ހަގީގަތް އޮޅުވާލުން: ނަފުސާނީ ގޮތުން ދެވޭ އަނިޔާއެއް
އަނިޔާވެރިކަމަކީ ހަމައެކަނި މީހަކަށް ދެވޭ ޖިސްމާނީ ނުވަތަ ބަހުގެ ހަމަލާއެއް ނޫނެވެ. އެއީ ހަގީގަތް އޮޅުވާލައި، އަނިޔާ ލިބޭ މީހާގެ އަމަލުތަކާއި އިހުސާސްތަކާ މެދު އެ މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލުވާލުމެވެ. މީގެ ތެރޭގައި ހިމެނޭ "DARVO" (ޑާވޯ)ގެ ނަމުން މަޝްހޫރުވެފައިވާ އުކުޅަކީ، އަނިޔާ ލިބޭ މީހާއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި އުކުޅުގެ ސަބަބުން އަނިޔާވެރިޔާ އޭނާގެ ކުށް އިންކާރުކޮށް، އަނިޔާ ލިބޭ މީހާއަކީ ކުށްވެރިޔާ ކަމުގައި ދައްކައި، އަމިއްލަ ނަފުސު މަޒްލޫމެއްގެ ގޮތުގައި ދައްކައެވެ. މީގެ ސަބަބުން އަނިޔާ ލިބޭ މީހާގެ ހިތުގައި ޝައްކު އުފެދި، ކުށްވެރި ވަނީ އަމިއްލަ ނަފުސު ކަމަށް ގަބޫލުކުރެވެން ފަށައެވެ. ހަގީގަތް އޮޅުވާލުމަކީ އަނިޔާވެރިޔާގެ ބާރު ދެމެހެއްޓުމަށް ބޭނުންކުރާ އުކުޅެއްކަމުން އެފަދަ ކަންކަމުން ރައްކާތެރިކަން ހޯދުމަށް އެކަންކަމާބެހޭ މައުލޫމާތު ރަނގަޅަށް ހޯދުމަށްފަހު އެކަންކަމަށް ސަމާލުވުން މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް 'ޑާވޯ'އަކީ ކޮބާ؟ 'ޑާވޯ'އަކީ އެމެރިކާގެ ސައިކޮލިޖިސްޓް އަދި ދިރާސާވެރިއެއް ކަމަށްވާ ޖެނިފާ ފްރޭޑް ކުރެއްވި ދިރާސާތަކުން ދެނެގަނެވިފައިވާ ނަފުސާނީ އުކުޅެކެވެ. މީގެ މާނައަކީ: 1- އިންކާރުކުރުން: ކުރެވުނު ކުށް ނުވަތަ އަނިޔާވެރި އަމަލު އެއްކޮށް ދޮގުކުރުން.2- ހަމަލާ ދިނުން: ކުށުގެ ވާހަކަ ދެއްކި މީހާގެ އަބުރަށާއި އިތުބާރަށް ހަމަލާދީ، އެއީ ގޯސް މީހެއްކަން ދެއްކުމަށް މަސައްކަތްކުރުން.3- އަނިޔާ ލިބުނު މީހާއާއި އަނިޔާވެރިޔާގެ ދައުރު ބަދަލުކުރުން: އަނިޔާވެރިޔާއަކީ އަނިޔާ ލިބޭ މީހާ ކަމުގައި ދައްކައި، ހަގީގީ މަޒްލޫމަކީ ކުށްވެރިޔާ ކަމުގައި މުޅި މަންޒަރު ބަދަލުކޮށްލުން. މި އުކުޅުގެ ސަބަބުން މުޅި މައްސަލައިގެ އަމާޒު ހަގީގީ އަނިޔާއިން ކުށްވެރިވާ މީހާގެ "ނުބައިކަމަށް" ބަދަލުވެގެން ދެއެވެ. މިކަން ހިނގާ ގޮތް އާންމު ދިރިއުޅުމުގައި މިކަން ފެންނަނީ ވަރަށް އޮޅުންބޮޅުން ބޮޑު ގޮތަކަށެވެ. އަނިޔާ ލިބޭ މީހާއަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި، މާފަށް އެދެވެން ފެށެއެވެ. އަދި، އަމިއްލަ ހަނދާންތަކާ މެދު ޝައްކު އުފެދެއެވެ. މިއީ އާއިލީ ގުޅުންތަކުގެ ތެރޭގައާއި، ވަޒީފާގެ މާހައުލުގައި ވެސް މީހުންގެ މައްޗަށް ބާރު ފޯރުވުމަށް ބޭނުންކުރާ ނުރައްކާތެރި ހަތިޔާރެކެވެ. ޒޯޓާ ހެލްތްކެއާގެ ސީއީއޯ އަދި މެންޓަލް ހެލްތް ކޯޗު ޑރ. ސުޖިތް ޕޯލް ވިދާޅުވާ ގޮތުގައި، 1997 ވަނަ އަހަރު ޖެނިފާ ފްރައިޑް މި އަމަލު ސިފަކުރެއްވީ އަނިޔާވެރިޔާ ވަރަށް އަވަހަށް މަންޒަރު ބަދަލުކޮށްލާ ގޮތެއްގެ ގޮތުގައެވެ. ޖެނިފަ ވިދާޅުވި ގޮތުގައި، އަނިޔާވެރިން އެމީހުން ޒިންމާދާރު ކުރުވަން އުޅޭ ކޮންމެ މީހަކަށް ބިރުދައްކައި، އެ މީހަކީ އަނިޔާވެރިޔާ ކަމުގައި ދައްކައި މުޅި ހަގީގަތް ފުރޮޅާލައެވެ. 'ޑާވޯ' ދެނެގަންނާނެ ގޮތް - މައްސަލައެއް ފާހަގަކުރުމުން، ކުއްލިއަކަށް އަނެއް މީހާގެ އަހުލާގަށް އަމާޒުކޮށް އެ މީހަކު ބަދުނާމުކުރުން.- ސާފުކޮށް ފެންނަން ހުންނަ ހަގީގަތްތަކަށް ތަކުރާރުކޮށް އިންކާރުކުރުން.- ޝަކުވާކުރި މީހާއާ ދެކޮޅަށް މުޖުތަމައުގެ ނުވަތަ އެހެން މީހުންގެ އެހީތެރިކަން ހޯދައި، އެ މީހާ އެކަހެރިކޮށްލުން.- އަނިޔާ ލިބޭ މީހާއަށް އަމިއްލަ ނަފުސާ މެދު ޝައްކު އުފެދި، އެއީ ބޮޑު ކުށްވެރިއެއްކަމުގެ އިހުސާސްކުރެވުން.- މިއީ އެއް ފަހަރު ހިނގާ ކަމެއްގެ ބަދަލުގައި، ތަކުރާރުކޮށް ހިނގާ އާދައަކަށް ވުން. މިކަން ފެންނަ ދާއިރާތައް - އަނިޔާވެރި އަމަލުތަކަކީ އަމިއްލަ ނަފުސުގެ ނާޒުކުކަމުގެ ސަބަބުން ހިނގާ ކަމެއްގެ ގޮތުގައި ދެއްކުން.- އިސްވެރިން އެ މީހުން ނިންމާ ގޯސް ނިންމުންތަކުގެ ޒިންމާ ދަށަށް ތިބޭ މުވައްޒަފުންގެ ބޮލުގައި އެޅުވުން.- ބާރުގަދަ މީހުން އެ މީހުންގެ ގޯސް އަމަލުތައް ފޮރުވައި، ޝަކުވާކުރާ މީހާއަކީ "ކެތްތެރިކަން ކުޑަ" ނުވަތަ "ޝުކުރުވެރިނުވާ" މީހެއްގެ ގޮތުގައި ލޭބަލްކުރުން. މި ފަދަ ކަންކަމާއި ކުރިމަތިލާނެ ގޮތާއި ރައްކާތެރިކަން ހޯދާނެ ގޮތްތައް 1- މިއީ ވަކި ރޭވުމެއްގެ ދަށުން ހިނގާ ކަމެއްކަން ދެނެގަނެ، އެކަމަށް ނަމެއް ދިނުން. 2- ހިނގާ ކަންތައްތަކާއި ދެކެވޭ ވާހަކަތައް ލިޔުމުން ނުވަތަ ރިކޯޑުކޮށް ބެލެހެއްޓުން. 3- ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ރައްކާތެރި ހުދޫދުތަކެއް ގެންގުޅުން. 4- މާނައެއް ނެތް، ތަކުރާރުވާ ޒުވާބުތަކުގައި ބައިވެރިނުވުން. 5- އިތުބާރު ހުރި ރަހުމަތްތެރިންނާއި، ކައުންސިލަރުން ނުވަތަ ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުން. 6- އަނެކާގެ އަމަލުތަކުގެ ޒިންމާ އަމިއްލަ ބޮލުގައި ނޭޅުން. ހަނދާން ބަހައްޓަންވީ ކަމަކީ، ހަގީގަތް އޮޅުވާލުމަކީ އަނިޔާވެރިޔާގެ ބާރު ދެމެހެއްޓުމަށް ބޭނުންކުރާ އުކުޅެއްކަމެވެ. މިކަން ދެނެގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އަލުން ހޯދުމަކީ މިފަދަ އަނިޔާވެރިކަމުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު މަގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ