ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފި

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ. 
ކުޅުދުއްފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން މިއަދު ހެނދުނު ކުޅުދުއްފުށިން އެއްކޮށް ވަނީ ކަރަންޓު ކަނޑައިގެން ގޮއްސައެވެ.
އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 8:10 ހާއިރު ކަމަށް ކުޅުދުއްފުށްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.
މި ފުރުސަތުގައި ހދ.ކުޅުދުއްފުށި ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ސްޓެލްކޯގެ މެނޭޖްމަންޓާ ޓެކްނިކަލް ސްޓާފުން ވެދެއްވި އެހީތެރިކަމަށް މި ކުންފުނީގެ މެނޭޖްމަންޓްގެ ނަމުގައި ޝުކުރު ދަންނަވަމެވެ. 
ފެނަކަ
މިކަމާއި ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. 
މިކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމީ ވާޖިބެއް ކަމުގައި ދެކި ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން. ޝުކުރިއްޔާ!
ހުސައިން ފަހުމީ
މީގެ އިތުރުން އެމްޑީ ހުސައިން ފަހުމީ ވަނީ، ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާފައެވެ. 
ކުޅުދުއްފުށްޓަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށްފައިވާއިރު، ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވި ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހި އެ ސިޓީގެ ކަރަންޓްގެ މައްސަލަ ޖެހިފައިވާތާ ގިނަ ދުވަސްތަކެއް ވެގެން ގިސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. 
އެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ގެނެސް އިންސްޓޯލްކޮށްފައިވާއިރ، ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވި ދަތިތައްވެސް މިހާރު ހައްލުވެފައިވާ ކަމަށް ފެނަކަ ކޯޕެރޭޝަނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ