ކުރިއަށް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ނިންމަވައިފި އެވެ.
ކުރިން އިދިކޮޅު އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުނު އާދަމް މަނިކު މިއަދު ވިދާޅުވީ މާލެ އަށް ބޭނުންވާ ކަންކަން ކުރެވޭނީ ސަރުކާރަށް ނިސްބަތްވާ މޭޔަރަކު ހުންނަވައިގެން ކަމަށެވެ. އެހެންވެ މޫސާ އަލީ ޖަލީލަކީ އެންމެ ރަނގަޅު ހޮވުމަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ކުޑަކުޑަ އާބާދީއެއް. އެކަކު އަނެކަކަށް އަވަގުރާނަ ގޮވާގޮވާ ތިބޭނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މޫސާ އަލީ ޖަލީލަށޭ ފުރުސަތު އޮތީ. މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެ އަށް ދެވޭ ވޯޓެއް." އޭނަ ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ ގާބިލްކަމާއި ފައިސާ ވެސް އޮތީ ސަރުކާރުގަ އި ކަމަށާއި އެހެންވެ، މާލެ އަށް ހާސިލް ވާނީ ސަރުކާރުން ކޮށްދިން ކަމެއް ކަމަށް ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލަށް ތައުރީފު ކުރައްވައި އޭނަ ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށްވާތީޑިސިޕްލިން ހުންނާނެ ކަމަށާއި ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި ދަތުރު ކުރައްވާނެ ކަމަށެވެ.
"ޕާޓީ މެނިފެސްޓޯއެއްތާ ގެންގުޅޭނީ. އެ މެނިފެސްޓޯ ހިފައިގެން ގޯޅިތަކެއް ނާޅާ ރަނގަޅަށް ދިޔައީމާ ރަގަޅުވާނެ." އާދަމް މަނިކު ވިދާޅުވި އެވެ.
ސަރަނގު އާދަމް މަނިކުގެ ތާއީދު މޫސާ އަލީ ޖަލީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ