ހުރްމުޒުން މުދާ އުފުލުން މެދުކެނޑުނަނުދޭން އދން ފިޔަވަޅުތަކެއް އަޅަނީ

ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެދާނެ ކާބޯތަކެތީގެ ދަތިކަމާއި އިންސާނީ ކާރިސާތަކުން ސަލާމަތްވުމަށް ޓަކައި، ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި މުދާ އުފުލުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ނިޒާމެއް ފަރުމާކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަން އެކުވެރި ދައުލަތްތަކުން (އދ) އިޢުލާންކޮށްފިއެވެ.
ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ހަނގުރާމައާ ގުޅިގެން އީރާނުން ދަނީ ގަލްފް ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ރައްދު ޙަމަލާދެމުންނެވެ. އަދި، އީރާނުން ވަނީ ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
"މީގެ ނަތީޖާތައް ކުޑަކުރުމަށް ޓަކައި ވަގުތުން ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވިއެވެ. ހުރްމުޒްގެ ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށް އދއިން އެކުލަވައިލާފައިވާ ޚާއްޞަ ކޮމިޓީގައި އިސްކޮށް ހުންނަވާނީ އދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޜޯޜް މޮރެއިރަ ދެ ސިލްވާ އެވެ.
ދުޖަރީކް ވިދާޅުވީ، ހުޒްމުޒާ ގުޅޭގޮތުން އދއިން އެކުލަވައިލުމަށް މަސައްކަތް ކުރަމުންދާ ނިޒާމު ފަރުމާކުރާނީ ޔޫކްރެއިނަށް ޚާއްޞަކޮށްފައިވާ 'ބްލެކް ސީ ގްރެއިން އިނީޝިއޭޓިވް'އާއި ފަލަސްޠީނުގެ ޣައްޒާއަށް ޚާއްޞަކޮށްގެން ހިންގަމުންދާ 'އދ 2720 މެކޭނިޒަމް' ފަދަ ނިޒާމުތަކުގެ މައްޗަށް ކަމުގައެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ނިޒާމުގައި ބައިވެރިވުމަށް އޭނާ ވަނީ އދގެ މެންބަރު ޤައުމުތަކަށް ގޮވައިލައްވާފައެވެ.
ހުޒްމުޒް ކަނޑުއޮޅިން އެމެރިކާއާއި ޔަހޫދީންގެ މުދަލާއި ތެޔޮ އުފުލުމަށް އީރާނުން ހުރަސްއަޅާފައި އޮތުމާއެކު، ދުނިޔޭގެ ބާޒާރުތަކަށް ވަނީ ލޮޅުންއަރާފައެވެ. އަދި، ތެލުގެ އަގު އުފުލިގެން ގޮސްފައިވާއިރު، ކާބޯތަކެތީގެ އަގުތައް ވެސް އުފުލިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ވަނީ ދީފައެވެ. އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ބުނީ، ޓްރަމްޕްގެ މި ހަނގުރާމަ ޖޫން މަހާ ހަމައަށް ދެމިގެންގޮސްފިނަމަ، އިތުރު އެތައް މިލިއަން ބަޔަކަށް ހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ