އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރުދީފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި މިދިޔަ މަހު އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. 
އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކަކު ޖޫރިމަނާކޮށް އިތުރު ތިން މީހަކަށް ލިޔުމުން އިންޒާރު ދިނުމުގެ އިތުރުން އެފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު ޖޫރިމަނާކުރި ސީދާ އަދަދެއް ސާފެއް ނޫނެވެ. 
އޮފިޝަލް ވިދާޅުވީ އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
ފްލެޓު ކުއްޔަށް ދޫކުރަން އިޝްތިހާރުކުރާ ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން ދޭތެރެއަކުން ޖަހަ އެވެ. މިދިޔަ ފެބްރުއަރީ މަހު ވަނީ އަމާން އުދަރެސްގެ ފްލެޓެއް، ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސާލައެއް ވެސް ފެންމަތިވެފަ އެވެ. 
އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން އެ މީހުން ނެރެ، ފަހުން ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފެށި ކަމަށް ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައިވެ އެވެ. 
އެކަމާ ގުޅިގެން ހަމްދާން ވިދާޅުވީ އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރި އަށް އެ ފްލެޓުތައް ބޭނުންކުރުމުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެ ދެވެނީ ބޮޑު ދެރައެއް ކަމަށެވެ.
އެހެންވެ، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އެފްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
The most trusted news source in the Maldives
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް އެއްބަސްވުގައި އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ