ރަފަޙް ބޯޑަރު 2 އަހަރަށްފަހު ވަގުތީ ގޮތުން ހުޅުވާލައިފި

ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، ޣައްޒާއާއި މިޞްރު ގުޅުވައިދޭ ރަފަޙް ބޯޑަރު އިސްރާއީލުން ހުޅުވާލައިފިއެވެ.
މިއީ ގަތުލްއާއްމު ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުންނާއި، މިޞްރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ނިންމި ނިންމުމެކެވެ. ރަފަޙް ބޯޑަރަކީ އިސްރާއީލުގެ ބޯޑަރަކާ ނުގުޅި، ޢައްޒާގެ ރައްޔިތުންނަށް ބޭރު ދުނިޔެއަށް ނުކުމެވެން އޮންނަ މައިގަނޑު ދޮރާށްޓެވެ. 2024 ވަނަ އަހަރުގެ މެދުތެރޭގައި އިސްރާއީލު ސިފައިން އެ ސަރަހައްދަށް އަތްގަދަކުރުމާ ގުޅިގެން، މި ބޯޑަރު އޮތީ މުޅިން ބަންދުކޮށްފައެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމުގެ ދަށުން، ބޯޑަރު ހުރަސްކުރުމުގެ ފުރުޞަތު ދެނީ ވަރަށް މަދު ބަޔަކަށެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއް ދެނީ އަވަސް ފަރުވާއަށް ބޭނުންވާ ބަލިމީހުންނަށާއި، ހަނގުރާމައިގެ ސަބަބުން ގައުމު ދޫކޮށް ގޮސްފައިވާ މީހުންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ފަރާތްތަކަށެވެ. ބޯޑަރު ހުރަސްކުރާ ކޮންމެ މީހަކުވެސް އިސްރާއީލުގެ ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން ބަލައި ފާސްކުރާނެކަމަށް މައުލުމާތުލިބެއެވެ. އަދި މިކަން ކުރިއަށްދާނީ މިޞްރާއި ޔޫރަޕިއަން ޔޫނިއަންގެ ބެލުމުގެ ދަށުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި މިވަގުތު ބޯޑަރު ހުރަސްކުރެވޭނީ ދުވާލަކު ވަކި އަދަދެއްގެ ބަޔަކަށެވެ.
މި ބޯޑަރު ހުޅުވާލާފައިވަނީ އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ލުޔެއް ދިނުމުގެ މަގުޞަދުގައެވެ. ދަތުރުފަތުރުގެ ދަތިކަން ކުރިމަތިވެފައިވާ ގިނަ ރައްޔިތުން މިކަމަށް މަރުޙަބާ ކިޔާފައިވީ ނަމަވެސް، އިންސާނީ އެހީ ހިފައިގެންދާ އުޅަނދުތަކަށް އަދިވެސް ފުރުޞަތު ނުދޭތީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބޯޑަރު ހުޅުވާލި ކަމުގެ ޚަބަރު ފެތުރިގެން ދިޔަ ވަގުތަކީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ އަދި ބޮޑުބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުވަމުންދާ ވަގުތެކެވެ.
ކަމާބެހޭ މާހިރުން ދެކޭގޮތުގައި، ރަފަޙް ބޯޑަރު ހުޅުވާލުމަކީ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ސިޔާސީ އަދި ސަލާމަތީ މައްސަލަތައް ހައްލުނުވާހާ ހިނދަކު، އަދި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްނުދެވޭހާ ހިނދަކު، މި ބަދަލުން ކުރާނެ ފައިދާ ވަރަށް ކުޑަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ