އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 3 ޖެނެރޭޓަރެއް ގެންދިއުމަށް މަސައްކަތްތަކެއް ފަށައިފިން: އެމްޑީ ނަޖާހު

އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ރޯދަމަހުގެ ކުރިއަށް 3 ޖެނެރޭޓަރެއް އެރުވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި އެމްޑީ ނަޖާހު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ ޒަމާނުއްސުރެ އޮތް މައްސަލަ ތަކެއް ކަމަށެވެ. ފެނަކައިގެ މަސައްކަތަކާއި ހަވާލުވެވަޑައިގަތް ފަހުން ކުރީގެ އެމްޑީވެސް ވަރަށް ގިނަ މަސައްކަތްތަކެއް މި މައްސަލަ ހައްލު ކުރުމަށްޓަކައި ކުރައްވާފައި ހުރި ކަމަށް ނަޖަހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައިގެ އަސްލަށް ބަލާއިރު، ދިމާވެފައިވާ މައްސަލައަކީ އައްޑޫ ތަރައްގީ ވަމުން އަންނަ ވަރަކަށް އައްޑޫގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ނުކުރެވުން ކަމަށެވެ. އަދި ވަޕަރ ޖެނެރޭޝަންއަށް ބަލާއިރުވެސް، ގެނެސްފައިވާ ޖެނެރޭޓަރ ތަކާއި، ޑިސްޓްރިބިއުޝަން ކޭބަލްތަކާއި، ސްޕެއަރތައްވެސް ގެނެސްފައިވަނީ އެންމެ ރަނގަޅަށް ބަލައިގެން ނޫން ކަމަށް ނަޖާހު ވިދާޅުވިއެވެ.
ބައެއް ޖަނެރޭޓަރުތަކަށް މައްސަލަތައް ދިމާވުމުން އެކަން ޗެކުކުރުރާއިރު ސްޕެއަރ ޕާޓުތަކުގެ ކޮލެޓީގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. ޖުމްލަގޮތެއްގައި ޖެނެރޭޓަރުތައް ފެއިލްވަނީ ވަރަށް ގިނަ އެފަދަ މައްސަލަތައް ދިމާވެގެން ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ. މި ސަރުކާރަށް ފަހުވެސް 4 ޖެނެރޭޓަރެއް އައްޑޫއަށް ގެނެސްފައިވާ ކަމަށާއި، އޭގެތެރެއިން 3 ޖެނެރޭޓަރެއް އައްޑޫއަށް އަރުވާފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި އިތުރަށް 1 ޖެނެރޭޓަރު އެއަށް ފަހުވެސް އައްޑޫއަށް ގެންގޮސްފައިވާ ކަމަށާއި، އެ ޖެނެރޭޓަރުތައް އައްޑޫއަށް ގެންގޮސްފައިވަނީ އޮތެންޓިސިޓީ ޗެކު ކުރެވިގެން ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ ނަޖާހު ވިދާޅުވީ މިހާރުވެސް ފެއިލްވާ ޖެނެރޭޓަރުތަކަކީ އެއީ ކުރިން ގެނެސްފައިވާ ތަކެތި ކަމަށެވެ. މިހާރު ގެންނަ ހުރިހާ ސްޕެއަރ އަކީވެސް ކޮލިޓީ ކަށަވަރު ކުރެވިފައިވާ ތަކެތިކަން ފެނަކައިން ޔަގީން ކުރާ ކަމަށް އެމްޑީ ނަޖާހު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސްޕެއަރއެއް ނުވަތަ އެނޫންވެސް އެއްޗެއްގެ މައްސަލައެއް ކޮލިޓީދަށްވެގެން އައްޑޫގައި ކަރަންޓުގެ މައްސަލައެއް ދިމާ ނުވާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
”އައްޑޫ އަތޮޅަށް ބަލާލާއިރުވެސް މިދިޔަ ރޯދަ މަހުގެ ފަހުން ޕަވަރ ޖެނެރޭޓް ނުކުރެވިގެން އައްޑޫއިން ކަރަންޓު ކެނޑިފައެއް ނީންނާނެ އިންގޭތޯ. އެހެންނަމަވެސް ބައެއް ކުދިކުދި ކަންތައްތައް، ޓެކްނިކަލް ކުދިކުދި ކަންތައްތައް ދިމާވެގެން ހުންނާނެ، އެކަމު ކެނޑޭފަހަރެއްގައިވެސް ހަމަ އެވަގުތުން ވަގުތައް ހުންނާނެ ކަރަންޓު އެދުވަހުން ދުވަހަށް ހުންނާނެ ދީފަ. ދެފަހަރެއްގެ މަތިން އަޅުގަނޑަށް އިނގިގެން ހަމަގައިމުވެސް ކެނޑިފަ އެބަހުރި. ދެން އެކަންކަމަށް ހައްލު ގެނެއުމަށްޓަކައި މިހާރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އިތުރު ތިން ޖެނެރޭޓަރ އައްޑޫއަށް އަރުވަން. އެގޮތުން އެކަމަށް ބޭނުންވާ މަސައްކަތް މިހާރު ފައްޓައިފިން. އެއަށް ބޭނުންވާ ބިޑް ސެޓް ކުރެވިފައި މިޙާރު އެއިނީ. ގާތްގަނޑަކަށް އެ މަސައްކަތް މިހާރު ނިމެނީ އެ“
އެމްޑީ ނަޖާހު ވިދާޅުވީ މި ހަފްތާގެ ތެރޭގައި އައްޑޫއަށް ގެންދިއުމަށް 2 ޖެނެރޭޓަރެއް އޯޑަރު ކުރައްވާނެ ކަމަށެވެ. އައްޑޫއަށް ބަލާއިރު، ކޮންމެ ރޯދަމަހަކާއި ދިމާކޮށް އިތުރަށް ކަރަންޓު ބޭނުންވާ ކަމަށް ފާޙަގަކުރައްވާ އެމްޑީ ވިދާޅުވީ ދުރާލާ އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެހެންކަމުން ޖުމްލަ 2 ޖަނަރޭޓަރު އެރުވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އައްޑޫއަށް ދާއިމީ ހައްލެއް ގެނައުމަށްވެސް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ނަޖާހު ވިދާޅުވިއެވެ. އެކަމަށްޓަކައި އެންވައިރޮމެންޓު މިނިސްޓްރީ، ފިނޭންސް އަދި ރައީސް އޮފީހާއިއެކު މަޝްވަރާތަކެއްކޮށް އެކުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މިކަމާއިގުޅޭގޮތުން ޕްރޮޕޯސަލްތަކެއް ފިނޭންސަށް ހުށައަޅައިފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވީ އައްޑުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް، އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް، އެ ވަގުތުގައިވެސް ކަރަންޓޫ ނުކެނޑި ނުވަތަ އައްޑުއަށް ތަކުލީފެއް ނުޥާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމްޑީ ވިދާޅުވީ މިހާރު އައު އިންޖީނު ގެއެއް ތަރައްގީކުރާ ވާހަކަ ދައްކާ ކަމަށާއި، އެހެންކަމުން އެއަށް ވަގުތުތަކެއް ދާނެ ކަމަށެވެ.
އެމްޑީ ވިދާޅުވީ އައްޑޫ އަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭ ސިޓީއެއް ކަމަށާއި އެހެންކަމުން މަސައްކަތްކުރައްވަމުން ގެންދަވަނީ ދިމާވެފައިވާ މައްސަލަތަކަށް ވީހާވެސް އަވަހަށް ހައްލުތަކެއް ގެނައުމަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ