ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރަންޖެހޭ: އުމަރު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިއަދު ސަން އަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ވެސް ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލަންޖެހޭ ކަމަށާއި ނަމަވެސް ޓެރަރިޒަމްގެ ދައުވާ ނުއުފުލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލަންޖެހޭނީ އިންސާފުވެރި ކޯޓެއްގައި ކަމަށެވެ. "ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލައިގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އިންސާފުވެރި ކޯޓެއްގައި ކުރެވެން ޖެހޭނެ،" އުމަރު ވިދާޅުވިއެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އެންމެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އުފުލި ދައުވާ ރަނގަޅު ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލަންޖެހޭ ދައުވާ އަކީ އެއީ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ ދެ އަހަރު ނުވަތަ ތިން އަހަރަށް ޖަލަށްލުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވުމުން، ރައީސް ނަޝީދުގެ މައްޗަށް އެއްވެސް ގޮތަކަށް ދައުވާއެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ