ޑްރަގުގެ ބޮޑެއް ދޫކޮށްލި މައްސަލައިގައި ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީއަށް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާއި މެދު ގޮތް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އަމަލުކޮށްފައިވާތީ އޭނާ ގާޒީކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައި ވަނީ މިއަދު އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މައްސަލައިގައި ފޮނުވި ސިޓީގައި ވަނީ އެ ކޮމިޝަނުން ފާއިޒްއާއި ގުޅޭގޮތުން ބެލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ އަންވަރު ބަންދުން ދޫކޮށްލުމާއި މެދު އަމަލުކޮށްފައިވާ ގޮތެވެ. މި މައްސަލައިގައި ގާޒީ ފާއިޒް ހުންނެވީ މިދިޔަ މަހުން ފެށިގެން 60 ދުވަހުގެ ސަސްޕެންޝަންއެއްގައެވެ.
އެއީ އީރާނުގެ ބޯޓަކުން ރާއްޖެއަށް އެތެރެ ކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އަންވަރު އެހެން މައްސަލައެއްގައި އޮކްޓޯބަރު މަހު ހައްޔަރުކޮށް ބަންދުގައި ހުއްޓައި، މުއްދަތު ހަމަވުމުން އެއްވެސް ޝަރުތަކާއި ނުލައި ދޫކޮށްލި މައްސަލަ އެވެ. ބަންދުން ދޫކޮށްލުމާއި އެކު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު، ފުލުހުން އަންވަރު ހައްޔަރު ކުރީ ލަންކާގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެންނެވެ. އަދި އަންވަރު ރާއްޖެ ގެނައުމާއި އެކު، އަލުން ހައްޔަރު ކުރީ އެވެ.
ޖޭއެސްސީން ބުނީ ގާޒީ ފާއިޒް ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ހިލާފަށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ