އެމެރިކާއިން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނުން ބައިވެރިނުވާނެ ކަމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމާލީ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެމެރިކާގެ ފަސާދަވެފައިވާ ސަރުކާރުން އީރާނުގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ، އެއްވެސް ހާލަތެއްގައި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕެއްގައި އީރާނަށް ބައިވެރިވެވެން ނެތް ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ކުޅުމަށް ތާވަލުކޮށްފައިވަނީ އެމެރިކާގެ ސިޓީތައް ކަމަށްވާ ލޮސް އެންޖެލިސް އަދި ސިއެޓްލްގައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 1,255 މީހުން މަރުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ، އެމްބަސީތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.
ވަޒީރު ދުންޔާމާލީ އިތުރަށް ވިދާޅުވީ، އީރާނުގެ ކުޅުންތެރިންނަށް އެމެރިކާގައި ރައްކާތެރިކަމެއް ނެތް ކަމަށާއި، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެމެރިކާއިން އީރާނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްފައިވާތީ އެ ގައުމުގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ވޯލްޑް ކަޕާ ބެހޭގޮތުން އީރާނު ސަރުކާރުގެ އިސް އޮފިޝަލަކު ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
މިދިޔަ ހަފުތާގައި އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މަހްދީ ތާޖު ވެސް ވަނީ މުބާރާތުގައި ބައިވެރިވުމާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އީރާނަށް މިފަދަ ހަމަލާއެއް ދީފައިވާއިރު، އުއްމީދާއެކު ވޯލްޑް ކަޕަށް އިންތިޒާރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި، އީރާނުގެ ޓީމަށް އެމެރިކާގައި މަރުހަބާ ކިޔާނެ ކަމަށް ޓްރަމްޕް ބުނެފައިވާ ކަމަށެވެ. އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި އިންފަންޓީނޯ ވިދާޅުވީ، މެދުއިރުމަތީގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވެސް ޓްރަމްޕާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ ވެސް އީރާނެވެ.
ފީފާ ވޯލްޑް ކަޕުގައި ނުކުޅޭން އީރާނުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ