އުތުރުތިލަފަޅު މަޝްރޫޢާއެކު އިމްޕޯޓް މަދުވެ ފުޑް ސެކިއުރިޓީ ޔަގީންކުރެވޭނެ: ވަޒީރު

އުތުރުތިލަފަޅުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއާއެކު ރާއްޖެއަށް އިމްޕޯޓްކުރާ ބާވަތްތައް މަދުވެ ފުޑް ސެކިއުރިޓީ ޤާއިމްވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އަމިއްލަ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ދިވެހިން ކެއުމަށް ބޭނުންކުރާ ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖޭގައި އުފައްދައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަމަށެވެ. މީގެތެރޭގައި ރަށްރަށުގެ ފެންވަރުގައިވެސް ތަކެތި އުފެއްދުމަކީ ކުރާނެކަމެއްކަމަށް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް އުތުރުތިލަފަޅުގައި ބޮޑު މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ދަށުން ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ރާއްޖޭގެ ރިސޯޓްތަކާއި އަދި މީހުން ދިރިއުޅޭ ރަށްރަށަށް ބޭނުންވާ ވަރަށް އުފެއްދިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އުތުރުތިލަފަޅުގައި މި ހިންގާ މަޝްރޫއުއަކީ މުޅި ރާއްޖޭގެ ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އަހަރެއްގެ އިމްޕޯޓަށްވުރެ އެކްސެސްވާނެވަރަށް ޕްރޮޑިއުސްކުރާނެ ބައެއް އެއްޗެހި. އޭގެތެރޭގައި ވަރަށް ގިނަ އަދަދެއްގެ ފަތްޕިލާވެލި، މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތަނުން އުފެއްދޭނެ އެންމެ ޒަމާނީ ޓެކްނޮލޮޖީއައިއެއްކޮށް. ރިސާޗް ލެބްތައް ހުންނާނެ". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އުތުރުތިލަފަޅުގައި ފަށާ މަޝްރޫއުގައި ފަރުމަހުގެ އެކި ބާވަތްތަކާއި ސީފުޑް ކަލްޗަރ ކުރެވޭނެ ގޮތްތައް ހުންނާނެކަމަށެވެ. އުތުރުތިލަފަޅު ތަރައްޤީވެގެންދާނީ ބޮޑު ފުޑް ސިޓީއެއް ގޮތައްކަމަށް ސައީދު ވިދާޅުވިއެވެ. މިއީ ރައީސްގެ އެއް އަމާޒުކަމަށް ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯންއިން ވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގައި ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްގީކުރުމަށްވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ