އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ޤައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ އިހްލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ހިންގި ރަހުމުކުޑަ އަދި އިހާނެތި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ. އަދި ފުން ހިތާމަވެރި މި ވަގުތުގައި ޚާމަނާއީގެ ފުރާނަފުޅަށް ރަޙްމަތްލައްވައި އާއިލާއާއި އީރާންގެ ރައްޔިތުންނަށް ބާރު ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެއެވެ.
ރައީސް މައުމޫން ވަނީ އެމެރިކާއާ އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމުން އެކަމާއި ގުޅޭ ގޮތުން މީގެ ކުރިންވެސް ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން އެމެރިކާ އާ އިޒްރޭލާއި ގުޅިގެން އީރާނަށް ދިން ވަރުގަދަ އުދުވާނީ ހަމަލައަށް މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ވަރަށްބޮޑު ބޭއިންސާފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ފާހަގަކޮށްލެވެނީ އިސްލާމީ ގައުމުތަކާއި ލީޑަރުންގެ ދިފާއުގައި ވަރަށް ފާޅުގައި ބަސްފުޅު ވިދާޅުވާ ވެރިއެއްގެ ގޮތުގައެވެ.
އެގޮތުން އެންމެ ކުރިންފެށިގެން ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރައްވާ، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު ފަލަސްތީނާއި ގާތް ގުޅުމެއް ގާއިމު ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
ޚާމަނާއީ އަވަހާރަކޮށްލުން ރައީސް މައުމޫން ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ