ސްކޫލް ޗުއްޓީއަށް މުއިއްޒުގެ ހައްލު: އަހަރު މެދަށް ވެސް މަސް ދުވަހުގެ ބަންދެއް

މިހާރަކަށް އައިސް ބޮޑު ބަހުސް އަކަށް ވެފައިވާ ސްކޫލު ބޮޑު ޗުއްޓީ އަނބުރާ ޑިސެމްބަރު މަހަށް ބަދަލުކޮށް، އަހަރުގެ މެދު ތެރެއަށް އެއް މަހުގެ އިތުރު ޗުއްޓީއެއް ހަމަޖައްސާނެ ކަމަށް ވިދާޅުވެ، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެ މައްސަލައަށް އޭނާގެ ހައްލު ހުށަހަޅުއްވައިފި އެވެ.
ފަސްމަންޒަރު - ރާއްޖޭގައި ޒަމާނުއްސުރެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އޮތީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދިމާވާ ގޮތަށެވެ. އެކަމަކު 2021 ވަނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ ވަނީ އަހަރުގެ މެދުތެރެއަށް، ޖޫން މަހާއި ޖުލައި މަހާ ދިމާވާ ގޮތަށް ހަމަޖައްސާފަ އެވެ.
ޗުއްޓީއަށް ގެނައި ބަދަލާ މެދު ބައެއް މީހުން ހިތްހަމައެއްނުޖެހެ އެވެ. ބައެއް ބެލެނިވެރިން ބުނަނީ ޖޫން/ޖުލައިގައި ކުރިމަތިވާ ހުޅަނގުގެ ވިއްސާރައިގައި ޖެހި، ޗުއްޓީއަށް ހުރަސް އެޅޭ ކަމަށެވެ. އެކަމަކު އެކަމުގެ ރައްދުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބޮޑު ޗުއްޓީ ބަދަލުކުރީ، ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކޮށް، އަހަރުގެ މެދާއި ނިމޭ ހިސާބާ ދެމެދު މާބޮޑު ތަފާތެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
ވީކިހިނެއް؟ - އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނި ކަމުގައި ވިޔަސް، ދ. މީދޫގައި އިއްޔެ ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ބޮޑު ޗުއްޓީ، ކުރިން އޮތް ގޮތަށް، ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އަނެއްކާވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ބައެއް ބެލެނިވެރިންނަށް އެ ގޮތް ކަމުދިޔަ ނަމަވެސް، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ގެންދަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ. އެ މީހުން ބުނަނީ މިހާރު އޮތީ އިޖްތިމާއީ އަދި އިގްތިސާދީ ފައިދާތަކެއް ހިމެނޭ، ޓޫރިޒަމް މަސައްކަތްތެރިންގެ ބޮޑު މެޖޯރިޓީއެއް ބޭނުންވެގެން ގެނެސްފައިވާ މުހިންމު ބަދަލެއް ކަމަށެވެ. އަދި އެކަން ބަދަލުކުރަން ނުރުހޭ ކަމަށް އެ މީހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި އެގޮތަށް ޝުއޫރު ފާޅުކުރަން ފެށުމުން މުއިއްޒު މިއަދު ވަނީ، ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެ ކަަމަށާއި އޭގެ ތަފްސީލް މިރޭ ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލް - ފ. ނިލަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކުރުމުގެ ވައުދު ރިސޯޓުތަކުގެ މުވައްޒަފުންނަށް ކޮންމެވެސް ވަރަަކަށް އޮޅުން އަރާފައިވާ ކަމަށެވެ. އޭނާ ނިންމަވާފައިވަނީ، މުއިއްޒު ވިދާޅުވި ގޮތުގައި:
 ހަތަރު ހަފުތާ ހިމެނޭ ސްކޫލު ބަންދެއް، ޖޫން/ޖުލައި މަހުގައި ވެސް ހަމަޖައްސަން
އަދި އެއާއެކު ޑިސެމްބަރު މަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭނެ؛ އާއްމު ގޮތެއްގައި ބޮޑު ޗުއްޓީގައި ހިމެނެނީ ދޮޅު މަސް ދުވަސް
މުއިއްޒު ވިދާޅުވީ އަހަރު މެދު ތެރެ އާއި ފަހުކޮޅު ވެސް ބޮޑު ޗުއްޓީއެއް ދީގެން، ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ރަނގަޅަށް ވަގުތު ލިބޭނެ ކަމަށް
އޭނާ އެގޮތަށް ނިންމެވީ، ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ