ނަޝީދުގެ ދައުވަތު ގަބޫލުނުކުރައްވައި ރައީސް ވިދާޅުވީ އެއީ ރައްޔިތުން ހަވާލުކުރި ޒިންމާއެއް ނޫން ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހަޅުއްވާ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ނަޝީދު ދެއްވި ދައުވަތު ގަބޫލުނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ނަޝީދާއި ފައްޔާޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަމުގެ ނިޒާމަށް ގެންނަވަން އެ ދެ ބޭފުޅުން ހުށަހަޅުއްވާ ކަންކަން އިއުލާންކުރެއްވި އެވެ.
މައިގަނޑު ބަދަލަކީ ސަރުކާރުގެ މަތީ ވެރިޔާ އާއި ދައުލަތުގެ މަތީ ވެރިޔާ ދެ މަގާމަކަށް ހެދުމެވެ. އެގޮތުން:
ސަރުކާރުގެ މަތީ ވެރިޔާ އިންތިހާބުކުރާނީ މިހާރު ވެސް ރައީސް އިންތިހާބުކުރާ ގޮތަށް ރައްޔިތުންގެ ސާފު އަގުލަބިއްޔަތު ވޯޓަކުން
ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ ވޯޓަކުން؛ އެކަމަކު ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރާ ހާލަތުގައި ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމާއި އޯވާސައިޓް ސުޕަ ކޮމިޝަނެއް ހެދުމުގެ އިތުރުން މަޖިލީހުގެ އެކުލެވުން ބަދަލުކުރުން ހިމެނެ އެވެ.
ނަޝީދު ވަނީ މި ބަދަލުތައް ގެނައުމަށް އެމްޑީޕީއާ އެކު މަޝްވަރާކުރުމަށް އެއް މޭޒަކަށް ވަޑައިގަންނަވަން ރައީސް މުއިއްޒަށް ދައުވަތު އަރުއްވައިފަ އެވެ.
ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ ނަޝީދު ދައުވަތު ދެއްވި ކަމަކީ ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުން އަޅުގަނޑަށް ދިން މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް އަޅުގަނޑާ ހަވާލުކުރިއޭ ތިމަންނަމެން މި ހަވާލުކުރިއޭ އަޅުގަނޑު އިއުލާންކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް،" އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ދިން މެންޑޭޓުން ބޭރުގައި ހިމެނޭ ކަމެއް ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުން ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެނައުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ނޫނެކޭ ބުނި ސަބަބަކީ ވެސް ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ރައްޔިތުން ބޭނުންނުވާތީ ކަަމަށެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރުވުން ހިފެހެއްޓުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެކުލެވުން ބަދަލުކުރުން ފަދަ ރައީސްގެ ވައުދުތައް ފިޔަވައި އިތުރު ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގީ، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް އުނިކޮށް، 2028 އިން ފެށިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގެނައި އިސްލާހާ ގުޅޭ ގޮތުންނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ. އެގޮތުން: 
އިސްލާހާ ދެކޮޅަށް: %69 (148,859 ވޯޓު)
އިސްލާހަށް ތާއީދުކޮށް: %31.26 (67,680 ވޯޓް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ