''އިސްރާއީލުން ކޮންމެ ދުވަހަކު ކުށެއް ނެތް ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރަމުންދާއިރު ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟''

އިސްރާއީލުން ރެޔާއި ދުވާލު މެދު ނުކެނޑި ޣައްޒާއަށް ބޮން އަޅައި ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދު ކުރަމުން އަންނައުރު ބައިނަލް އަގްވާމީ މުޖުތަމައުވީ ކޮންތާކުތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު ކުރައްވައިފިއެވެ.
ފަލަސްތީނުގެ ބިމުގެ ދިފާއުގައި އެ ބިމުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުން މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލަތަކަށްފަހު، އިސްރާއީލުން، ފަލަސްތީނާ ދެކޮޅަށް ފެށި އުދުވާނުގައި ދަނީ ލާއިންސާނީ ރަޙުމްކުޑަ އެތައް ޢަމަލުތަކެއް ހިންގަމުންނެވެ. އިސްރާއީލުގެ ހަމަލާތައް ކުށެއްނެތް ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށާއި، ހޮސްޕިޓާ، ސްކޫލް ފަދަ ތަންތަނަށް އަމާޒުކުރަމުން އަންނައިރު ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު މިހާތަނަށް ވަނީ ޝަހީދުވެ، ގެދޮރުގެއްލި މަގުމަތިވެފައެވެ.
ރެޔަކީ އިސްރާއީލުގެ ހަމަލާތައް މިހާތަނަށް އެންމެ ވަރުގަދަކުރި ރެއެވެ. ރޭގައި މެދުނުކެނޑި ބޮމުގެ ހަމަލާތައް ފަލަސްތީނުގެ ޣާޒާއަށް ދިންއިރު، އިންޓަނެޓް ޚިދުމަތް ހުއްޓުވައި، އެ ރަށާއި ބައިނަލްއަގްވާމީ ގުޅުން ވެސް އިސްރާއީލުން ވަނީ ކަނޑާލާފައެވެ. ކާނާއާއި، ބޭހާއި، ފެނާއި، ކަރަންޓްގެ ޚިދުމަތް ވެސް އިސްރާއީލުން ހުއްޓުވާފައިވާއިރު ޣާޒާގައި މުސްލިމުން ނައްތާލުމުގެ ބޮޑު ހަނގުރާމައެއް އެ ގަމުން ދަނީ ހިންގަމުންނެވެ.
ކަން މިހެން ހިނގަމުންދާއިރު ރާއްޖޭގެ ކުރީގެ ރައީސް މައުމޫން މިއަދު ''އެކްސް''ގައި ލިޔުއްވާފައި ވަނީ ރެޔާއި ދުވާލު މެދު ނުކެނޑި އިސްރާއީލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން އަންނައިއިރު، ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުން އަންނަކަމަށެވެ. އަދި ''ތިޔަ ވިދާޅުވާ ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟'' ސުވާލު ކުރައްވާފަވެއެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކާއި ގުޅުވައި ޖެހިގެން އައި ދުވަހު މައުމޫން ވަނީ އެކްސްގައި ޝުއޫރު ފާޅު ކުރައްވާފައެވެ. އެ ދުވަހު މައުމޫން ވިދާޅުވެފައި ވަނީ، މިދިޔަ ހޮނިހިރު (އޮކްޓޯބަރު 7 ވަނަ) ދުވަހު ފަލަޞްޠީނުގެ ހިތްވަރުގަދަ މުޖާހިދުން ފެށި ޖިހާދުގެ އާ މަރުޙަލާ އަކީ މުސްލިމުންނާއި ޢަރަބީންގެ ކަރާމަތާއި ޝަރަފަށް ޓަކާ ފެށި ޚުތޫރަތްތެރި އާ މަރުޙަލާއެއް ކަމަށެވެ. އަދި އެ މަސައްކަތަށް މާތް ﷲ ނަޞްރާއި ކާމިޔާބީ ދެއްވުން އެދި ވަނީ ދުޢާ ކުރައްވާފައެވެ.
އިސްރާއީލުން ޣައްޒާގެ މުސްލިމު ނަސްލު ނެތިކޮށްލުމުގެ ހަނގުރާމައެއް ފަށާފައިވާއިރު، އެކަމަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން ދަނީ ވާގިވެރިވެ މަދަދު ދެމުންނެވެ. އަދި މި މައްސަލާގައި ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން އޮތްއިރު އެ ފަރާތްތަކުގެ ''ލޮލެއް''، ''ކަންފަތެއް''، ''އިހްސާސްވުމެއް''، ''ހިތެއް'' ވެސް ނެތް ފަދައެވެ. ބައެއް ގައުމުތަކުގެ ރައްޔިތުން މަގުތަކަށް ނުކުމެ ޣައްޒާގެ ދިފާއުގައި އަޑު އުފުލަމުން ދިޔަ ނަމަވެސް ބާރުވެރި ސަރުކާރުތަކުން ހުސް ވާހަކަތައް ދެއްކުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.
ދުނިޔޭގެ ގައުމުތައް ގުޅިގެން އުފައްދާފައިވާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އަށް ވެސް މިކަމަށް ކިރިޔާވެސް ރަސްމީ މަސައްކަތެއް ކޮށް ނިންމާލެވުނީ އަދި ރޭގަ އެވެ. މިގޮތުން އދ. ގެ އާންމު މަޖިލިހުން ބޭއްވި ކުއްލި ބައްދަލުވުމުގައި، އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ގަރާރެއް ވަނީ ފާސްކޮށްފައެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ގައުމުތަކުން އަމަލުކުރުން ލާޒިމް ނޫން މި ގަރާރަށް އދ. ގެ 120 ގައުމަކުން ތާއީދުކޮށްފައިވެއެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދިން އިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދީ 45 ގައުމަކުން ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ