ބޮޑުކުރި ޓެކްސްތަކާއެކު ފަތުރުވެރިން ކުރި ހޭދަ އިތުރުވެ، 5.4 ބިލިއަން ޑޮލަރަށް

މި ނިމުނު އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފައިވާ ކަމަށް، ފަތުރުވެރިކަން އިޝްތިހާރު ކުރާ ވިޒިޓް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ނޮވެމްބަރު މަހު އާންމުކޮށްފައިވާ އިގުތިސާދީ ހާލަތުގެ ރިޕޯޓާ ހަވާލާދީ، ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މިންވަރު 2024ގެ އެ މުއްދަތާ އަޅާ ބަލާއިރު 15.8 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ދުނިޔެއަށް އަދި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިގުތިސާދީ ލޮޅުންތަކާ އެކު ވެސް، ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރިއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރު އެއާޕޯޓު ޓެކްސްއާއި ފަތުރުވެރިންގެ އަތުން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން އިއުލާނުކުރުމާ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެ ފިޔަވަޅުތަކާ ދެކޮޅަށް ގިނަ ޚިޔާލުތަކެއް ފާޅުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް ދެމެހެއްޓޭނެ ކަމާމެދު ސުވާލު އުފެއްދި ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ހާސިލުކުރި ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. އެ ކުރިއެރުންތަކުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 10 އިންސައްތަ އިތުރުވުމާއި، ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތަކާއި، ބެޑް ކެޕޭސިޓީ އިތުރުވުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ފަތުރުވެރިން އެންމެ މަދުން އަންނަ ލޯ-ސީޒަން ދުވަސްވަރު ވެސް، މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިކަން ރަނގަޅުވި ކަމަށާއި މަހުން މަހަށް ރާއްޖެއަށް ޒިޔާރަތްކުރާކުރާ ފަތުރުވެރިންގެ އަދަދު އިތުރުވި ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. ވީއައިއޭގެ އާ ޓާމިނަލުގައި ކުޑަކުއްޖެއް: މިދިޔަ އަހަރު 2.24 މިލިއަން ފަތުރުވެރިން އައިސްފައިވޭ -- ފޮޓޯ/ އެމްއޭސީއެލް "ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރެވުނު އެކި މަސައްކަތްތަކާއި، ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވިފައިވާ ކާމިޔާބު ހަރަކާތްތައް ވެސް މިކުރިއެރުމުގައި ބޮޑު ހިއްސާއެއް އަދާކުރޭ،" އެ ކުންފުނިން ބުންޏެވެ. ފަތުރުވެރިކަން ހުއްޓުމަކަށް ގެނައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި، ބަންދުކޮށްފައި އޮތް ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ އެކު އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު 22 އިންސައްތައަށް އިތުރުވެ، ރަޝިޔާއިން ފަތުރުވެރިކަމުގެ މާކެޓުގެ 20 އިންސައްތަ ހިއްސާ ހޯދިކަން ވެސް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރިއެވެ. އެ ކުންފުނިން ބުނީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ އާންމުގޮތެއްގައި ދަށްވާ މައްސަލައަށް ހައްލެއް ގެނައުމަށް ވިޒިޓް މޯލްޑިވްސްއިން ސިނާޢަތުގެ ބައިވެރިންނާ އެކު ވަރަށް ގާތުން މަސައްކަތްކުރި ކަމަށެވެ. އެގޮތުން ކުރިއަށްގެންދިޔަ ކެމްޕެއިންތަކާއި، އެކި ސިޔާސަތުތައް ބިނާކުރުމުގައި ސިނާއަތުގައި ހުންނަ މައިގަނޑު މައްސަލަތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރިކަން އެ ކުންފުނިން ފާހަގަކުރިއެވެ. ހަމައެއާއެކު، މި ފެށުނު އަހަރަށް އަމާޒުކޮށް ވެސް އެ ކޯޕަރޭޝަނުން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވައިފައިކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރިއެވެ. "ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރުއޫތަކާއި، މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސީތައް އަދި ބައިނަލްއަޤުވާމީ ފެންވަރިގެ ރިސޯޓުތައް ހުޅުވިގެން ދިއުމާ އެކު، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ތަރައްގީކުރުމަށް ވަނީ ރޭވިފަ،" އެ ކުންފުނިން ބުންޏެވެ. "ފޯބްސް ޓްރެވަލް ގައިޑުގައި، ލަގްޒަރީ ފަތުރުވެރިކަން ތަރައްގީކުރުމަށް ރާއްޖެއަކީ އެންމެ ރަނގަޅު އެއް ތަނުގެ ގޮތުގައި ވަނީ ފާހަގަކޮށްފަ." ރާއްޖެ އައި ފަތުރުވެރިއެއް: ފަތުރުވެރިން ކުރި ހޭދަ ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން ޑޮލަރަށް އަރައިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނޭ -- ފޮޓޯ/ ވެލާނާ އެއާޕޯޓް މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފަތުރުވެރިކަމުގެ އެވޯޑު، ވޯލްޑްސް ޓްރެވަލް އެވޯޑްސްގައި ހަވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ހޯދައިފައިކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެއީ ވިދިވިދިގެން އެ އެވޯޑު ހަ ފަހަރަށް ގައުމަކަށް ލިބުނު ފުރަތަމަ ފަހަރުކަން އެ ކުންފުނިން ފާހަގަކުރިއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކަށް ކޮންޑޭ ނާސްޓް ޓްރެވެލާ އެވޯޑު ލިބުމާއި، މިޝެލިން ކީ ރިކޮގްނިޝަން ފަދަ ތަފާތު ގިނަ ކާމިޔާބީތަކެއް މިދިޔަ އަހަރުގެ ތެރޭގައި ލިބުނު ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. ހަމައެއާއެކު، ވިޒިޓް މޯލްޑިވްސް ސިޔާސަތުތަކަށް ގެނައި ބަދަލާ އެކު، އެ ކޯޕަރޭޝަނުން ވަނީ ލަގްޒަރީ ފަތުރުވެރިކަމާއި، މަތީ ފެންވަރުގެ ތަޖުރިބާތައް އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ސުޕަ ޔޮޓަށް ޚާއްސަ ކެމްޕޭނަކާއި، މަތީ ފެންވަރުގެ ދަތުރުފަތުރުގެ ޑިމާންޑް އިތުރުކުރުމަށްޓަކައި، 40 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ ގުޅިގެން މަސައްކަތްކުރިކަން ފާހަގަކުރިއެވެ. އެ ކުންފުނިން އިތުރަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، ސޯޝަލް މީޑިއާ ޕާފޯމެންސް ރަނގަޅުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުން ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. އޭގެ ސަބަބުން ރާއްޖޭގެ ބްރޭންޑަށް ދުނިޔޭގެ ފެންވަރުގައި ލިބޭ މަގުބޫލުކަން އަންނަނީ އިތުރުވަމުން ކަމަށް އެ ކުންފުނިން ބުންޏެވެ. ޓޫރިސްޓުންތަކެއް ތޮއްޑޫގައި: ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ވިޒިޓް މޯލްޑިވްސްއިން މި އަހަރަށް ކަނޑައަޅައިފައިވާ ސްޓްރެޓެޖީގައި އާމްދަނީ އިތުރުކުރުމާއި، ލަގްޒަރީ މާކެޓްގައި ގަދަފަދަ މަގާމެއް ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދީ ފައިދާ ހޯދުން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސަރުކާރަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު، މިދިޔަ އަހަރު ފެށުމާއެކު ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރިވެ. އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ދައްކަން ޖެހޭ ގްރީން ޓެކްސް ތިން ޑޮލަރުން ހަ ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ ޖޫން، މަހުން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރިއެވެ. އަދި އެއާޕޯޓް ޓެކްސްއާއި ފީ ބޮޑުކުރީ އޭގެ ކުރިން، ޑިސެންބަރު 2024ގައެވެ. https://sun.mv/189740 ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރަށް ބޭނުންވެފައިވާއިރު ގެނައި އެ ބަދަލުތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެ، އެ ބަދަލުތައް ނުގެނައުމަށް އެދުނެވެ. އޭގެ ކުރީ އަހަރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓް ކަމަށްވާ އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސްކޮށް، ސަރުކާރުގެ ނައިބު ވަޒީރުންތަކެއް ދެއްކި ވާހަކަތަކަކާ ގުޅިގެން، ދެ ގައުމުގެ ގުޅުމަށް ބުރޫއެރިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި އިންޑިއާގައި ބޮޑު ކެމްޕޭނެއް ކުރިއަށްގެންދިޔައިރު، އެ ގައުމުން ފަތުރުވެރިން އައުން މަދުވުމުގެ ކަންބޮޑުވުން އިތުރުވިއެވެ. އެއާއެކު، ރާއްޖެއަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް، ކަމާ ގުޅުން ހުރި މާހިރުން ލަފާކުރެއްވިއެވެ. ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 30ވީ އަންގާރަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް ވަނީ 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒު ކަމަށްވާ، 2.3 މިލިއަނަށް ވުރެ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ