ވެލިދޫ އަތުން މޮޅުވެ، ހޮޅުދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ނ. އަތޮޅުގެ އަތޮޅު ބުރުގައި ވެލިދޫ އާއި ހޮޅުދޫ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ހޮޅުދޫ އިން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގައި ވެލިދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން މިލަދޫ އަތުން އެޓީމު ބަލިވެފައިވާއިރު، މިއީ ހޮޅުދޫ އިން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗެވެ.
ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ހޮޅުދޫ އިން ލީޑު ހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވަދޫދް އެވެ.
Advertisement
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ހޮޅުދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ހޮޅުދޫ އިން އެޓީމުގެ ލީޑު ފުޅާކުރީ ލަނޑު ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަފްލާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ހޮޅުދޫ ކުރީގައި އޮވެގެންނެވެ. 
މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހޮޅުދޫގެ އިބްރާހިމް އަފްލާހް އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2023 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ނ. އަތޮޅުން އެއްވެސް ޓީމެއް ބައިވެރިވެފައި ނުވި ނަމަވެސް މިއަހަރުގެ މުބާރާތުގައި ނ.އަތޮޅުން ފަސް ޓީމު ވަނީ ބައިވެރިވެފައެވެ. އަދި މިއަތޮޅުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ