ފޮއްޓަށް ލޯޝަން ފުޅިއެއް ލެވޭކަށް ވެސް މިހާރަކު ނެތް

އެއާޕޯޓްގައި ފޮށި ޗެކްކޮށްލަން، ކަސްޓަމްސް އޮފިސަރަކު، ބުނުމަކީ ހާސްވާން ޖެހޭނެ ކަމެއް ނޫނެވެ. އެތެރެކުރުން މަނާ އެއްޗެއް އޭގައި ނެތް ނަމަ އެވެ.
އެކަމަކު ތިމާ ނުކުރާ ނުވަތަ ދުވަހަކު ވެސް ނުކުރާނެ ކުށެއްގެ ތުހުމަތު އެޅޭ ނަމަ ހާސް ވެސް ވާނެ އެވެ. ރުޅި ވެސް އަންނާނެ އެވެ.
މިދިއަ އަންގާރަދުވަހު އިންޑިއާއިން އައިސް ވީއައިއޭގެ ޓާމިނަލުން ނުކުންނަން ދަނިކޮށް ކަސްޓަމްސް އޮފިސަރުން އަޅުގަނޑުގެ ކިބައިން އެދުނީ ފޮށި ޗެކްކުރަން ބޭނުން ކަމަށެވެ. އަޅުގަނޑު އަވަހަށް ފޮށި ގެންގޮސް އަށިމަތީ ބާއްވައި، ހުޅުވާލީމެވެ.
ޒުވާން އޮފިސަރު ބުނީ، ސްކޭން މެޝިނުން ފުޅިތަކެއް ފެންނަ ކަމަށެވެ. ފޮއްޓެއްގައި ވިއްޔާ ކޮންމެވެސް ކަހަލަ ފުޅިއެއް ހުންނާނެތާ އެވެ. އޭނާ ބޭނުންވީ އެ ފުޅިތައް ޗެކްކުރާށެވެ.  އެންމެ މަތީގައި އޮތީ ރައްޓެއްސަކު ބުނެގެން ބެންގަލޫރުން ގަތް ހަމުގެ ކްރީމް ކުޑަކުޑަ ދެ ފުޅި އެވެ. އެ ނަގާފައި ދެއްކީމެވެ.
"ދެން ނުހުންނާނެތަ ފުޅިއެއް؟" އޭނާ ސުވާލުކުރި އެވެ.
އެވަގުތު އެހެން އޮފިސަރަކު އަ އެވެ. އޭނާ ބުނީ ސްކޭން މެޝިނުން 'ތިޔަށް ވުރެ ބޮޑު ފުޅިތަކެއް ފެންނަ' ކަމަށެވެ. އަޅުގަނޑު ފޮށި ހަވާލީމެވެ. ތެދެކެވެ. އަޅުގަނޑުގެ އަށް އަހަރުގެ ފިރިހެން ދަރިފުޅަށް ގެނައި 'އަވީނޯ' ލޯޝަން ހަތަރު ފުޅި، އެ ގަތް އިރު ލާފައި އޮތް ކަރުދާސް ކޮތަޅާ އެކު، އަންނައުނުތަކުގެ ތެރޭގައި އޮތެވެ. އޭގެ މަތިން އަޅުގަނޑު ހަނދާނެއް ނެތެވެ.
އެއާޕޯޓްގައި ކަސްޓަމްސް އޮފިސަރުންނަށް ޝައްކެއް ވެގެން ޗެކްކުރާ ނަމަ އެ ޝައްކު ބޮޑުވާނެ ފުރަތަމަ ގޯސް ހެދުނީ އެވެ. އަޅުގަނޑުގެ ފޮށީގައި ހުރި އެއްޗެއް އަޅުގަނޑަށް އެނގެން ޖެހޭނެތާ އެވެ.
އޭގެ ތެރެއިން ލޯޝަން ފުޅިއެއް ނަގާފައި، ޒުވާން އޮފިސަރު ސުވާލުކުރީ 'މި އޮތީ ކަނޑާފައި' ކަމަށެވެ. އަޅުގަނޑުގެ ޖަވާބަކީ ތިޔައީ ފިހާރައިން ގަތް ގޮތަށް އޮތް އެއްޗެއް ކަމެވެ. އެހާ ހިސާބުން މި އުޅެނީ އާދައިގެ ޝައްކެއް ނޫންކަން ވިސްނުނެވެ. އެހެންވެ އަޅުގަނޑުގެ ހިތްހަމަނުޖެހުން ބޮޑުވި އެވެ.
ޑްރަގްއަށް ޝައްކުކުރަނީތޯ ސުވާލުކުރީމެވެ. އެ ސުވާލަށް ސީދާ ޖަވާބެއް އެމީހުން ފުރަތަމަ ނުދިނެވެ. އެކަމަކު ލޯޝަން އާއި އެހެން ވެސް އާންމުކޮށް ބޭނުންކުރާ އެއްޗެހި ހިމެނޭ ފުޅި ފަދަ ތަކެތި ފޮށިތެރޭގައި ހުންނާނެކަމާއި އެއިން އެއްޗަކަށް ޝައްކުވެގެން ފޮށި ހުޅުވައިގެން އެގޮތަށް ބެލުމަކީ ދެރަ ކަމެއް ކަމަށް، ހިތްހަމަނުޖެހުމާ އެކު އަޅުގަނޑު ބުނީމެވެ.
މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތު ބޮލުގައި އެޅޭ ނަމަ ހިތްހަމަނުޖެހުން އުފެދޭނަތާ އެވެ. ހާއްސަކޮށް ފެށުނީއްސުރެ މަސްތުވާތަކެއްޗާ ދެކޮޅަށް ލިއާ މީހަކަށް ވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކަލުން ގައުމު ހަލާކު ވެއްޖެކަމުގެ އިންޒާރު، ތަފާތު ލިއުންތަކުގައި ދޭ ލިއުންތެރިޔަކަށް ވެސް ވާތީވެ އެވެ.
އެކަމަކު ކަސްޓަމްސް އޮފިސަރުންގެ އެއްވެސް މައްސަލައެއް، ހަގީގަތުގައި، ނެތެވެ. ވަކި މީހަކަށް ވީތީ ޝައްކުނުކޮށް ތިބެގެން ވެސް ނުވާނެ އެވެ. ވަކި މީހެއްގެ ފޮށީގައި ހުރި އެއްޗަކާ މެދު ޝައްކުވާ ނަމަ އެ ބެލުމަކީ ވެސް، އެ މުވައްޒަފުންގެ ޒިންމާއެކެވެ. އެހެންކަމުން އަޅުގަނޑު ހިތްހަމަޖެހުނަސް، ނުޖެހުނަސް އެ ޒިންމާ ނަގަން ޖެހޭނެ އެވެ.
އަޅުގަނޑު ކުރި ސުވާލަށް ފަހުން ޖަވާބު ލިބުނު މެ އެވެ. އަޅުގަނޑު ފޮށި އިތުރަށް ޗެކްކުރަން ޖެހޭކަން، ފޮށީގެ ހަތަރު ފަރާތުގައި، ބެންގަލޫރުގެ އެއާޕޯޓުން ތަތްކޮށްފައި ހުރި ރަތް ކުލައިގެ ސްޓިކާތަކުން އެނގެ އެވެ. ވީއައިއޭގައި ތިބި ދިވެހި ކަސްޓަމްސް އޮފިސަރުންނަށް، ބެންގަލޫރުގެ ސެކިއުރިޓީ އޮފިސަރުން އެ އޮތީ މެސެޖް ދީފަ އެވެ.
މިހާރު މި ވަދެވުނީ މައްސަލަގަނޑެއްގެ ތެރެއަށެވެ. އެ މައްސަލަ ފެށެނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް މި ފަހުން އަތުލައިގަތް މީހުންނާ ހިސާބުންނެވެ: ލޯޝަން ފުޅިތަކުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަނިކޮށް ހަތަރު ފަހަރެއްގެ މަތިން އެކި މީހުން ހައްޔަރުކޮށްފި އެވެ. އެއީ ވެސް އިންޑިއާގެ އެކި މަންޒިލްތަކުން އައި މީހުންނެވެ. އެހެންކަމުން އިންޑިއާގެ އެއާޕޯޓްތަކުން ފުރާ މީހުންގެ ފޮށީގައި ޝައްކުކުރެވޭ ކަހަލަ ފުޅިތަކެއް ހުރި ނަމަ، އެކަން ރާއްޖޭގެ ކަސްޓަމްސްއަށް އަންގަ އެވެ. ނުވަތަ އެ ފޮށީގައި އޭގެ އިންޒާރު ހަރުކުރެ އެވެ.
ދަތުރުކުރާ ކޮންމެ މީހެއްގެ ފޮށީގައި ވެސް ލޯޝަން ހުންނާނެ އެވެ. އެކަމަކު މަސްތުވާތަކެތި އެތެރެކުރުމުގެ ވައްޓަފާޅި ބަދަލުވަމުން ގޮސް، ލޯޝަން ފުޅިއަކާ ހެދި ވެސް އާންމު ދަތުރުވެރިން ހާސްކަމުގެ ތެރެއަށް މި އޮތް ދަނީ ވެއްޓެމުންނެވެ. މިއީ ކިހާ ބޮޑު ނުރައްކަލެއް ހެއްޔެވެ؟ މިއީ ކިހާ ބޮޑު ތަކުލީފެއް ހެއްޔެވެ؟
ފޮށި ހާވާތީވެ، ނުވަތަ ތިމާއަށް ނުބައި ޝައްކުތަކެއް ކުރާތީވެ، ހިތްހަމަނުޖެހިގެން ކަސްޓަމްސް އޮފިސަރުންނާ ދިމާއަށް އެއްވެސް އެއްޗެއް ބުނެވޭކަށް ނެތެވެ. އޭގެ ބަދަލުގައި މިއޮތީ އެ އޮފިސަރުންގެ މަސައްކަތަށް ހިތްވަރުދޭން ޖެހިފަ އެވެ.
މި ތަޖުރިބާއާ އެކު ދަތުރުވެރިންގެ ހޭލުންތެރިކަމަށް ބައެއް ކަންކަން ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ ތިމާގެ ފޮށީގައި ހުރި އެއްޗެހީގެ ސީދާ މައުލޫމާތު ހަނދާން ބެހެއްޓުމެވެ. އަޅުގަނޑުގެ ފޮއްޓަށް ލޯޝަން ފުޅިތަކެއް ލީކަމުގެ ހަނދާނެއް، އެވަގުތަކު، ނެތެވެ. 'ތިޔަށް ވުރެ ބޮޑު ފުޅިތަކެއް ސްކޭނުން ފެނެއޭ' ކަސްޓަމްސް އޮފިސަރު ބުނީމާ ދެން ފޮށީ ހާވާފައި، ހެދުންތަކުގެ ތެރެއިން އެ ނެގީމާ، ކަސްޓަމްސް އޮފިސަރުންގެ ހިތުގައި އޮތް ޝައްކު ހައްތަހާ ބޮޑުވާނީ އެވެ.
މިހާރު އެންމެ ރަނގަޅު ގޮތަކީ ފޮއްޓަށް ލާ އެކަހަލަ ހުރިހާ އެއްޗެއްގެ ލިސްޓެއް ހަދާފައި ބޭއްވުމެވެ. ނުވަތަ ލޯޝަން ކަހަލަ އެއްޗެހި ނުލާ ދަތުރުކުރުމެވެ. އެތަނަކަށް ގޮސް ބޭނުންވާ އެއްޗެއް ގަންނާނީ އެވެ. އެނބުރި އަންނާނީ އެ އެއްޗެހި ދޫކޮށްލައިފަ އެވެ.
އެކަމަކު އެއީ ހައްލެއް ހެއްޔެވެ؟ ނޫނެކެވެ. މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރާ އުކުޅުތައް އެ ދަނީ އަވަސް އަވަހަށް ބަދަލުވަމުންނެވެ. އެހެންކަމުން ކަސްޓަމްސް އޮފިސަރުން ޝައްކުކުރާނީ މިވެނި އެއްޗެއް އޮވެގެންނޭ ކަނޑައެޅޭކަށް ނެތެވެ. ކޮންމެ އެއްޗަކަށް ވެސް ޝައްކުގެ ނަޒަރު ހުއްޓިދާނެ އެވެ. އެހާ ހިސާބުން ތިބާ ހުންނާނީ އެ ނަޒަރުގައި ތާށިވެފަ އެވެ. ކިތައްމެ ހިތްހަމަނުޖެހުނަސްމެ އެވެ. ކިތައްމެ ވަރަކަށް ރުޅިއައި ނަމަވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ