ޝަރީއަތްކުރާ ގާޒީ ނޭނގޭގޮތަށް ޝަރީއަތް ގެންދެވިދާނެތޯ ބެލުމަކީ ކުރެވިދާނެ ކަމެއްކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ”ބަންދު ފޯރަމް“ ޕެނަލް ޑިސްކަޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލައަށް ޙައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވި މި ޕެނަލް ޑިސްކަޝަންގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ، އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި މައްސަލަތައް ބައްލަވާ ގާޒީންނަކީ ކޮބައިކަން އެންމެންނަށްވެސް އެނގޭ ކަމަށާއި، އެހެންވުމުގެ ސަބަބުންވެސް ބައެއް ފަހަރު ޝަރީއަތްތަކާ ގުޅުވައި ތަފާތު އެކި މައްސަލަތައް ދިމާވާ ކަމަށެވެ.
އެހެންކަމުން ޝަރީއަތް ކުރައްވާ ގާޒީއަކީ ކާކުކަން ނޭނގޭ ގޮތަށް ޝަރީއަތް ކުުރެވިދާނެތޯ މިއީ މަޝްވަރާ ކުރެވިދާނެ ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ އެ ހިޔާލު ފާޅު ކުރައްވާފައެވެ.
މީގެ އިތުރުން، ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި، ޝަރީއަތްތައް ދިގުލައިގެންދާ ސަބަބުތަކަށް ބަލާއިރު، ކޯޓުތަކާއި ހުރިހާ އިދާރާތަކެއްގެ ޒިންމާވެސް މިކަމުގައި ބޮޑުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެފަދަ މީހުންގެ ލިސްޓުތައް ވަކިވަކިން ބައްލަވާފައިވާނެ ކަމަށާއި، އެހެންނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަކީ ތަކުރާރުކޮށް އެކި ކުށްތަކަށް އަރައިގަންނަމުންދާ މީހުން ކަމަށެވެ. އެހެންކަމުން އެ ލުއިވެސް ދެވެން ނޯންނަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ވާނުވާ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ ޝަރީޢަތް އަވަސް ކުރުން ނޫން ކަމުގައި ވީނަމަވެސް އެއީ އޭގެ އެންމެ އެދެވޭ އެއް ޙައްލުކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީހެއް ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު އެކަން ކުރަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުވުމުންކަން ޕެނަލިސްޓުން ފާހަގަކުރެއެވެ. އެގޮތުން މުޖުތަމަޢުގެ ސަލާމަތަށްޓަކައި ނުވަތަ އެ މީހާ ކޯޓަށް ޙާޒިރުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ ހެކި ރައްކާކުރުމަށް މީހަކު ބަންދުގައި ބެހެއްޓެއެވެ.
ވާނުވާ ބަންދަކީ، ގާނޫނީ މަހްފޫމް ދަންނަ ލަފުޒަކަށް ނުވި ނަމަވެސް “ވާނުވާ” ނުވަތަ ޝަރީއަތް ނިމެން ދެން ބަންދުގައި ތިބީ މީހުންނަށް މައްސަލައިގެ ކޮޅެއް ނުފެންނަ ހިސާބަށް ދިޔަ ސަބަބު ދެނެގަންނަން ޖެހޭކަމަށް އެކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން ދެކެއެވެ. މީހެއްގެ ބަންދު “ވާނުވާ” އަށް ވަނީ ޝަރީއަތް ފެށޭނެ ދުވަހެއް، ނިމޭނެ ދުވަހެއް އަދި ޝަރީއަތުގެ ޝެޑިއުލްގެ އަންދާޒާއެއް ވެސް ނޭނގޭ ހާލަތުގައި ހުރުމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ހައްޔަރު ކުރާ ދުވަހުން ފެށިގެން އެ މައްސަލައެއްގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ބަޔާން ކުރެ އެވެ. އަދި އެ މައްސަލައެއްގައި ދައުވާއެއް ކުރާނަމަ ކުރަން ޖެހޭނެ މުއްދަތު ވެސް ބަޔާން ކުރެ އެވެ. އެއީ ބަންދުގައި ހުރި މީހެއް ނަމަ 30 ދުވަސް އަދި ބަންދުންވީލައިފި ނަމަ 45 ދުވަހެވެ. އެ ތަފްސީލުތައް ބަޔާން ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގަ އެވެ.
އެގޮތުން އެ ގާނޫނުގައި ބޮޑެތި ކުށްތައްކަމަށް ކަނޑަޅާފައިވާ ކުށެއްގެ ތުހުމަތަށް ހައްޔަރު ކުރާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭޣައި އެ މައްސަލައެއް ނިންމައި ޕީޖީއަށް ފޮނުވުން ލާޒިމް ކުރެ އެވެ. މައްސަލައިގެ ބާވަތުން، ތަހުގީގު ފުރިހަމަ ނުކުރެވިދާޏެކަމަށް ގަބޫލު ކުރެވޭ ހާލަތެއްގައި ސަބަބު ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅަން ޖެހެ އެވެ. އެގޮތަށް އެދޭ މުއްދަތެއް 15 ދުވަހަށް ވުރެ ދިގު ނުވާގޮތަށް ފަހަރަކު 15 ދުވަސް އިތުރުކޮށްދެވިދާނެ އެވެ. އެކަމަކުން އިތުރުކޮށް ދޭ އެ މުއްދަތު 60 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެކަމަށް ގާނޫނު ބުނެ އެވެ.
ޝަރީއަތްކުރާ ގާޒީ ނޭނގޭގޮތަށް ޝަރީއަތް ގެންދެވިދާނެތޯ ބެލުމަށް މިނިސްޓަރ އިޙްސާންގެ ހިޔާލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ