އަމާޒަކީ 30 ރަށެއްގެ ކަރަންޓުގެ 33 ޕަސަންޓު އިޔާދަކުރަނިވި ހަކަތައިން އުފެއްދުން: ފަހުމީ

ސްޓެލްކޯގެ އަމާޒަކީ 30 ރަށެއްގެ ކަރަންޓުގެ 33 ޕަސަންޓު އިޔާދަކުރަނިވި ހަކަރައިން އުފެއްދުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
"ސަންގު ޓިވީ"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މީގެ 15 ވަރަކަށް އަހަރުކުރިން ސޯލާގެ ވޮޓެއް ލިބެން ހުރީ 1.5 ޑޮލަރަށް ކަމަށާއި ނަމަވެސް މިހާރު ސޯލާ ވޮޓެއް ލިބެން ހުރީ 50 ސެންޓް ނުވަތަ 60 ސެންޓަށް ކަމަށެވެ. ރާއްޖޭގެ ކަރަންޓުގެ 33 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ އަގުތަކަށް ބެއްލެވުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެ އަދަދު 50 ޕަސެންޓަށް އިތުރުވެސް ކުރެވިދާނެ ކަމަށެވެ.
"އެއީ އިންވެސްޓުމެންޓް އެހާ ބޮޑެއް ނޫން ކުރީގެ މީގެ 15 އަހަރާއަޅާ ބަލާއިރުގައި. އެހެންވީމާ މި ދަންނަވަނީ އަޅުގަނޑުމެންނައް އެ ކަންތައް ކުރެވިދާނެއޭ، އަޅުގަނޑުމެން ކުދި ރަށްތަކުގެ އިރާދަކުރެއްވިއްޔާ ކޮށްފަ ދައްކާނަމޭ ކުރެވޭނެކަން. ހަމައެކަނި ޗެލެންޖަކީ މާލެ އަދި ގްރޭޓާ މާލެއާ އެއްކޮށް މި ދެންނެވީ އެއީ ބޮޑެތި ސިޓީތައް. ރޫފެއް އަޅުގަނޑުމެންނަކަށް ނުއެއް ލިބޭ. ދެން ކުދި ރަށްތަކުގައި ވާގޮތަކީ ލޯޑް ކުޑަވުމާ އަދި ސޯލާ ޖަހާނެ ތަންތަންވެސް އެބަހުރި، މޫދުގަވެސް ޖެހިދާނެ، އެބަހުރި މޫދު ބީޗު އޭރިއާގެ ނުވަތަ އެ ސަރަހައްދުގެ ގެސްޓުންނަށް ނުވަތަ ޓޫރިސްޓުންނަށް ގެއްލުންނުވާ ގޮތަށް ސޯލާ ޖެހޭނެ ރަށްތަށް އެބަހުރި އަޅުގަނޑުމެންނަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ 30 ރަށް 33 ޕަސަންޓު ގެނައުން. ވީހާވެސް އަވަހަކަށް. މޭބީ ތްރީ ޓު ފޯ އިޔާސް ތެރޭގައި" ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގައި ސޯލާ ޖެހުމަކީ ދިވެހި ކުންފުނިތަކަށް ކުރެވޭ ވަރުގެ ބޮޑު ކަމެއް ކަމަށާއި އެކަންކަން ކުރުމަށް ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ އެހީ ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތުން ސްޓެލްކޯ އިން މިހާރުވެސް ބޭރުގެ ބައެއް ކުންފުނިތަކާ ވާހަކަދައްކަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ބުރިޖު ހައިވޭގައި ސޯލާ ޕެނަލް ޖެހުމަށް ހިންގި މަޝްރޫއަކީ ރަނގަޅު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ހަ މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ. އެ ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާ ގުޅުމުގެ މަސައްކަތް އެންވަޔަރުމެންޓް މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސޯލާތަކުން ފައިދާ ކުރާނެ ކަމަށާއި އެ ފައިދާ ލިބިގަންނަންޖެހޭ ކަމަށެވެ. ނަމަވެސް ހައިވޭއިން ދަތުރުކުރާއިރު މޫދު ނުފެންނާތީ ރައްޔިތުން ޝަކުވާކޮށް، ކަންބޮޑުވުން ފާޅުކުރާތީ ސަރުކާރުގެ ވިސްނުމަކީ އެ ސޯލާތައް އެހެން ތަނަކަށް ބަދަލުކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ