ޒުވާން އޮލިމްޕިކް އެމްބަސަޑަރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރާނީ ޝަބާ

ގްރީސްގެ އެތަންސްގައި ކުރިއަށްދާ ޒުވާން އޮލިމްޕިކް އެމްބަސަޑަރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު، ގައުމީ އެތުލެޓިކްސް ޓީމުގެ އައިޝަތު ޝަބާ ސަލީމް އަށް ލިބިއްޖެ އެވެ. 
އެ ގޮތުން، އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ (އައިއޯއޭ) އިން ބާއްވާ 66 ވަނަ ޔަންގް އޮލިމްޕިކް އެމްބަސަޑާސް އިންޓަނޭޝަނަލް ސެޝަންގައި ބައިވެރިވުމަށް ޝަބާ މި ވަގުތު ހުރީ ގްރީސްގެ އެތަންސްގަ އެވެ. މި ސެޝަން ކުރިއަށްގެންދަން ނިންމާފައި އޮތީ އިއްޔެ އިން ފެށިގެން މި މަހު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. 
ދުނިޔޭގެ އެކި ގައުމުތަކުގެ ޒުވާން އެތުލީޓުން ބައިވެރިވާ މި ސެޝަންގައި 20-30 އާ ދެމެދުގެ އެކި ގައުމުތަކުގެ އެތުލީޓުން ބައިވެރިވާއިރު، އޮލިމްޕިޒަމް އާއި އެކި ސަގާފަތްތަކާއި ކުޅިވަރުގެ މުހިންމު ކަންކަން އުނގަނައިދީ މައުލޫމާތު ހިއްސާކުރާނެ އެވެ. އޮލިމްޕިއަނުން ބައިވެރިވާ މި ސެޝަންތަކުގައި، ޕްރޮފެސަރުންގެ ލެކްޗާތަކާއި ވޯކިން ގްރޫޕްތަކުގެ މަޝްވަރާ ބައްދަލުވުންތަކާއި ކަލްޗަރަލް ވިސިޓްސްތަކާއި ކުޅިވަރާއި އާޓްސްގެ އެކި ޕްރެޒެންޓޭޝަންތައް ހުށަހެޅުން އޮންނާނެ އެވެ. 
އައިއޯއޭ އިން 1961 ވަނަ އަހަރު އޮޕަރޭޝަންސް ފެށި ފަހުން، ގިނަ އަހަރުތަކެއްގައި މި ސެޝަން ކުރިއަށްގެންގޮސްފައިވާއިރު، މީގެ ކުރިން ވެސް ރާއްޖޭގެ އެކި އެތުލީޓުން ވަނީ މި ސެޝަން ފުރިހަމަކޮށްފަ އެވެ. އައިއޯއޭ އިން ދެކޭގޮތުގައި، މި ސެޝަންގެ ސަބަބުން އޮލިމްޕިކް މޫވްމަންޓް ރަނގަޅަށް ކުރިއަށްގެންދިއުމަށް ރަނގަޅު ގޮތުގައި ބާރު އެޅިގެންދާއިރު، އެކި ގައުމުތަކުގެ ތަފާތު ކުޅިވަރުތަކުގެ އެކި ސަގާފަތްތަކުގެ ތެރެއިން އެތުލީޓުންގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ބަދަހިވެގެންދެ އެވެ. 
ގައުމީ އެތުލެޓިކްސް ޓީމުގެ ތަރި ޝަބާ ވަނީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގައ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، ދާދި ފަހުން، ޗައިނާގެ ޗޮންގިންގައި ބޭއްވި ހަތަރު ވަނަ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ