ރޭޕްގެ ތުހުމަތު އޮތަސް ޕާޓޭ އަށް ވޯލްޑް ކަޕްގެ ފުރުސަތު ދޭނެ

ކާޑިފް، ވޭލްސް (ޖޫން 4) - ރޭޕުގެ ތުހުމަތުތަކަކާ ގުޅިގެން ކޯޓުގައި މި ވަގުތު ވެސް މައްސަލަ އޮތް މިޑްފީލްޑަރު، ތޯމަސް ޕާޓޭ، އަށް މި މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ގާނާ ޓީމަށް ކުޅެން ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ގާނާ ޓީމުގެ ކޯޗު، ކާލޯސް ކުއެރޯޒް ބުނެފި އެވެ. 
މިހާރު ސްޕެއިނުގެ ވިޔަރެއާލަށް ކުޅެމުން އަންނަ 32 އަހަރުގެ ޕާޓޭ، ކުރިން އާސެނަލް އަށް ކުޅެމުންދިޔައިރު، 2020 އާއި 2022 އާ ދެމެދުގެ މުއްދަތުގައި، ތިން އަންހެނަކާ އެކު، ހިނގި މުއާމަލާތްތަކަކާ ގުޅޭ ރޭޕާއި އަނިޔާކުރުމުގެ މައްސަލަތައް ކޯޓުގައި ކުރިއަށް އެބަދެ އެވެ. ޕާޓޭ ވަނީ މި ތުހުމަތުތަކުން އޭނާގެ ނަން ސަލާމަތްކުރަން ކޯޓު މަރުހަލާގައި ލިބުނު ފުރުސަތަށް މަރުހަބާ ކިޔައިފަ އެވެ. 
މައްސަލަ ކުރިއަށްދާ މުއްދަތުގައި ވެސް ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަން، ކޯޓުން ދިން ބެއިލްގެ ފުރުސަތުގައި ޕާޓޭ، ވަނީ އާސެނަލް ދޫކޮށް ވިޔަރެއާލަށް ބަދަލުވެފަ އެވެ. އަމާޒުވާ ހުރިހާ ތުހުމަތަކަށް ޕާޓޭ ދެކޮޅު ހަދާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މި އަހަރުގެ ނޮވެމްބަރުގައި އޮންނާނެ ކަމަށް ބުނެފައިވާއިރު، އެ އަޑު އެހުން އަންނަ އަހަރަށް ލަސްވުމުގެ ފުރުސަތު އެބައޮތެވެ. 
ރޭޕްގެ މައްސަލަ ކޯޓުގައި ހިނގަނިކޮށް، ޕާޓޭ، އިންގްލެންޑްގައި ކުޅުނު ފުރަތަަަމަ މެޗަކީ މީގެ ދެ ދުވަސް ކުރިން ކާޑިފްގައި، ވޭލްސްއާ ދެކޮޅަށް ގާނާ އިން ކުޅުނު މެޗުގަ އެވެ. ކުރިން ޕޯޗުގަލް އާއި އިރާން ގައުމީ ޓީމަށް ކޯޗުކޮށްދިން ކުއެރޯޒް ވަނީ ވޯލްޑް ކަޕަށް ގާނާ އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ޕާޓޭ ހިމަނައިފަ އެވެ. 
ޓީމުގައި ޕާޓޭގެ ނަން ހިމަނަން ނިންމި ނިންމުމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ކުއެރޯޒް ވަނީ ޖަވާބުދީފަ އެވެ. 
"އަހަންނަށް އެނގޭ ކަމަކީ، އިންގްލެންޑް ކަމަށް ވިޔަސް، ޕޯޗުގަލް ކަަމަށް ވިޔަސް. ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި އުޅުނު ކަމުގައި ވިޔަސް. ކޯޓުން ވަކި ގޮތެއް ނުނިންމަނިސް ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް އެ މީހެއްގެ ކުށެއް ނެތްކަން ސާބިތުކޮށްދީގެން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދިއުމުގެ ފުރުސަތު ދިނުމަކީ،" އުމުރުން 73 އަހަރުގެ ކުއެރޯޒް ބުންޏެވެ. 
"މިއަދު މި ވާހަކަ އަކީ ހަމައެކަނި ތޯމަސް (ޕާޓޭ)ގެ ކަމެއް ނޫން. މިހާރު ސޯޝަލް މީޑިއާ އާއި މީޑިއާ އިން އަމަލުކުރަނީ އަމިއްލަ އަށް ގޮތް ނިންމައިގެން ތިބެ. ދިފާއުވުމުގެ ފުރުސަތު ނުދީ އޮންނަނީ އަހަރެމެންނަށް ފިޔަވަޅު އަޅައިފައި،" 
ގާނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނީ ގްރޫޕް އެލްގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ، ގާނާގެ އިތުރުން އިންގްލެންޑާއި ޕެނަމާ އާއި ކްރޮއޭޝިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ