ސަލާގެ 50 ވަނަ ލަނޑާއެކު ލިވަޕޫލް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ރޭ ފްރާންސްގެ ލިލް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.
މި މެޗު ލިވަޕޫލް އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ލިލް އަށް ހަތް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައި އެ ޓީމު އޮތްއިރު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އެ ޓީމަށް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ފަންސާސް ނުވަހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުގައި ސަލާހް ޖެހި 50 ވަނަ ލަނޑެވެ.
މުޅިން އައު ފޯމެޓަކަށް ޗެމްޕިއަންސް ލީގު މި ފަހަރު ރާވާފައިވާއިރު, ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެވެސް އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް ލިލް ރޭގެ މެޗަށް ނިކުތްއިރު އެ ޓީމު ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 21 މެޗުން ބަލިނުވެ ރެކޯޑް ދަމަހައްޓާފަ އެވެ.
ލިވަޕޫލް އާއި ދެކޮޅަށް ލިލް ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 59 ވަނަ މިނިޓުގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ލިލްގެ އައިސާ މަންޑީ އަށް ރަތް ކާޑު ދައްކާފަ އެވެ.
ލިލްގެ ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކިތާ ތިން މިނިޓު ފަހުން ލިލްގެ ޖޮނަތަން ޑޭވިޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 67 ވަނަ މިނިޓުގައި ލިވަޕޫލްގެ ހާވޭ އެލިއޮޓް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މި މެޗުގައި ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.
އެލިއަޓް ލިވަޕޫލް ދޫކޮށް ދާން އުޅޭ ވާހަކަ މީޑިޔާގައި ދެކެވުނު ނަމަވެސް މި މެޗަށްފަހު އޭނާ ވަނީ އެއްވެސް ޓީމަކަށް ދާން ނޫޅޭ ކަމަށާއި ލިވަޕޫލް އާއިއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަން މާޗު މަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ