މޫސުން ރަނގަޅުވުމުން، އަމީނީ މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި

މެެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުގެ ސަބަބުން އަމީނީ މަގު ހެދުމުގެ މަސައްކަތް އިއްޔެ މެދުކަނޑާލުމަށް ފަހު، އެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން މިއަދު އަލުން ފަށައިފިއެވެ. އިއްޔެ ފަތިހުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެއަށް ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އަމީނީމަގުގެ މަސައްކަތް އާރްޑީސީއިން މަޑުޖައްސައިލިއެވެ. އަދި، އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ފެންބޮޑުވެފައިވާތީ، އެ ސަރަހައްދުން ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ނޫންކަމަށް ބުނެ އެ ސަރަހައްދަށް އާންމުން ނުވަނުމަށް އެކުންފުނިން އިލްތިމާސްކުރިއެވެ. ވޭތުވެ ދިޔަ ސަރުކާރުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އަމީނީ މަގުގެ ނުނިމި އޮތް ސެގްމެންޓް ކަމަށްވާ 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އެކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ