ހަނުހުރުމުގެ ބާރު: އާއިލާއާއި މުޖުތަމައުގެ މަސްލަހަތު ދެމެހެއްޓުން
އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި – އާއިލާގެ ތެރޭގައްޔާއި މުޖުތަމައުގެ ތެރޭގައި ހިނގާ ކޮންމެ ކަމަކީ، އެކަމަކަށް ވަގުތުން ރައްދުދީ ފިޔަވަޅު އަޅަންޖެހޭ ކަންކަމެއް ނޫނެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ގަބޫލުކުރަނީ ކޮންމެ ބަހަކަށް ރައްދެއް ދިނުމަކީ ނުވަތަ ކޮންމެ އަމަލަކަށް ފާޑުކިޔުމަކީ މަސްލަހަތު ހިފެހެއްޓޭނެ ގޮތް ކަމަށެވެ. ނަމަވެސް، ހަގީގީ ހިކުމަތްތެރިކަމަކީ ކޮންމެ ފަހަރަކު ކުރިހޯދުމުގެ ބަދަލުގައި، ހަނުހުރުން އިޚްތިޔާރުކުރަންވީ ވަގުތު ދެނެގަތުމެވެ. އާއިލީ ގުޅުންތަކަށް ބަލާއިރު، ގޭތެރޭގެ މާހައުލުގައި ކުޑަކުއްޖަކު ހިތްހަމަނުޖެހިގެން އެއްޗެއް ބުނެފާނެއެވެ. ނުވަތަ ހަޔާތުބައިވެރިޔާއާއި ދިމާއަށް އަޑުވީއްލާ އަޑުގަދަކޮށް ވާހަކަދެއްކިދާނެއެވެ. މިފަދަ ހާލަތްތަކުގައި، ކަންކަން އިސްލާހުކުރުމުގެ ނަމުގައި ނުވަތަ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގޮތުން ރައްދު ދިނުމަށް އަޅުގަނޑުމެން އަވަސްވެގަނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އިވޭ ކޮންމެ އަޑަކީ އޭގެ ޒާތުގައި ހަގީގަތެއް ނޫނެވެ. އޭގެ ތެރެއިން ގިނައީ އިންސާނާގެ ނަފްސުގައި އުފެދޭ ވަގުތީ އިހުސާސްތަކެވެ. ކުޑަކުއްޖެއްގެ ހަރުކަށި ބަސްތަކަކީ ވަރުބަލިކަމުގެ ނަތީޖާއަކަށް ވެދާނެއެވެ. ހަޔާތުގެ ބައިވެރިޔާގެ ހަނުހުރުމަކީ ކަމަކާމެދު ކުރެވޭ ފުންފިކުރަކަށް ވެދާނެއެވެ. ކަމުގެ އަސްލަށް ނުބަލައި، ހަމައެކަނި ފެންނަ ފެނުމަށް ރައްދު ދޭނަމަ، ވަގުތީ ނުތަނަވަސްކަމެއް ދާއިމީ ހިތްނުތަނަވަސްކަމަކަށް ބަދަލުވެގެންދިއުމުގެ ބިރު އޮވެއެވެ. https://sun.mv/217657 އާއިލީ މަސްލަހަތާ ބެހޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މުނާސަބު ވަގުތުތަކުގައި ހަނުހުރުން އިޚްތިޔާރުކުރުމަކީ ގޭތެރޭގެ އަމާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭ "ސައިލެންޓް ރެގިއުލޭޓަރ" އެކެވެ. މިފަދަ ދިރާސާތަކުން ސާބިތުވާ ގޮތުގައި، ކޮންމެ ދެބަސްވުމަކަށް ރައްދުދޭ މާހައުލުތަކުގައި އުޅޭ ކުދިންނަށްވުރެ، ހިކުމަތްތެރިކަމާއެކު މައްސަލަތައް ދޫކޮށްލާ މާހައުލުތަކުގައި ބޮޑުވާ ކުދިންގެ ކިބައިގައި ކެތްތެރިކަމާއި، މީހުންނާ ގުޅިގެން އުޅުމުގެ ސިފަ މާ ބޮޑަށް އަށަގަނެއެވެ. މުޖުތަމައުގެ ތެރޭގައިވެސް ކަން އޮތީ މިފަދަ ގޮތަކަށެވެ. އަވަށްޓެރިއަކު ނުވަތަ ދަންނަ މީހަކު ތިމާ ހިތްދަތިވާ ފަދަ ބަހެއް ބުނެފާނެއެވެ. ނުވަތަ މީހެއްގެ ފަރާތުން ފާޑުކިޔުމެއް އަމާޒުވެދާނެއެވެ. ގިނަ ފަހަރަށް އެފަދަ ފާޑުކިޔުންތަކަކީ އެ މީހަކު އަމިއްލައަށް ނޭނގި އުފުލަމުންދާ ބުރައެއްގެ ސަބަބުން ބުނެވޭ ބަސްތަކެކެވެ. މިއިން ކޮންމެ ކަމަކަށް ރައްދު ދޭން އުޅުމަކީ އަމިއްލަ ނަފްސާއި އަނެކުންވެސް ވަރުބަލިކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި، މުނާސަބު ވަގުތުގައި ހަނުހުރުމަކީ އިހުމާލުވުމެއް ނޫނެވެ. އެއީ ވަގުތީ މައްސަލައެއް ބޮޑު ފިތުނައަކަށް ބަދަލުވިޔަ ނުދިނުމަށް ނިންމާ ހިކުމަތްތެރި ނިންމުމެކެވެ. އޭގެ ސަބަބުން އިހުސާސްތައް މައިތިރިވުމަށް ފުރުސަތު ލިބި، ބޭކާރު ދެބަސްވުންތަކުން ގުޅުންތައް ސަލާމަތްވެއެވެ. ނަފްސާނީ ދިރާސާތަކުން ހާމަވާގޮތުގައި، ކޮންމެ ކަމަކަށް ރައްދު ދިނުމުގެ ބަދަލުގައި މަޑުޖެހިލައި ހަނުހުރުމަކީ އިންސާނާގެ ނުތަނަވަސްކަން ދަށްކޮށްދީ، ނިންމުންތައް ނިންމުމުގައި ސިކުނޑީގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. އިޖުތިމާއީ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އަޅުގަނޑުމެން އެކަކު އަނެކަކާ އޮންނަގުޅުންތަކުގެ ތެރޭގައި އުފެދޭ ކުދިކުދި ހަމަނުޖެހުންތަކުގައި ވަގުތުން ރައްދު ނުދީ މަޑުކޮށްލާ މީހުންގެ މެދުގައި އޮންނަ ގުޅުން، އެހެން މީހުންނަށްވުރެ ބަދަހިވެފައި ދާއިމީވެއެވެ. މިއީ "އިމޯޝަނަލް އިންޓެލިޖެންސް" ނުވަތަ އިހުސާސްތައް މެނޭޖުކުރުމުގެ ހުނަރުގެ ތެރޭގައި ހިމެނޭ މުހިންމު ބަޔެކެވެ. މީހުންގެ މެދުގައި އިތުބާރު އުފެދެން ފަށަނީ، އަބަދު ފާޑުކިޔުމާއި ގޮންޖެހުންތަކާ ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ. އެފަދަ މާހައުލެއްގައި ހުޅުވާލެވިފައިވާ މަޝްވަރާއާއި، ގާތް ގުޅުންތަކާއި، އުފާވެރިކަން އަށަގަންނާނެއެވެ. ހަގީގީ އުފާވެރިކަން އުފެދެނީ އަބަދު ބަހުގެ ހަމަލާ ދިނުން ދޫކޮށްލައިގެންނެވެ. އެއީ ހިކުމަތްތެރިކަމާއެކު ހަނުހުރުން އިޚްތިޔާރުކުރާ ތަނެއްގައި ފޮޅޭ މަލެކެވެ. ހިނިތުންވެލާށެވެ. އަދި އަނެކުންނަށްވެސް ހަމަޖެހުމާއެކު ހިނިތުންވުމަށް ފުރުސަތު ދޭށެވެ. https://sun.mv/217445 އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި އިރުޝާދުތަކަކީ، އަޅުގަނޑުމެންގެ ތެރޭގައި ރިވެތި އަޚުލާޤީ ސިފަތަކަށް އަށަގެންނެވުމުގެ އެންމެ ވަރުގަދަ ބިންގަލެވެ. "ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަވެގެންނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާއި އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙުމަތްތެރިއަކު ފަދައިން ވެދާނެތެވެ." (ފުއްސިލަތު ސޫރަތް 41:34 ން ދޭހަވާ މާނަ) މިއީ، މީހަކު ކުރާ ނުބައިކަމަކަށް ނުވަތަ ބުނާބަހަކަށް ހަމައެފަދަ ރައްދެއް ދިނުމުގެ ބަދަލުގައި، ރިވެތި އަޚުލާގާއި ކެތްތެރިކަން އިސްކުރުމަށް އޮތް އިލާހީ އިރުޝާދެކެވެ. އަދި ދެބަސްވުންތައް ނައްތާލާ، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ހާމަވެގެންދާ އިލާހީ ފިލާވަޅެކެވެ. އަދި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައި އޮވެއެވެ. "اللَّه އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ހެޔޮބަހެއް ބުނާށެވެ. ނޫނީ ހަނުހުންނާށެވެ." މި މަތިވެރި އިރުޝާދުން އެނގިގެންދަނީ، މުއުމިނެއްގެ ސިފައަކީ ބޭކާރު ވާހަކަތަކުން ދުރުހެލިވެ، ހެޔޮ ބަހެއް ބުނެވެން ނެތް ހާލަތްތަކުގައި ހަނުހުރުން އިޚްތިޔާރުކުރުން ކަމެވެ. މިއީ އާއިލާއާއި މުޖުތަމައުގެ މަސްލަހަތު ދެމެހެއްޓުމަށް އޮތް އެންމެ ފުރިހަމަ މަގެވެ. މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އެނގެނީ، އާއިލާއާއި މުޖުތަމައުގެ މަސްލަހަތު ބިނާވަނީ ކޮންމެ ވަގުތަކު ކުރިހޯދައިގެންނެއް ނޫންކަމެވެ. އަދި ކޮންމެ އަޑަކަށް ރައްދު ދީގެންނެއްވެސް ނޫންކަމެވެ. މުހިންމީ އިސްލާހުކުރަންވީ ވަގުތާއި، ދޫކޮށްލަންވީ ވަގުތު ބުއްދިވެރިކަމާއެކު ވަކިކުރަން ދެނެގަތުމެވެ. މިމަގަށް އަޅުގަނޑުމެންގެ އާއިލާގެ ތެރޭގައާއި މުޖުތަމައުގައި ކަންކަން ތަރުތީބުކުރުމަށް އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލަމާތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ