ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓަށް ވާދަކުރައްވަން ބޭނުންްވާކަން އުމަރު ނަސީރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީއަކުން މިރޭ ދަންނަވައިފި އެވެ.
މައުމޫނަށް އުމަރު ފޮނުއްވި ސިޓީގައި ވަނީ، "ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވޭ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޝައުގުވެރިކަން، އަސާސީ ގަވައިދދު 69 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން، އަޅުގަނޑު ފާޅުކުރަމެވެ،" އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަން އުމަރު ރަސްމީކޮށް ހުށަހެޅުއްވިއިރު، 2013 ވަނަ އަހަރު އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް 2018 ގެ ރިޔާސީ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް އެމަނިކުފާނަށް ތާއީދުކުރައްވާ، ކައުންސިލް މެމްބަރުންތަކެއް ވަނީ މައުމޫނަށް ދަންނަވަން ލިޔުމެއްގައި ސޮއިކުރައްވައިފަ އެވެ. ނަމަވެސް މައުމޫނާއި އުމަރުގެ ވިސްނުމަކީ ދެން އޮންނަ އިންތިހާބެއްގައި ޕްރައިމަރީއެއް ބާއްވައި ޓިކެޓް ދިނުމެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވާ ގޮތުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ.
ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ބޭއްވި ޖަލްސާއެއްގައި މައުމޫނާއި އުމަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އެކަމަކު، ޕީޕީއެމްގެ ޓިކެޓްގައި ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ކުރިއަށް އޮތް ދައުރުގައި ވެސް ޓިކެޓް ބޭނުންފުޅުވާ ނަމަ، ޕްރައިމަރީ ނުބާއްވައި ޓިކެޓް ދެވިދާނެ ކަމަށް އެހެން މާއްދާއެއްގައިވެ އެވެ. ނަމަވެސް ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު މީހަކު ހުށަހަޅައިފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ކޮންގްރެސްއަކުން ފާސްކުރަން ޖެހޭ ކަމަށް އަސާސީ ގަވައިދުގައިވެ އެވެ. ޕްރައިމަރީއެއް ބާއްވަން ކޮންގްރެސް އިން ފާސްކޮށްފި ނަމަ، ރިޔާސީ ޓިކެޓް ދޭނެ މީހަކު ކަނޑައަޅަން ޕްރައިމަރީއަކަށް ދާންޖެހޭނެ އެވެ.
އުމަރު 2018ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ހުށަހެޅުއްވުމުން، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބެލުމަށް ކޮންގްރެސްއެއް ބާއްވަން މިހާރު މަޖުބޫރުވެ އެވެ. އެކަމަކު ރިޔާސީ ޓިކެޓަށް އުމަރު ކުރިމަތިލެއްވުމުގެ ކުރިން، ރައީސް ޔާމީނަށް ތާއީދުކުރައްވާ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުން ބޭނުންވީ ޕްރައިމަރީއަކަށް ނުގޮސް ރައީސް ޔާމީނަށް ޓިކެޓް ދެއްވުމެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް، މި މަހު ސަރުކާރުން އިސްތިއުފާ ދެއްވި އުމަރު އިއުލާންކުރެއްވީ މިއަދު އެވެ. އޭނާ އެކަން އިއުލާން ކުރެއްވި އިރު، ވޭތުވެދިޔަ ދެތިން ދުވަހުން ފެށިގެން ޕީޕީއެމްގެ އެތެރޭގެ މައްސަލަގަނޑު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އުމަރު މިއަދު ވިދާޅުވީ އޭނާ ރިޔާސީ ރޭހުގައި ވާދަކުރައްވަނީ "އަމާނާތްތެރިކަން" ސްލޯގަންގެ ދަށުން ކަމަށާއި ޕްރައިމަރީން ޓިކެޓް ނުލިބިޖިއްޔާ އަމިއްލަ ގޮތުން ވެސް ވާދަކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އުމަރު އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ