ޝަންގްރިއްލާ ހުޅުވީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން

އައްޑޫ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކޮވިޑާ ހެދި 2020 ގެ ތެރޭގައި ބަންދުކުރި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވީ މިދިޔަ މަހުގެ 30 ގަ އެވެ. ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
މިކަމާ ގުޅޭގޮތުން "އެސްއެސްޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ދީދީ ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވީ "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ކަމަށާއި އެ ރިސޯޓަށް ޓޫރިސްޓަކު ވެސް ނުދާ ކަމަށެވެ.
"އެތަން އަދިވެސް މަރާމާތުނުކޮށް ހަމައެކަނި ރެސްޓޯރެންޓަކާއި ދެ ކޮޓަރިއާއި މަރާމާތުކޮށްލާފައި ހަމައެކަނި އޯޕަން ބޯޑެއް އެޅުވިޔަސް ގެސްޓުންނެއް ނުއެއް ދާނެ. އެތަނަކީ ޝަންގްރިއްލާގެ ސިގްނޭޗާ ޑެސްޓިނޭޝަން ޕްރޮޑަކްޓެއް އެއީ. އެހެންވީމަ އެބޭފުޅުން އެ ބޭނުންވާ ޝަންގްރިއްލާގެ ފެންވަރަށް އެތަން ތަރައްގީކުރެވިގެން ނޫނީ އެބޭފުޅުން ކޮމާޝަލީ އެތަން ނުއެއް ހުޅުވާނެ،" ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ޝަންގްރިއްލާ ރިސޯޓަކީ މިއަދުވެސް އޮޕަރޭޝަނަލް ރިސޯޓެއް ނޫން ކަމަށާއި އެ ރިސޯޓު ވަކި ތާރީހަކަށް ހުޅުވީ ސިޔާސީ ބޭނުމަކަށް ޝަންގްރިއްލާއަށް މަޖުބޫރުކޮށްގެން ކަމަށެވެ.
"މަޖުބޫރުކޮށްގެން އެކަމެއް އެކުރީ. ރިސޯޓު ގެސްޓުންނަށް ހުޅުވާލާފައެއް ނެތް. ދުނިޔޭގެ އެއްވެސް ބުކިން ޕްލެޓްފޯމަކުން އެވެއިލަބަލެއް ނޫން. ދިވެހިރާއްޖެއަށް ފަތުރުވެރިން ގެންނަ އެޖެންޓަކުން ޝަންގްރިއްލާ އެވެއިލަބަލް ކަމަކަށް ނުއެއް ދައްކާ،" ދީދީ ވިދާޅުވި އެވެ.
ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ