ސިޔާމަށް މިވަގުތު ދޭން މި ޖެހެނީ އެއްވަނަ

މިދިއަ ހޯމަދުވަހު، އަހުމަދު ސިޔާމް މުހައްމަދު، އޭނާގެ އާދައިގެ މަތިން ހަފުލާތަކަށް ވަޑައިގަންނަވާ ނަލަކަމުގައި ހުންނެވީ އަމިއްލަ ރިސޯޓް، ވިލު ރީފްގަ އެވެ. އެއީ އޭނާގެ ޓޫރިޒަމް ވިޔަފާރީގެ އާ ސަފުހާއެއް ހުޅުވުމުގެ ހަފުލާ އެވެ.
ދ. އަތޮޅުގައި އޮންނަ ސަން ސިޔާމް ވިލު ރީފްގެ މޫދުގައި އަލަށް އެޅި 50 ކޮޓަރި މާކެޓަށް ނެރުމުގެ ހަފުލާގެ އަނެއް ފަރާތުގައި އޮތީ އަދި މުޅިން އެހެން ކާމިޔާބީއެކެވެ. އެ ކޮޓަރިތަކާ އެކު ސަން ސިޔާމް ކުންފުންޏަކީ ރާއްޖޭގައި ޓޫރިސްޓް އެންމެ ގިނަ އެނދު އޮޕަރޭޓްކުރާ ގްރޫޕަށް ވީ އެވެ.
ރަސްމީކޮށް އޭގެ އަދަދެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި ޔުނިވާސަލް އަދި ވިލާ ގްރޫޕަށް ވުރެ ސަން ސިޔާމްގެ އެނދުތައް ގިނަކަން، ސިޔާމްގެ ވާހަކަތަކުން އެނގެ އެވެ.
ސަން ސިޔާމްއިން ރާއްޖޭގައި ފަސް ރިސޯޓް އަދި ސްރީ ލަންކާގައި އެއް ރިސޯޓް ހިންގަ އެވެ. އޮންލައިންކޮށް ލިބެންް ހުރި މައުލޫމާތުތަކަށް ބަލާއިރު އެ ކުންފުނިން އޮޕަރޭޓްކުރާ އެނދުގެ އަދަދު 2،750އަށް ވުރެ ގިނަ އެވެ. ކޮޓަރީގެ އަދަދުން ބަލާ ނަމަ އެއީ 1،371 ކޮޓަރި އެވެ. (އެނދު ގިނަވަނީ ބައެއް ކޮޓަރިތަކުގައި ދެ އެނދަށް ވުރެ ގިނަ އެނދު ހުރުމުންނެވެ.)
ސިޔާމަކީ ދިވެހި މޮޅު ވިޔަފާރިވެރިންގެ ތެރެއިން އެއް ބޭފުޅެވެ. 
ޓޫރިޒަމް ދާއިރާގައި އޭނާގެ ފިޔަވަޅުތައް ފެށުނީ އެއާޕޯޓް ރެޕަކުންނެވެ. ދެން 1990ގައި އުފެއްދެވީ ސަން ޓްރެވަލްސް އެވެ. މި އެޖެންސީ ބޮޑުވަމުން ގޮސް، އަމިއްލަ ރިސޯޓެއް އުފައްދައިގެން މެނޭޖްކުރެވޭ ވަރަށް ރާއްޖެއަށް ޓޫރިސްޓުން ގެނެސްދިނެވެ.
އާ ރިސޯޓްތަކެއް ހަދަން 1990ގެ އަހަރުތަކުގެ މެދުތެރޭގައި ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުން ރަށްތަކެއް ބިޑަށް ދޫކޮށްލި އެވެ. އޭގެ ތެރޭގައި ހިމެނޭ ދ. މީދުއްފުށީގެ ބިޑް ކާމިޔާބުކުރެއްވީ ސިޔާމް އެވެ. އެ ރަށް ތަރައްގީކޮށް ވިލު ރީފްގެ ނަމުގައި ހުޅުވީ 1998ގަ އެވެ.
މިދިއަ ހޯމަދުވަހު އެ ރިސޯޓަށް އަނެއްކާވެސް އާ ތަރައްގީއެއް ގެނެސް، ޒަމާނީ ޑިޒައިންތަކުގެ އާ މޫދު ކޮޓަރިތައް ހުޅުވުމުގެ ހަފުލާ، ސިޔާމަށް ހާއްސަ އެވެ. އޭނާއަކީ ކިހާ ކާމިޔާބު ވިޔަފާރިވެރިއެއްކަން، ހަފުލާއަށް ފަހު، އަމިއްލަ މީޑިއާ 'ސަން'އަށް ދެއްވި އިންޓަވިއުއިން ވެސް އެނގެ އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ބޭންކްތަކުން ފައިސާ ލިބެނީ ހަމައެކަނި ކަރުދާހުގައި ލިއެފައި އޮންނަ މަޝްރޫއުތަކަށް ބަލައިގެންނެއް ނޫނެވެ: އެ މަޝްރޫއު ހިންގާ މީހާއަށް އޮތް އިތުބާރަށް ވެސް، ފައިސާ ދޫކުރާ ފަރާތްތަކުން ވިސްނަ އެވެ.
"އިންވެސްޓްމެންޓް ކުރާއިރުގައި ބޭންކްތަކުން، ފައިސާ ދޭ ފަރާތްތަކުން، ފައިސާ މި ދެނީ މީހާއަށް ބަލާފައި. ޕްރޮޖެކްޓަށް ބަލާފައެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.
"ޕްރޮޖެކްޓެއް ކޮންމެ މީހަކަށް ވެސް ހެދިދާނެ. ވަރަށް ބޮޑު ފައިދާއެއް ލާފައި ލިބޭނެ ގޮތަށް. އެކަމަކު އެ ފައިދާ ލިބެނީ ކިހާ ވަރަކަށް ކަމަށް ހަގީގަތުގައި ނުއެއް އެނގޭ އެމީހުންނަކަށް. އެހެންވީމާ މީހާގެ ތަޖުރިބާ އާއި މީހާގެ ޓްރަސްޓާއި މީހާގެ ވިނިން އާއި މީހާގެ ސަކްސަސް މި ހުރިހާ އެއްޗަކަށް ބަލާފައި ދެއްތޯ ބޭންކްތަކުން، [ނުވަތަ] ފައިނޭންސް ތަނަކުން ވެސް މީހާއަށް ފައިސާ ދޭނީ."
ބޭންކްތަކުގެ އިތުބާރު ސިޔާމަށް އޮތްކަމުގެ ހެއްކަކީ ސަން ސިޔާމް ރިސޯޓްތަކުގެ ކާމިޔާބީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކި ބޭންކްތަކުން އޭނާގެ ކުންފުންޏަށް ހޭދަކުރި ފައިސާގެ އަދަދު މިހާރު ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ)އަށް އަރަ އެވެ.
ސަން ސިޔާމްއަކީ ޓޫރިޒަމްގައި ރާއްޖޭގެ މައި ކުންފުނިތަކުގެ ތެރެއިން އެންމެ ހަގު ކުންފުންޏެވެ. އެހެންކަމުން އެންމެ ގިނަ އެނދު މިވަގުތު އޮޕަރޭޓްކުރާ ކުންފުންޏަށް ސަން ސިޔާމް ވުމަކީ އޭނާގެ ވިސްނުންތެރިކަމާއި ހިންގުންތެރިކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.
އެކަމަކު ކުންފުނީގެ މި ކުރިއެރުމުގެ ހުރިހާ ކްރެޑިޓެއް ސިޔާމް ނުނަންގަވަ އެވެ. އެ ކާމިޔާބީގެ ފަހަތުގައި ތިބީ، އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފުންނެވެ. ހާއްސަކޮށް ދިވެހިންނެވެ. އޭނާގެ ބަހުން ނަމަ "އެއީ ގާބިލް ދިވެހިން" ނެވެ. 
ކޮޓަރީގެ އަދަދު: 1،371
އެނދުގެ އަދަދު (މަދުވެގެން): 2،750
ސަން ސިޔާމް އިރުފުށި، 221 ކޮޓަރި، ނ. އަތޮޅު
ސަން ސިޔާމް އިރު ވެލި، 125 ކޮޓަރި، ދ. އަތޮޅު
ސަން ސިޔާމް އޮޅުވެލި، 370 ކޮޓަރި، ކ. އަތޮޅު
ސަން ސިޔާމް ވިލު ރީފް، 153 ކޮޓަރި، ދ. އަތޮޅު
ސަން ސިޔާމް ވޯލްޑް، 468 ކޮޓަރި، ނ. އަތޮޅު
ސަން ސިޔާމް ޕަސިކުޑަ، 34 ކޮޓަރި، (ސްރީ ލަންކާ)
ސިޔާމް ވަނީ އިންވެސްޓްކުރަން ފައިސާ ހޯދަން ފުރަތަމަ އުޅުއްވި ދުވަސްވަރު ދިމާވި ދަތިތަކާއި މިހާރު ހުޅުވިފައި އޮތް ފުރުސަތުގެ ވާހަކަތައް ވެސް ވިދާޅުވެފަ އެވެ. ކުރީގައި ލޯނު ދޭނެ ބަޔަކު ނުވެ އެވެ. އާދޭސްކޮށްގެން ވެސް ބޭންކްތަކުން ގުޑައެއްނުލަ އެވެ. ނަމަވެސް މިއަދު ބޭންކްތަކާއި އިންވެސްޓަރުން ތިބީ، އޭނާ ވިދާޅުވި ގޮތުގައި، ސަން ސިޔާމްއަށް މާލީ އެހީތެރިކަން ދޭން ތައްޔާރަށެވެ.
އެ މީހުން މިހާރު ބުނަނީ "ތިމަންނަމެން މިތިބީ ބޭނުން ވަަރަކަށް ފައިސާ ދޭށޭ. އިންވެސްޓްކުރާށޭ،" ސިޔާމް ވިދާޅުވި އެވެ.
އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ކުންފުނިން ދައްކަމުން އަންނަ ތެދުވެރިކަމާއި އިހުލާސްތެރިކަމެވެ.
"އަޅުގަނޑުމެންގެ އަހުލާގު. ތެދުވެރިކަމާއި އިހުލާސްތެރިކަން އޮތީމާ މީހުން އިތުބާރުކުރަނީ. އިތުބާރަކީ އެންމެ މުހިންމު އެތި،" ސިޔާމް ވިދާޅުވި އެވެ.
"ކޮންމެ ކުންފުންޏެއް ކުރިއަށް ދާން ވިޔަސް، ގައުމެއް ކުރިއަށް ދާން ވިޔަސް، ޖަމާއަތެއް ކުރިއަށް ދާން ވިޔަސް އިތުބާރު. އަނެއް ކަމަކީ ލީޑަޝިޕް. ލީޑަޝިޕްގައި ހުންނަ މީހާ. އޭނާއަކީ ކާކުތޯ."
ސަން ސިޔާމް ބްރޭންޑް ބިނާވެފައި އޮތީ ސިޔާމްގެ ވިސްނުމާއި އޭނާގެ ކުރިމަގުގެ ހުވަފެންތަކުގެ މައްޗަށެވެ.
ވިލު ރީފުގައި، މިދިއަ ހޯމަދުވަހު އޮތް ހަފުލާއާ މާޒީގެ ވަރަށް މުހިންމު ބައެއް ގުޅިލާމެހެ އެވެ: އެއީ އޭނާގެ އަމިއްލަ ފުރަތަމަ ރިސޯޓެވެ. 
އޭގެ ކުރިން ސަން ޓްރެވަލްސް މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ އެހެން މީހުންގެ ރިސޯޓްތަކުގަ އެވެ. އެކަމަކު ވިލު ރީފްއާ އެކު ސިޔާމްގެ އަމިއްލަ ކޮޓަރިތަކެއް ރާއްޖޭގައި ތަރައްގީކުރެވުނެވެ. އޭގެ ފަހުން އޭނާގެ ކުރިއެރުމުގެ ލޮލަކަށް ނިންޖެއް ނާދެ އެވެ.
ޓޫރިޒަމްގައި ދިވެހިންގެ އެންމެ ބޮޑު ކުންފުންޏަށް ސަން ސިޔާމް މިއަދު ވެގެން އެދިޔައީ، ވިލު ރީފްއާ އެކު ފެއްޓެވި ކާމިޔާބު ދަތުރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ