13 އަހަރުގެ އަލްސާ؛ ޓީޓީގައި ތަފާތު ދައްކަމުން އަންނަ ތަރިއެއް 13 އަހަރުގެ އަލްސާ؛ ޓީޓީގައި ތަފާތު ދައްކަމުން އަންނަ ތަރިއެއް

ރާއްޖޭގެ ކުޅިވަރުގެ އަރަމުން އަންނަ ޖީލުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ކޯޗުންނެކޭ އެއް ވަރަށް ހުނަރުވެރި ކުދިންގެ މައިންބަފައިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަގު އުމުރުގައި ކުއްޖާގެ ހުނަރު ދެނެގަނެ، ކާމިޔާބު ކެރިއަރެއް ބިނާ ކުރުމަށްޓަކައި، ކުދިންގެ މައިންބަފައިން އަދާކުރާ ރޯލުގެ ސަބަބުން، އެ ބިންގާގެ މަތިން ފިޔަވަޅުތަކެއް ކުރިއަށް އަޅައި، ރަނގަޅު ކޯޗުންނާ އެކު، ތަމްރީނުވެ، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކުރާނެ ކުޅުންތެރިން އަންނަނީ އުފެދެމުންނެވެ. އޭގެ ތެރެއިން، އެއް ނަމަކީ، ރާއްޖޭގައި މިހާރު އެންމެ ހަލުވި ދުވެއްޔެއްގައި، ކުރިއަރަމުން އަންނަ 13 އަހަރުގެ ޓޭބަލް ޓެނިސް (ޓީޓީ) ތަރި، އައިޝަތު އަލްސާ ނާފިޒު އެވެ.
"ވަރަށް ކުޑައިރުގައި އަލްސާ ދޮންބެ ޓީޓީ ކުޅޭނެ، ދެން މަންމަ ގެންދާނެ ދޮންބެ ޓީޓީ ކުޅޭތަން ބަލަން، ދޮންބެ ޓީޓީ ކުޅޭތަން ފެނުނީމަ ވަރަށް އިންޓަރެސްޓް ވި (ޝައުގުވެރިވި) ޓީޓީ ކުޅެން. ދެން، ކޯޗަކާ އެކު ފުރަތަމަ ޓީޓީ ކުޅެލަން ލިބުނީމަ ވަރަށް ވެސް ބޮޑަށް ހިތްހަމަޖެހުނު. ފުރަތަމަ ވެސް ވަރަށް ރަނގަޅަށް ޕްރެކްޓިސްގެ ކަންކަން ދިޔައީމަ ވަރަށް ޝައުގުވެރިވި އަސްލު،" މިދިޔަ އަހަރު ރާއްޖޭގެ 13 އަހަރާއި 15 އަަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި އަލްސާ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި، ޓީޓީ އަށް ޝައުގުވެރިކަން ޖެހުނު ގޮތް ކިޔައިދެމުން ބުންޏެވެ.
އަލްސާ ވަނީ މިދިޔަ އަހަރު އިންޓަ ސްކޫލް، އެސޯސިއޭޝަން ކަޕް އަދި ގައުމީ މުބާރާތުގެ 13 އަހަރާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ، ދެ އުމުރުފުރާއެއްގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ބަލާއިރު، އާދަޔާހިލާފު ކާމިޔާބީ އެކެވެ.
އަލްސާ، ހަނދާނުގައި ހުންނަ ގޮތުން އެންމެ ފުރަތަމަ ޓީޓީ މެޗެއް ކުޅުނީ ވެސް ދޮންބެއާ އެކުގަ އެވެ. ކޮންމެ ޕްރެކްޓިހަކުން، ކޮންމެ މެޗަކުން ފެށިގެން ކުރިއަރަމުން އައިސް، ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ލިބުމާ ހަމައަށް، އެހާ ހަގު އުމުރުގައި ވެސް އަލްސާ ވަނީ މިހާތަނަށް ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްފަ އެވެ.
"މަންމަ އާއި ބައްޕަގެ އެއްބާރުލުން ލިބޭތީ އަސްލު މީގެ އެންމެ އުފާވަނީ، ހުރިހާ ގަޑިއެއްގައި ވެސް މަންމަ އާއި ބައްޕަގެ އެއްބާރުލުން ލިބޭތީ މި ރަނގަޅަށް ކުޅެވެނީ. ހުރިހާ ރަށްޓެހިން ވެސް ދެން ޓީމް މޭޓުން ވެސް އަސްލު ވަރަށް ބޮޑަށް އެހީވޭ. އަހަރެމެން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އެ ގޮތަށް އެހީވާތީ އަސްލު ވަރަށް އުފާވޭ،" އަލްސާ ބުންޏެވެ.
އަލްސާ ގައުމީ މުބާރާތުގެ ތަށިތައް ހިފައިގެން.--
އަލްސާގެ ބައްޕަ، ނާފިޒު ވަހީދު، "އަދަދު ސްޕޯޓްސް" އަށް ބުނީ، އަލްސާ ކުޅެން ފެށީ ދޮންބެ ކުޅޭތަން ފެނިގެން ކަމަށެވެ. އަދި ފަހުން، އަލްސާގެ ހިތުގައި، އެކަމަށް ހުރި ޝައުގުވެރިކަން ފެނި، އޭނާ އެކަން ކުރަން ބޭނުންވާ މިންވަރު ފެނުމާ އެކީ، ކޯޗެއްގެ އެހީތެރިކަން ހޯދައިދީގެން ކުރިއަށްދާން ވިސްނީ ކަމަށެވެ.
ރާއްޖޭގެ ޓީޓީގެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ، ހުސެއިން ރަޝީދު (ހުސެން)އާ އެކު، އަލްސާ ޓްރެއިނިން ހަދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަލްސާ ކޮންމެ ޕްރެކްޓިހަކަށް އަންނަނީ ވެސް މެޗެކޭ އެއްވަރަށް އެހާ ފޯކަސްކޮށް ތައްޔާރުވެގެން ކަމަށް. އެހެންވެ، ގިނަ ފަހަރު ވަރުބަލިވިޔަސް، ޕްރެކްޓިސް ނިމެންދެން ހިތްވަރުކޮށް، ބުރަކޮށް މަސައްކަތްކުރެ އެވެ.
"އަމިއްލަ ނަފްސަށް އަބަދު ވެސް ހަނދާންކޮށްދެން. ކޮންމެ ދުވަަހަކު ނުދެވޭނެއޭ 100 ޕަސެންޓް، އެކަމަކު، ކޮންމެ ދުވަހަކު މަސައްކަތްކޮށްގެން ކުރިއަށް ވުރެ ކަންކަން ރަނގަޅުކުރެވޭނެއޭ އެ ގޮތަށް ދެެކެނީ،" އަލްސާ ބުންޏެވެ.
"އަދަދު ސްޕޯޓްސް" އަށް މި އިންޓަވިއު ދިންއިރު، އަލްސާ ތައްޔާރުވަމުން އައީ، މިދިޔަ އަހަރު ބޭއްވި އެންމެ ފަހުގެ ރޭންކިން އަށެވެ. އަލްސާގެ ކެރިއަރުގައި އެންމެ ރަނގަޅު އަހަރު ގޮތުގައި މިދިޔަ އަހަރު ފާހަގަކުރެވުނީ ސަބަބުތަކަކާ އެކު އެވެ. އޭގެތެރެއިން، އެންމެ ބޮޑު ސަބަބަކީ، މިދިޔަ އަހަރަށް ގައުމީ ރޭންކިން ނިންމާލިއިރު، ކެޑޭޓް ގާލްސް ކެޓަގަރީން އެއް ވަނައިގައި އޮތް އަލްސާ އަކީ ޖޫނިއާ ގާލްސް ކެޓަގަރީގެ ތިން ވަނަ އެވެ. އަދި ސީނިއާ ވިމެންސް ކެޓަގަރީގައި ރާއްޖޭގެ އެއް ވަނަ، ފާތިމަތު ދީމާ އަލީ އާއި މަލާކް މުހައްމަދު އިބްރާހިމްގެ ފަހަތުން ތިން ވަނަ އަކީ އަލްސާ އެވެ.
"އެންމެ ބޮޑު ހުވަފެނަކީ، ގައުމީ ޓީމަށް އެރުން، ދެން 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދުން، މި ވަގުތު ޗެމްޕިއަނެއްގެ ގޮތުގައި މި ހުރީ 13 އަހަރާއި 15 އަހަރުން ދަށުގެ، އަންނަ އަހަރު ކުޅޭނީ 17 އަހަރުން ދަށުގައި، އަލްސާގެ ވެސް ވަރަށް ބޮޑު ޓާގެޓެއް،" އެންމެ ފަހުގެ ރޭންކިން މުބާރާތުގެ ކުރިން އަލްސާ ބުންޏެވެ.
ރާއްޖޭގެ ގައުމީ ލެވަލްގައި އަލްސާ ހޯދަމުން އަންނަ ކުރިއެރުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް އަންނަނީ ތަކުރާރު ކުރަމުންނެވެ. އެ ގޮތުން، ފުރަތަމަ މުބާރާތުގައި ބެންޗުގައި އިން އަލްސާ ދެން، އައި މުބާރާތުގައި ހުރީ ޖޫނިއާ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ޓީމު ލީޑުކުރާށެވެ. ކުޅުމަށް ބަލާއިރު ކުރިއެރުން ވެސް ފާހަގަކުރެވުނެވެ. އެކަމަކު، އެއްވެސް ހިސާބަކުން ބަލިވުމަކީ އަލްސާ އަށް އެހާ ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވާތީ، އެ މުބާރާތުން ކެޓުމުން ނުތަނަވަސްކަމެއް ވެސް ހުއްޓެވެ.
އަލްސާ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް
"ދެން ހުސެން ކޯޗު ވިސްނައިދިިނީ އެންމެ ފަހުން ބޭއްވި އިންޓަނޭޝަނަލް މުބާރާތުގައި އަޅުގަނޑަކީ ބެންޗުގައި އިން ކުޅުންތެރިއެއް (ކަން). އެކަމަކު މި ފަަހަރު (މިދިިޔަ އަހަރު) 15 އަހަރުން ދަށުގެ އަންހެން ޓީމުގެ ކެޕްޓަނަކަށް ވެފައި. ކުއާޓާގައި ކުޅެން ލިބުމަކީ ބޮޑު ކަމެއްކަން ވިސްނައިދިނީ،" އަލްސާ ބުންޏެވެ.
ކިތަންމެ ހަގު އުމުރެއްގައި ކުޅިވަރަކުން ކުރިއަށްދާން ބެލިޔަސް، އަމިއްލަ އަށް ވަކި ކަންކަމަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ބޮޑެވެ. އޭގެއިން އެއް ކަމަކީ ޑިސިޕްލިން އެވެ. އާންމު ދިރިއުޅުމާއި ކުޅިވަރުގެ މައިދާނުގެ ރަނގަޅު އަހުލާގެވެ.
"ޑިސިޕްލިން އަކީ ވަރަށް މުހިންމު ކަމެއް ކޮންމެ ކުޅިވަރެއްގައި ވެސް، ޑިސިޕްލިން އަކީ އެއް ވަނަ ޕްރިއޯރިޓީ، ކޮންމެ ޕްރެކްޓިހެއްގައި ވެސް ޓާގެޓެއް ބައިންދަން މިއަދު ބޭނުމޭ މި ކަމޭ ހާސިލްކުރަން، މިސާލަކަށް ޓޮޕްސްޕިން ކުޅެން، އެ ގޮތަށް ކޮންމެ ޕްރެކްޓިހެއްގައި ވެސް ޓާގެޓެއް ބައިންދަން،" ރަނގަޅު އަހުލާގަށް ދޭން ޖެހޭ އިސްކަމަށް އިޝާރާތްކޮށް، ކުޑަކުޑަ އަލްސާ ޝައުގުވެރިކަމާ އެކު ބުނެލި އެވެ.
ރާއްޖޭގައި ނިސްބަތުން ރަނގަޅު ޓީޓީ ކޯޗުން ގިނަ އެވެ. ޖޫނިއާ ކުޅުންތެރިންނާ އެކު މަސައްކަތް ކުރަން ޓީޓީ ކޯޗުން ރާއްޖޭން ބޭރުން ވެސް ގެނެ އެވެ. އެއީ އެ ކަމަށް ހުސްވެ، ކޯޗެއް ބެހެއްޓުމަށެވެ. އެކަމަކު، ހުސެން އަށް އޮތް "ބިޒީ ޝެޑިއުލް"ގެ ތެރެއިން ވެސް އަލްސާ އަށް ކޯޗުކޮށްދޭން އެއްބަސްވީ، ވަރަށް ބައިވަރު ސަބަބުތަކަށްޓަކަ އެވެ.
އަލްސާގެ ބައިންބަފައިންނާއި ހުސެން ވެސް އަމިއްލަ ދިރިއުޅުމުުގެ ކަންކަން ހުރި ގޮތާއި ޓްރެއިނިން ތާވަލާއި ކަންކަން ރޭވިގެން، އަލްސާގެ ކުރިއެރުމަށް ބުރުނާރާނެ ފަދަ ގޮތަކަށް ރަނގަޅަށް ކުރިއަށްދާނެ ޝެޑިއުލެއް ހެދިގެންނެވެ.
"ބިޒީ ޝެޑިއުލެއްގައި އުޅެމުން ވެސް ކޯޗުކޮށްދެވެން އޮތީ މި ގޮތަށޭ ބުނީމަ އެ ގޮތަށް ވެސް އަލްސާގެ މައިންބަފައިން އެއްބަސްވީ،" ހުސެން ބުންޏެވެ.
"ވަރަށް ބައިވަރު ޗެލެންޖް ވެސް އައި. ވަރަށް ގިނަ ދުވަސްވަންދެން ޓީޓީގެ މި ކަހަލަ މަސައްކަތެއްގައި ނޫޅެފައި ކުއްލިއަކަށް އަންނަން ޖެހުނީމަ ވަގުތު ވެސް ނެގި ހޭނެން މި އައިސްފައި ހުރި ބަދަލުތަކަށް،"
ހުސެން ދެކޭ ގޮތުގައި އަލްސާ އަށް ދެ އުމުރެއްގައި ތަފާތު ދެއްކޭ އެންމެ ބޮޑު ސަބަބަކީ ޓްރެއިނިންތަކުގައި އޭނާ ކުރާ މަސައްކަތާއި ދައްކާ ކޮމިޓްމަންޓް އެވެ.
"އެއް އަހަރާއި ހަ މަސް ދުވަހު މިހެން އަލްސާއާ އެކު ޓްރެއިނިން ކުރިއިރު މި ފެނުނު ކަންްކަމަށް ބަލާއިރު ޑައުންވެފައި ހުންނަ ދުވަހެއް އައިސްފައި ހުރީ އެކެއް ނޫނީ ދެ ފަަހަރެއް. ކުޑަކުޑަ ވަގުތު ކޮޅަކަށް އެކަން ވެސް އަންނާނީ، އެއީ އޭނަ ޓްރެއިނިން އަށް އަންނާނީ އަބަދުވެސް މެކްސިމަމް ދޭން،" ހުސެން ބުންޏެވެ.
ޓްރެއިނިންއެއްގެ ތެެރެއިން އަލްސާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
އަލްސާ މިހާރު ހުރި އުމުރު ކަމަށްވާ 13 އަހަރަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް، ކެރިއަރެއް ބިނާކުރަން ވަރަށް ވަރުގަދަ މެޗުތަކެއް ދޭން ޖެހޭ އުމުރެކެވެ. ހުސެން ދެކޭގޮތުގައި، ދެމެހެއްޓެނިވި ގޮތަކަށް އަލްސާ އަށް ވަރުގަދަ މެޗުތަކެއް ލިބޭ ގޮތަށް ފުރުސަތު ދެވޭ ކަމަށްވާނަމަ، އޭނާ ބާރު ދުވެއްޔެއްގައި އިތުރަށް ކުރިއަރާނެ އެވެ.
"ނެޝަނަލް ސީނިއާ ސްކޮޑުގައި ތިބި ކުުޅުންތެރިންނާ ދެކޮޅަށް އެއް މަސް ދުވަސް ޕްރެކްޓިސްކޮށް ކޮށްލަން ލިބިއްޖިއްޔާ ވެސް އަލްސާ ވަރަށް ވަރުގަދަ ފައިޓެއް ދޭނެ،" ހުސެން ބުންޏެވެ.
ކޯޗެއް ހަގު އުމުރެއްގެ ކުޅުންތެރިއަކު ބިނާކުރަން މަސައްކަތް ކުރާއިރު، އޭގެ އަށް އެންމެ ބޮޑު ސަޕޯޓެއް ދެވޭނީ ބެލެނިވެރިންނަށެވެ. އެއީ، ގިނަ ވަގުތު ކުއްޖެއް ހޭދަކުރަނީ އާއިލާއާ އެކުގައި ކަމަށްވާތީ އެވެ. ހުސެން އެ ވާހަކަ ފާހަގަކުރަމުން ބުނީ، އަލްސާގެ ކުރިއެރުމުގެ އެންމެ ބޮޑު ކްރެޑިޓެއް އަލްސާ އަށް ފަހު ދޭން ޖެހޭނީ އޭނާގެ ބައިންބަފައިންނަށް ކަމަށެވެ.
"ކާމިޔާބެއް ވެއްޖިއްޔާ ޕޭރަންޓްގެ ވަރަށް ބޮޑު ސަޕޯޓެއް އިނދޭ. ކުއްޖާގެެ ވެސް ޕެޝަން އެއް ޑިސިޕްލިން ހުންނަން ޖެހޭ ހަމަ. އެއީ، ސައުތު އޭޝިއަންގެ ދެ ވަނަ ރައުންޑު މެޗުން ބަލިވި ދުވަހު ދެން. އަލްސާ ފޭބި ގޮތަށް ރޯން ފަށައިފި، ދެން ބުނިން މިއަދު އަލްސާ ރޯށޭ އެންމެން ކުރިމަތީގައި، އަލްސާ އަށް ތި ސެކަންޑް ރައުންޑް ހިތްހަަމަ ނުޖެހެނީހެއްޔޭ، އަނެއްހެން ފުރަތަމަ ޓޯނަމަންޓެއް ނޫންހޭ ދެ ވަނަ ރައުންޑަށް ދިޔައީއޭ. އަލްސާ އާއި ދީމާއާ އެކަންޏޭ ސެކަންޑް ރައުންޑަށް ދިޔައީ ވެސް ރާއްޖޭން އެ ވަގުތަށް، އިޓްސް އިނަފްއޭ މި ވަގުތަށް ބުނިން. ބުނީމަ އެ ހަމަޖެހުނީ އަނެއްކާ ވެސް،" ހުސެން ބުންޏެވެ.
އެ ގޮތުން، ހުސެން ފާހަގަކުރީ އަލްސާ، ސައިކޮލޮޖިކަލީ އެތުލީޓެއްގެ ސިފައިގައި ކުރިއަރުވަން ވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެކަމުގައި، އެންމެ އިސް އެހީތެރިއަކީ އަލްސާގެ މަންމަ ކަމަށެވެ.
"އަސްލު ކުޅިވަރުގައި ބޭނުންވާ އެއްޗެއް، އަސްލު، ކުއްޖާ މައިންޑް ފްރީ ކޮށްލައިގެން މެޗަށް ނުމެއްޖިއްޔާ ގިނަ ފަހަރު ޕާފޯމަންސް ވަރަށް ރަނގަޅު. ގިނަ ފަހަރު ކުއްޖާ މެޗާ މެދު ވިސްނާ ވިސްނާ މި އިންނަނީ ހާސްވެފައި، އެކަމަކު، ސައިކޮލޮޖިކަލީ ޕްރެއާ ވީމަ ރަނގަޅަށް ކުޅެވޭ،" ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުތަކަށް ވެސް ކޯޗުކޮށްދީފައިވާ ހުސެން ބުންޏެވެ.
ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުންމީދީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، އަލްސާ.--- ފޮޓޯ: އަދަދު ސްޕޯޓްސް
ހުސެން އަށް ސަރަހައްދީ ޓޭބަލް ޓެނިހުގެ ތެރެއިން ދެކެފަރިތަވެފައިވާ ކޯޗުންނާ ގުޅިގެން އެ މީހުންގެ ފަރާތުން ވެސް އަލްސާ އަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަލްސާގެ މައިންބަފައިންގެ އެހީގައި ހަރަދުތަކެއް ވެސް ކޮށްގެން ބިދޭސީ ކޯޗުން ގެނެސް އަލްސާ އަށް ޓްރެއިނިން ދެނީ، އޭނާ ކުރިއަރުވަން ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.
އެ ގޮތުން، އިންޑިއާ ކޯޗެއްގެ އެހީގައި ޓްރެއިނިން އެންމެ ފުރަތަމަ ދިންއިރު، މިދިޔަ އަހަރު ފަހުކޮޅުގައި ވަނީ، ނޭޕާލްގެ ވަރުގަދަ ކޯޗު، ރަޖެންދުރަ ކަޕާލީ ގެނެސްގެން ވެސް އަލްސާ އަށް ކޯޗުކޮށްދީފަ އެވެ.
ރަޖެންދުރަގެ އިރުޝާދުގެ ދަށުން ޓްރެއިނިންވި ނޭޕާލްގެ ކުޅުންތެރިއަކު، މިދިޔަ އަހަރު ވަނީ ޕެރިސް އޮލިމްޕިކްސްގައި ވެސް ކުޅެފަ އެވެ.
ހުސެން ބުނީ، އަލްސާގެ ހުނަރު ފެންނަ ކޮންމެ ކޯޗެއް ވެސް ބޭނުންވަނީ އަލްސާ ބޭރުގެ އެކަޑަމީ އަކަށް ގެންގޮސްގެން ޓްރެއިނިން ދިނުމަށް ކަމަށެވެ. އެންމެން ވެސް ދެކޭގޮތުގައި އެކި ސްޓައިލްގެ ތަފާތު މީހުންނާ އެކު ކުޅޭނަމަ އަލްސާގެ ކުރިއެރުން މިހާރަށް ވުރެ ވެސް ވަރުގަދަވާނެ އެވެ.
"އަލްސާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް އަހަންނަށް ރާއްޖޭން ފެނުނު، އެވްރެޖްކޮށް މި އުމުރުގެ އަންހެން ކުއްޖެއްގެ ނުހުންނަ ލެވަލެއްގެ ހުނަރު އޭނާގެ އެބަހުރި. ފިޒިކަލް ފިޓްނަސް ލެވަލަށް ބެލިޔަސް، ހުނަރަށް ބެލިޔަސް ނޫނީ ވިސްނުންތޫނު މިންވަރަށް ބެލިކަމުގައި ވިޔަސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވުރެ ރަނގަޅުކޮށް ފެންނަނީ،" ސަރަހައްދީ ޓީޓީގެ ތަޖުރިބާ ބޮޑު ކޯޗު ރަޖެންދުރަ ބުންޏެވެ.
"ރާއްޖޭގެ ވިމެންސް ސިންގަލްސް ޗެމްޕިއަނަކަށް ކުރު މުއްދަތެއްގެ ތެރޭގައި ވެވޭނެ ފެންވަރު އަލްސާގެ އެބަހުރި. ސްޕިން ލެވަލް އާއި ޕަވަރަށް ބެލިޔަސް ބެލިޔަސް ވަރަށް ހުނަރުވެރި،"
ރަޖެންދުރަ ދެކޭ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު އެންމެ ވަރުގަދަކޮށް ޓީޓީގައި އޮތީ އިންޑިއާގަ އެވެ. ދެން، އޮތް ގައުމުތަކަށް ބަލާއިރު ކުޅުންތެރިންގެ ފަރަގު އެހާ ބޮޑެއް ނޫން ކަމަށާއި އަންހެން ކުޅުންތެރިންގެ ތެރެއިން ފާހަގަކުރެވޭ އާދަޔާހިލާފު މޮޅެތި ކުޅުންތެރިން ވެސް މަދު ކަމަށް ރަޖެންދުރަ ވަނީ ބުނެފަ އެވެ.
"އެހެން ބަލާއިރު، އަލްސާ ކަހަލަ ކުޅުންތެރިންނަށް މީގެ ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑު. ދެ އަހަރެއް ތެރޭ އަލްސާ އަށް މި ބުނާ ލެވަލަށް ރާއްޖޭގެ ސީނިއާ ޓީމަށް ވެސް ދެވިދާނެ، އެ ފެންވަރު އެބަހުރި،" ރާއްޖޭގެ އެންމެ ސީނިއާ ޓީޓީ ކުޅުންތެރިންނާ ވެސް ގާތްގުޅުމެއް އޮންނަ ރަޖެންދުރަ ބުންޏެވެ.
ނޭޕާލުގެ ގައުމީ ޓީޓީ ކޯޗުކަން ވެސް ކޮށްފައިވާ ރަޖެންދުރަ ބުނީ، ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން އިން ދުރު ރާސްތާ ޕްލޭނެއް ހަދައިގެން، އަލްސާ ކަހަަލަ ކުޅުންތެރިން އަހަރު ދުވަހުގެ ދިގު ޕްރޮގްރާމްތަކަކަށް ފޮނުވައިފިނަމަ، މުސްތަގުބަލުގައި ކާމިޔާބު ހޯދޭނެ ވަރުގަދަ އެތުލީޓުން ލިބޭނެ ކަމަށެވެ.
"މިހާރު ވަރަށް ގިނަ ކުޅުންތެރިންގެ މައިންބަފައިން މަސައްކަތްކޮށްގެން ގިނަ ޓްރެއިނިން ފުރުސަތު (ކުރު މުއްދަތުގެ) މި ހޯދައިދެނީ. ދިގު ރާސްތާ ފުރުސަތު ހޯދައިދޭންވީ އެސޯސިއޭޝަނުން،" ރަޖެންދުރަ ބުންޏެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގައި، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ވަނީ އީރާންގެ ކޯޗެއް ކަމަށްވާ މަހުދީ ހޮޝްމަރަމް ގެނެސްގެން މާލޭގައި ޓްރެއިނިންތަކެއް ކުރިއަށްގެންގޮސްފަ އެވެ. އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ބައިވެރިވުމުން ހިމެނޭ ގޮތަށް، މިދިޔަ އަހަރު ކުރިއަށްދިޔަ، މި "ނެޝަނަލް ޕްރޮޖެކްޓް" ގައި އަލްސާ ވެސް ވަނީ ބައިވެރިވެފަ އެވެ.
މި "ނެޝަނަލް ޕްރޮޖެކްޓް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޓީޓީއޭއެމް އިން ދިނީ މާލޭގައި ތިބި ޖޫނިއާ އާއި ސީނިއާ އަދި އެލީޓް ސްކޮޑުގެ ކުޅުންތެރިންނަށް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ޓީޓީން މި އަހަރަށް ކަނޑައެޅި ރޭންކިން ފުރަތަމަ މުބާރާތް މިއަދު ފަށާނެ އެވެ. އެކަމަކު، މިދިޔަ އަހަރަށް ބަލާއިރު، ރޭންކިން އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އަލްސާ، މި އަހަރުގެ ފުރަތަމަ ރޭންކިން މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އަލްސާ މި ވަގުތު ހުރީ ޓޭބަލް ޓެނިހުން އިތުުރު ކުރިއެރުން ހޯދަން ލިބުނު ފުރުސަތެއްގައި ޓްރެއިނިން ހެދުމަށް އިންޑިއާގަ އެވެ. އިންޑިއާގެ ބެންގަލޫރުގެ ބީއެންއެމް ޓޭބަލް ޓެނިސް އެކެޑަމީގައި އަލްސާ ޓްރެއިނިން ހަދަމުން އަންނައިރު، އޭނާ އަށް ތަމްރީނު ދިނުމުގައި، އިންޑިއާގެ ތަޖުރިބާކާރު ކޯޗު، ކްރުނާލް ޓެލަންގް ވެސް ބައިވެރިވެ އެވެ. މިއީ، ވެސް އަލްސާ އާއި އިތުރު ކުރިއެރުންތައް ލިބިގެންދާނެ ޓްރެއިނިންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ