ހަ ޒުވާނުން 32 ގައުމު ގޮވައިން ކޯޓަށް

ޕޯޗުގަލްއަށް ނިސްބަތްވާ ހަ ޒުވާނުން، ދުނިޔޭގެ 32 ގައުމެއް ގޮވައިގެން ޔޫރަޕުގެ ހިއުމަން ރައިޓްސް ކޯޓަށް ހިނގައްޖެއެވެ. ތިމާވެށީގެން ސަބަބުން ކުރާ ގެއްލުންތައް ކުޑަ ކުރުމަށް ގައުމުތައް ނުކުޅެދުންތެރިވެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހަ ޒުވާނުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އެ ހަ ޒުވާނުންގެ ތެރޭގައި ހިމެނެނީ 11 އަހަރުން ފެށިގެން 24 އަހަރާ ދެމެދުގެ ކުދިންނެވެ. މީގެ ކުރީން މިފަދަ މައްސަލައެއް ހިއުމަން ރައިޓްސް ކޯޓަށް ގޮސްފައި ނުވާއިރު މިއަދު މި ކޯޓުގައި މައްސަލައާ ގުޅޭ އަޑުއެހުންތައް ވަނީ ފެށިގެން ގޮސްފައެވެ. މިއީ މިހާތަނަށް ކޯޓުގައި ތިމާވެއްޓާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ފުރަތަމަ މައްސަލައެވެ. ހިއުމަން ރައިޓްސް ކޯޓަށް މި މައްސަލަ ވައްދާފައިވަނީ ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ގައުމުތައް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުން އޭގެ ސަބަބުން އިންސާނީ ހައްގުތައް ނެތިގެން ދިޔުމާއި ފުރާނަތަކަށް ގެއްލުން ވާ ތަން ފެނިގެން ކަމަށް ހުށަހެޅި މައްސަލައިގައި ވެއެވެ. މި މައްސަލަ ކޯޓުން ފާސްވެއްޖެ ނަމަ ތިމާވެށީގެ ރައްކާތެރިކަމަށް ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭނެއެވެ. އަދި ތިމާވެއްޓަށް ގެއްލުންވާ އަމަލުތަކުން އިންސާނުންނަށް އޭގެ އަސަރުތައް ފެންނަ ނަމަ އޭގެ ސަބަބުން ބޮޑެތި އަދަބުތައް ވެސް ލިބިގެންދާނެއެވެ. އަދި މިފަދަ މައްސަލަތައް ކޯޓުގައި ބަލައިގަންނަ މިންވަރުތައް ވެސް އިތުރުވާނެއެވެ. މި މައްސަލައިގައި ކޯޓަށް ގެންގޮސްފައިވާ 32 ގައުމުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމުގެ އިތުރުން ނޯވޭ އާއި ރަޝިއާ އާއި ސްވިޓްޒަލެންޑާއި ޓާކީގެ އިތުރުން އިނގިރޭސިވިލާތު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ