އެމަޖެންސީނޫން އިތުރު ހާލަތްތަކުގައި، އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތްދެވޭ ގޮތަށް ފުޅާކުރަނީ

އެމަޖެންސީ ނޫން ބައެއް ހާލަތްތަކުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ފެށޭ އޭޕްރިލް މަހުން ފެށިގެން އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް އާންމުންނަށް ހޯދޭނެ އިތުރު ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި، ކުއްލި ހާލަތުގައި ނުވަތަ އެމަޖެންސީގައި ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ފަރާތްތަކާއި، މައްޔިތުންގެ އިތުރުން، އެނދުމަތިވެފައިވާ ފަރާތްތަކާއި، އައުޓްޕޭޝަންޓު ޚިދުމަތް ނެގުމަށް ފުރޮޅުލީގޮނޑީގައި ގެންދެވޭ ފަރާތްތަކާއި ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނާއި، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އާސަންދަ މެދުވެރިކޮށް, އޭޕްރިލް މަހުން ފެށިގެން އެމްބިއުލާންސްގައި ގެންދެވޭނެއެވެ. ރައީސް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވީ، މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ޓެކްނިކަލް ފަންތީގައި ގިނަ ދުވަހު މަޝްވަރާކޮށް، ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ހަދަންޖެހޭ ހިސާބުތައްވެސް ހެދުމަށްފަހު ކަމަށެވެ. "ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް ރައްޔިތުންގެ ފަރާތުން މިކަމަކީ (އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަކީ)، ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވާ، ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެގެން ދުވަސްތަކެއް ވެފަ އޮތް ކަމެއް ރައްޔިތުންގެ ފަރާތުން،" އެމަނިކުފާނު ވިދާޅުވިއެވެ. މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް، ހާލުބޮޑު ބަލި މީހުންނާއި އެމަޖެންސީކޮށް ފަރުވާ ބޭނުންވާ ފަރާތްތައް އެމްބިއުލާންސްގައި ހިލޭ ދަތުރު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ