން ވޯޓު ކަރުދާސްކޮޅާއި ހަމަޔަށް ދާއިރު، ނަތީޖާ ނެރެދޭނީ ކޮން ބަޔަކަށްތޯ ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. 
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކީ ފަސް އަހަރުގެ ވެރިކަމެއްގައި މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ވީ ވައުދުތައް ފުއްދާދީފައިވާ ބައެއްކަން ރައްޔިތުންނަށް ފެންނާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާ ގޮތް ވެސް ލޯ ކުރިމަތީގައި ފެންނަން އޮތް އިރު، ދެން ވެސް ގައުމުގެ ތަރައްގީ ގެންދާނީ ހަމަ މި ދުވެލީގައި ތޯ ރައްޔިތުން ވިސްނެވުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 
"މިހާރު މިއޮތީ ދެ އޮޕްޝަނެއް. ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ކަންކަން ކުރިގޮތް ފެންނަން އެ އޮތީއޭ. އެގޮތަށޭ އިރާދަކުރެއްވިއްޔާ ތަރައްގީ ބާރުމިނުގައި ހަލުވި މިނުގައި ރައްޔިތުން އެދޭގޮތަށް ގެނެސްދިނުމުގެ ވައުދޭ އަޅުގަނޑު މި ވަނީ. އިރާދަކުރެއްވިއްޔާ އެގޮތަށޭ ދާނީ އަޅުގަނޑަށް އިތުބާރު ކުރައްވައިފިއްޔާ"
ޑރ މުހައްމަދު މުއިއްޒު
އެއާއެކު އެމަނިކުފާނު ވިދާޅުވީ، ތަރައްގީގެ ކަންކަން މަޑުޖައްސައިގެން ތިބެވެން ނެތް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެވުނު ދަތުރުފުޅުތަކުން ވެސް މިއަދުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ބޭނުންވެފައި ތިބި މަންޒަރު ފެންނަމުންދާ ކަމަށާއި، އެ ރޫހުގައި ހާލަތު ބަދަލުކުރުމުގެ ބާރު އޮތީވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ