ފިކުރީ މުދާ ހިމާޔަތްކުރުމަށް ޚާއްސަ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނުގެ ދަށުން، ފިކުރީ މުދާ ހިމާޔަތްކުރުމަށް ޚާއްސަ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" މިއަދު އުފައްދަވައިފިއެވެ. 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ނަމުގައި ސަރުކާރުގެ އާ އިދާރާއެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދެވެ. އަދި، މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން މިއަދު އިއުލާނުކުރި ގޮތުގައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހަކީ، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވައިފައެވެ. https://sun.mv/209779 މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދިނުމެވެ. އަދި، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސޯދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ގާއިމްކޮށް، އެ އޮފީހަށް އެޑްރެސްކޮށް ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 1136 ކަމުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅައިފައެވެ. 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހު'ގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ފިކުރީ މުދާ ރަޖިސްޓްރީކުރުން. ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލާ ބެހޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން. ބައިނަލްއަގުވާމީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ޖަމިއްޔާތަކާ ގުޅުން ގާއިމުކޮށް، ފަންނީ އެހީއާއި ލަފާ ހޯދުން. ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުން. ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން. ފިކުރީ މުދަލާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން. ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ގާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން. ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕާޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެ ނޫން ވެސް މަސްއޫލިއްޔަތުތައް އަދާކުރުން. ފިކުރީ މުދަލަކީ ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ