ސިފައިން މަދުވެ އިސްރާއީލްގެ އަސްކަރިއްޔާ "އަމިއްލައަށް އިނދަޖެހިދާނެ" - ސިފައިންގެ ވެރިޔާ

އޮޕަރޭޝަނަލް ޑިމާންޑްތައް އިތުރުވެ، ސިފައިންގެ އަދަދު މަދުވަމުންދާތީ "އިސްރާއީލްގެ އަސްކަރިއްޔާ ދަނީ އަމިއްލައަށް އިނދަޖެހެމުން" ކަމުގެ އިންޒާރު މި ހަފުތާގައި ބޭއްވި ސަލާމަތީ ކެބިނެޓް ބައްދަލުވުމެއްގައި، އިސްރާއީލް އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒަމީރު ދީފައިވާ ކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިސްރާއީލްގެ ޗެނަލް 13 ނިއުސް އިން ބުރާސްފަތި ދުވަހު ބުނީ ޒަމީރު ވަޒީރުންނަށް މައުލޫމާތު ދެމުން "އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމަތީގައި 10 ރަތް ދިދަ (ނުރައްކަލުގެ އިންޒާރު) އުފުލަން." ކަމަށް ބުނިކަމަށެވެ.
އޭނާ ބުނި ކަމަށް ރިޕޯޓްކޮށްފައިވަނީ، "މިވަގުތު އިސްރާއީލް އަސްކަރިއްޔާއަށް ބޭނުންވަނީ މަޖުބޫރު އަސްކަރީ ޚިދުމަތުގެ ގާނޫނަކާއި، ރިޒާވް ޑިއުޓީ ގާނޫނަކާއި، އަދި މަޖުބޫރު ޚިދުމަތުގެ މުއްދަތު އިތުރުކުރުމުގެ ގާނޫނެއް. މާގިނަ ދުވަސްތަކެއް ނުވެ، އިސްރާއީލް އަސްކަރިއްޔާއަށް އާންމު މިޝަންތަކަށް ތައްޔާރު ނުވެވޭނެ އަދި ރިޒާވް ނިޒާމު ދެމިއެއް ނޯންނާނެ."
މި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ ފަރާތްތަކުން ބުނީ ސަރުކާރުން ގައުމުގެ ސަލާމަތަށް ސަމާލުކަން ނުދޭ ކަމަށާއި، އަލްޓްރާ އޯތޮޑޮކްސް ފިރިހެނުން އަސްކަރިއްޔާއަށް ވެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލާކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި މިކަމުގެ ޒިންމާ އެޅުވީ ގާނޫނުތައް ފާސްކުރުމުގައި ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކަށެވެ.
ސެންޓްރަލް ކޮމާންޑްގެ ވެރިޔާ މޭޖަރ ޖެނެރަލް އަވީ ބްލޫތު ވެސް ކެބިނެޓް ބައްދަލުވުމުގައި ބުނީ ހުޅަނގު އައްސޭރީގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، މިހާރުވެސް ދަތިވެފައިވާ ސިފައިންގެ އަދަދަށް އިތުރު ބުރައެއް ކުރިމަތިވަމުންދާ ކަމަށެވެ. ބްލޫތު ވަޒީރުންނަށް ބުނި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޖޯޑަން ވެލީ އާއި ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބިންތައް އަތުލައި އެތަންތަނުގައި އިސްރާއީލްގެ އާބާދީތައް އުފެއްދުމަށް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. މިއީ އިތުރު ސަލާމަތީ ރައްކާތެރިކަން ބޭނުންވާ ތަންތަން ކަމަށް އޭނާ ބުންޏެވެ.
"މިއީ ތިޔަބޭފުޅުންގެ ސިޔާސަތު،" ބްލޫތު ބުނި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. "ނަމަވެސް މިއަށް ސަލާމަތީ ކަންކަމާއި ފުރިހަމަ ރައްކާތެރިކަމުގެ ޕެކޭޖެއް ބޭނުންވޭ، އެކަމަށް މީހުން ބޭނުންވޭ." އޭނާ ބުންޏެވެ.
ޗެނަލް 12 އިން ބުނި ގޮތުގައި، ބައްދަލުވުމުގެ ތެރޭގައި ވަޒީރުންނަށް ވަނީ ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކުގެ ފޫޓޭޖްތައް ވެސް ދައްކާފައެވެ.
އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ހަރުކަށި ވަޒަންވެރިންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހަފުތާގައި، ލުބުނާނަށް ފޮނުވަން އޮތް އިންފެންޓްރީ ބަޓާލިއަނެއް، ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހުޅަނގު އައްސޭރިއަށް ވަނީ ބަދަލުކޮށްފައެވެ. އަސްކަރިއްޔާއިން ބުނާ ގޮތުގައި މި ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަދިވެސް އިތުރު ސިފައިން ބޭނުންވެދާނެއެވެ.
ޗެނަލް 13 ގެ ރިޕޯޓަށްފަހު އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރަށް ފާޑުކިޔަމުން "ސްޓްރެޓެޖީއެއް ނެތި، އެކަށީގެންވާ ވަސީލަތްތަކެއް ނެތި، އަދި މަދު ސިފައިންނާއެކު އަސްކަރިއްޔާ މަލްޓި-ފްރަންޓް ހަނގުރާމައަކަށް ފޮނުވާލީ" ސަރުކާރުން ކަމަށެވެ.
"މިފަހަރު ސަރުކާރަކަށް ނުބުނެވޭނެ 'އަހަރެމެންނަކަށް ނޭނގެއޭ'. މިއީ އެމީހުން އައްޔަންކުރި ޗީފް އޮފް ސްޓާފް، އަދި އޭނާ ސިޔާސީކޮށް ކުށް އޭނާގެ ބޮލުގައި އެޅުވޭކަށް ނޯންނާނެ،" ލަޕިޑް އިތުރަށް ބުންޏެވެ. އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް "އަހަރެން ޒިންމާވާކަށް ނުޖެހޭނެ" އޭ ނުބުނެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ